Roadha Mihaaru
ޓްރިވެންޑްރަމުން 200އަށް ވުރެ ގިނަ ދިވެހިން ގެންނަނީ

ޓްރިވެންޑްރަމްގައި ތިބި 200 އަށް ވުރެ ގިނަ ދިވެހިން މިއަދު ރާއްޖެ އަށް

11 އެޕްރީލް 2020

ކޮވިޑް-19 އިން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އިންޑިއާ 21 ދުވަހަށް ބަންދުކުރުމުން ރާއްޖެ ނާދެވި ޓްރިވެންޑްރަމްގައި ތާށިވި 200 އަށް ވުރެ ގިނަ ދިވެހިން މިއަދު ރާއްޖެ ގެންނާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އިން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އިންޑިއާ 21 ދުވަހަށް ބަންދުކުރުމުން ރާއްޖެ ނާދެވި ޓްރިވެންޑްރަމްގައި ތާށިވި 200 އަށް ވުރެ ގިނަ ދިވެހިން މިއަދު ރާއްޖެ ގެންނާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފި އެވެ.

އިންޑިއާގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމަށް ބާއްވާ ރެސްކިއު ދެ ފްލައިޓެއްގައި 207 މީހަކު ރާއްޖެ ގެންނަން ނިންމާފައިވާއިރު، މިއަދުގެ މެންދުރާ ހަމައަށް 50 މީހަކު ވަނީ އައިސްފަ އެވެ.

އެ ގައުމުގައި ތިބި ދިވެހިންނަށް 150 ކެއާ ޕެކޭޖް ކާގޯގެ ގޮތުގައި އެކި އާއިލާތަކުން ފޮނުވި ތަކެތި ފޯރުކޮށްދިން ކަމަށް ވެސް މޯލްޑިވިއަން އިން ބުނެ އެވެ.

އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މި ދުވަސްވަރު ރާއްޖެ އަންނަ އެންމެން ވެސް 14 ދުވަހަށް ކަރަންޓީ ފެސިލިޓީތަކުގައި ބައިތިއްބާނެތީ ޓްރިވެންޑްރަމުން އަންނަ މީހުންނާ މެދު ވެސް އަމަލު ކުރާނީ އެ ގޮތަށެވެ.

އިންޑިއާގެ ކޮޗިންގައި ތާށިވެފައި ތިބި 183 ދިވެއްސަކު ވެސް މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މީގެ ކުރިން ވަނީ ރާއްޖެ ގެނެސްފަ އެވެ. އިންޑިއާގައި ތިބި 390 ދިވެއްސަކު ދެ ބުރެއްގެ މަތިން ރާއްޖެ ގެންނައިރު، އަދިވެސް އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހިން އެބައުޅެ އެވެ.

ޓްރިވެންޑްރަމްގައި ތިބި ދިވެހިންތަކެއް ރާއްޖެ އައުމަށްޓަކައި އެ ސިޓީގެ އެއާޕޯޓުގައި ޗެކިން ކުރަނީ.

ޓްރިވެންޑްރަމްގައި ތިބި ދިވެހިންތަކެއް ރާއްޖެ އައުމަށްޓަކައި އެ ސިޓީގެ އެއާޕޯޓުގައި ޗެކިން ކުރަނީ.

އިންޑިއާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް ދިވެހިން ރާއްޖެ ނާދެވި އެބަތިއްބެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އާއި ނޭޕާލާއި މެލޭޝިއާ އާއި ތައިލެންޑް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ގައުމުތަކުން ހުއްދަ ލިބުނު ވަރަކުން ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވެސް ބައެއް ގައުމުތަކުގައި ތިބި ދިވެހިން ވަނީ ރާއްޖެ ގެނެސްފަ އެވެ.

ސްރީ ލަންކާ އިން 100 ދިވެހިން، މެލޭޝިއާ އިން 200 ދިވެއްސަކު މިހާތަނަށް ރާއްޖެ ގެނެސްފައިވާއިރު، ކުރިމަގުގައި ބާއްވަން ހަމަޖައްސާ މަތިންދާބޯޓުތަކުގެ ތާވަލް ވެސް ވީ އެންމެ އަވަހަކަށް އާންމު ކުރާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

ކޮޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެ ބަލިމަޑުކަމުގެ ހާލަތެއްގައި އޮތް އިރު ރާއްޖެ އިން ބޭރު އެކި ގައުމުތަކުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ،ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިން ވެސް ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ވުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

މި ހާލަތުގައި ރާއްޖެ އިން ބޭރުގައި އެއްވެސް ދިވެއްސަކު ހާލުގައި ޖެހުނަ ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވެސް ވަނީ ދީފަ އެވެ.