Roadha Mihaaru
ގަތަރު އެއާވޭސް ރާއްޖެއަށް ދަތުރު ކުރަތާ 20 އަހަރު ފާހަގަކޮށްފި

ގަތަރު އެއާވޭސް ރާއްޖެއަށް ދަތުރުކުރަތާ 20 އަހަރު ފާހަގަކޮށްފި

18 ޑިސެމްބަރ 2021

ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރު ކުރާތާ 20 އަހަރުވުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލް އިން ފާހަގަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރު ކުރާތާ 20 އަހަރުވުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލް އިން ފާހަގަކޮށްފި އެވެ.

ގަތަރު އެއާވޭސް އިން އެންމެ ފުރަތަމަ ރާއްޖެ އަށް ދަތުރުތައް ފެށީ 2001 ވަނަ އަހަރު އެވެ.

އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގަތަރުގެ ފްލައިޓް ޖެއްސިވަގުތު ވޯޓާ ސެލިއުޓަކުން އެ ބޯޓަށް މަރުހަބާ ކިޔާފައިވެ އެވެ. މި ރަސްމިއްޔާތުގައި ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގަތަރު އެއާވޭސް މެދުވެރިކޮށް ރާއްޖެއަށް ދުނިޔޭގެ އެކި މަންޒިލްތަކުން ދަތުރު ކުރަމުން އަންނަ ކަމަށާއި އެ އެއާލައިންގެ ސަބަބުން ރާއްޖެ ދުނިޔޭގެ އެހެން ސަރަހައްދުތަކާ ގުޅާލުމަށް އެހީތެރިކަން ލިބުނު ކަމަށެވެ.

"ކޮވިޑަށް ފަހު މިދިޔަ އަހަރު އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލި ދުވަހު ވެސް ރާއްޖެއަށް އައީ ގަތަރު އެއާވޭސްގެ ބޯޓެއް. އުންމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ވެސް ތި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފުޅާކުރުން،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީޢެލްގެ އެކްޓިން ސީއީއޯ އިބްރާހިމް ތޯހާ ވިދާޅުވީ، ގަތަރު އެއާލައިންގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ގެނައުމަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. އަދިި ކޮވިޑްގެ ހާލަތުގައި ވެސް އެއާލައިންގެ ދަތުރުތައް އެންމެ އަވަހަށް ފެށުމުން ރާއްޖެއަށް ދަތުރު ކުރުމުގައި އެއާލައިނުން ދޭ އަހައްމިއްޔަތުކަން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން ގަތަރުން ހަފްތާއަކު 21 ފްލައިޓް ބޭއްވި އެވެ. އެއަށް ޑިމާންޑު އިތުރުވާން ފެށުމުން މިހާރު ރާއްޖެއަށް ހަފްތާއަކު 28 ފްލައިޓު އާދެ އެވެ. އެ އެއާލައިނުން ދުވާލަޖު 1،000 ވުރެ ގިނަ ފަސިންޖަރުން ރާއްޖެއަށް ދަތުރުކުރެ އެވެ. މިއީ މަހަކަށް ނަމަ 36،000 ފަސިންޖަރުންނެވެ. ގަތަރު އެއާވޭސް އަކީ ދޯހާ މެދުވެރިކޮށް ރާއްޖެއަށް މީހުން ގެންނަ އެއާލައިނެވެ.