Roadha Mihaaru
10 އެއާލައިނަކުން ސްލޮޓަށް ވަނީ އެދިފައި:އެމްއޭސީއެލް

ވީއައިއޭ ހުޅުވާލާއިރު، 10 އެއާލައިނަކުން ވަނީ ސްލޮޓަށް އެދިފައި: އެމްއޭސީއެލް

21 ޖޫން 2020

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައިލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ހޯދަން މިހާތަނަށް ބައިނަލްއަގްވާމީ 10 އެއާލައިނަކުން އެދިފައިވާ ކަމަށް އެމްއޭސީއެލް އިން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައިލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ހޯދަން މިހާތަނަށް ބައިނަލްއަގްވާމީ 10 އެއާލައިނަކުން އެދިފައިވާ ކަމަށް އެމްއޭސީއެލް އިން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ގެ ބައްދަަލުމުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްްޓަރު މޫސާ ސޯލިހު ވިދާވީ، ރާއްޖެ އަށް ދަތުރުކުރުމަށް މިހާތަނަށް ނަން ނޯޓު ކޮށްފައިވާ އެއާލައިންތަކުން އެ އަދަދަަށް ދަތުރުކުރާނެ ކަަމަށް ބެލެވުނަސް، ހާލަތަށް އަންނަ ބަދަލަކުން އަދަދު މަދު ނުވަތަ ގިނަ ވެސް ވެދާނެ ކަމަށެވެ. އެކަމަކު، ތިން މަސް ފަހުން ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނަށް ދާއިރު، އޭގެ ތިން ގުނަ އިތުރަށް ފްލައިޓްތައް ބާއްވަން ވެސް އެއާލައިންތަކުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީޒަނަށް ވެސް އެބަހުރި އޭގެ ދެ ގުނަ ތިން ގުނަ އޯލްރެޑީ ފައިލްޑް އިނގޭތޯ. އެ ބޭފުޅުން ބޭނުމެއް ނޫން އެ ގަޑިތަކާއި އެ ސްލޮޓްތައް ދޫކޮށްލާކަށް ވެސް. އެހެންވީމާ ބައެއް ފަރާތްތަކުން އެބަހުރި އެ ހިފެހެއްޓުމުގެ ނިޔަތުގައި ވެސް ބައެއް ސްްލޮޓްތައް ބުކް ކޮށްްފައި،" ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ކޮވިޑް-19 އިން ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ މަހު ބޯޑަރު އަލުން ހުޅުވައިލުމަށެވެ. އަލުން ދަތުރުތައް ފަށާއިރު، ޝެޑިއުލަށް ވުރެ ގިނައިން ރާއްޖެއަށް ކުރާނީ ޗާޓާޑް ދަތުރުތަކާއި ޕްރައިވެޓް ދަތުރުތަކަށް ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ. އެހެންވެ، މާފަރު އެއާޕޯޓާއި މާމިގިލީ އެއާޕޯޓަށް ހުއްދަ ދޭން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވި ގޮތުގައި، އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ހުށަހަޅާފައިވާ އެއާލައިންތަކުގެ ތެރޭގައި ގަތަރު އެއާވޭސް، އެމިރޭޓްސް، ސްރީ ލަންކަން އަދި އިންޑިގޯ ހިމެނެ އެވެ. ދުވާލަކު ތިން ދަތުރުކުރަން ސްރީ ލަންކަން އެއާލައިންސުން އެކަނި ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑް އުޅުނަސް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، ގިނަ އަދަދެއްގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސޭނެ ފެންވަރަށް އެމްއޭސީއެލް އޮތީ ތައްޔާރުވެފަ އެވެ. އެގޮތުން މަތިންދާބޯޓެއް ޖައްސާތާ 20 މިނިޓުގެ ތެރޭގައި އެ ބޯޓެއްގެ ކަންތައްތައް ހަމަޖެއްސުމުގެ ގާބިލުކަން އެ ކުންފުނީގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ، ރާއްޖެ އަށް ދަތުރު ފަށަން ބޭނުންވާ އެއާލައިންތައް ތިބީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށެވެ. އެހެންވެ، މި އަހަރުގެ ބާކީ ބައިގައި ރާއްޖެ އަށް ނުވަ ލައްކަ ޓޫރިސްޓުން ގެނައުމަކީ ޓޫރިޒަމް މިނިސްޓްރީއެކޭ އެއްގޮތަށް އެމްއޭސީއެލްގެ ވެސް އުންމީދެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވި ގޮތުގައި، އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ހުށަހަޅާފައިވާ އެއާލައިންތަކުގެ ތެރޭގައި ގަތަރު އެއާވޭސް، އެމިރޭޓްސް، ސްރީ ލަންކަން އަދި އިންޑިގޯ ހިމެނެ އެވެ. ދުވާލަކު ތިން ދަތުރުކުރަން ސްރީ ލަންކަން އެއާލައިންސުން އެކަނި ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ އެއާލައިންތަކުން ވެސް ދުވާލަކު ވިއްސަކަށް ދަތުރުކުރާނެ ކަމަށް ބަލަމުން އަންނަ ކަމަށް އިބްރާހީމް ވިދާޅުވި އެވެ.