Roadha Mihaaru
އަރަބިއްޔާގެ ބެލެނިވެރިން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫން

އަރަބިއްޔާގެ ބެލެނިވެރިން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫން، މިނިސްޓަރު ވިދާޅުވީ ދެރަގޮތެއް ނުވާނެ ކަމަށް

19 ޑިސެމްބަރ 2021

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ގެންދިއުމަކީ އޮޕްޝަނެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ހައްލެއް ނުލިބެނީސް މަސައްކަތް ހުއްޓާނުލާނެ ކަމަށް، އެ ސްކޫލުގެ ބެލެނިވެރިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ގެންދިއުމަކީ އޮޕްޝަނެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ހައްލެއް ނުލިބެނީސް މަސައްކަތް ހުއްޓާނުލާނެ ކަމަށް، އެ ސްކޫލުގެ ބެލެނިވެރިން މިއަދު ބުނެފި އެވެ.

މީގެ އަށް އަހަރުކުރިން ބޭނުންކުރަން ފެށި އަރަބިއްޔާ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ވަރަށް ބޮޑަށް ހަލާކުވުމުން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ އަންނަ މަހުގެ 16 ގައި ފަށާ ދެ ވަނަ ޓާމަށް ވަގުތީ ގޮތުން އެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާށެވެ.

ނަމަވެސް، އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއްގެ ތެރޭގައި އަރަބި މީޑިއަމްގެ ދަރިވަރުން ކިޔެވުމަކީ ފަސޭހަވާނެ ކަމެއް ނޫން ކަމަށް ބުނެ އެ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަރަބިއްޔާގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އާ އެކު އެ ސްކޫލުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ހަވީރު ބައްދަލުވުމެއް ކުރިއަށްގެންދަނިކޮށް، 770 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލްގެ ބެލެނިވެރިން ވަނީ ސްކޫލު ބޭރުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ އިއްޒުއްދީން ސްކޫލުގައި ތިބި 200 އެއްހާ ދަރިވަރުން އެހެން ސްކޫލުތަކަށް ބަދަލުކުރުމަށްފަހު، އިއްޒުއްދީން ހަމައެކަނި އަރަބިއްޔާ އަށް ދީފިނަމަ އެކަން ގަބޫލުކުރާނެ ކަމަށެވެ.

"އަރަބިއްޔާ ސްކޫލެއް ނޫން އަބަދު ބިކަވާން ޖެހޭނީ. އަބަދު އަރަބިއްޔާ ސްކޫލެއް ނޫން، ސްކޫލު އިމާރާތުން ނުކުންނަން ޖެހޭނީ. އަޅުގަނޑުމެން މަންދު ކޮލެޖުގައި އުޅެފިން. ކުދިން ވަރަށް ދަތިހާލުގައި ކިޔަވަމުން ދިޔައީ. އެ އިހުސާސްތައް ދެ ވަނަ ފަހަރަށް ތަޖުރިބާކުރާކަށް ނެތީން. އަޅުގަނޑުމެންގެ ސްކޫލަށްތޯ އަބަދު މިގޮތް ދިމާވަނީ،" ޝާދިޔާ ވިދާޅުވި އެވެ.

"އަބަދު ވެސް އިވެނީ އަރަބިއްޔާ ބެލެނިވެރިން ގޮތް ދޫނުކުރާ ވާހަކަ. އަޅުގަނޑުމެން ގޮތް ދޫނުކުރެއޭ، ކީއްވެހޭ ދައްކާ ތަނަކަށް ނުވަންނަނީ. އަޅުގަނޑުމެން ކިހިނެއްތޯ ޝެއާ ކުރާނީ. އަޅުގަނޑު ދެންނެވީ އިސްލާމިކް މިނިސްޓްރީ ތެރޭގައި ޔޫތު މިނިސްޓްރީ ތި ބޭފުޅުން ހިންގަވާށޭ. ކިހިނެއްތޯ ހިންގަވާނީ."

އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި، އެ ސްކޫލުގެ ބެލެނިވެރިން މިއަދު އިހުތިޖާޖުކުރަނީ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި، އެ ސްކޫލުގެ ބެލެނިވެރިން މިއަދު އިހުތިޖާޖުކުރަނީ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދަރިވަރުންގެ ކިޔެވުން ގެއްލިގެންދާކަށް ބޭނުން ނުވާ ކަމަށާއި މަޝްވަރާގެ އުސޫލުން ކަންކަން ހައްލުކުރަން ބޭނުންވާ ކަމަށް ޝާދިޔާ ވިދާޅުވި އެވެ. އަދި ދަރިވަރުން މީގެ ކުރިން އުފުލި ތަކުލީފުތައް އަލުން ތަކުރާރުވާން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާދިޔާ ވިދާޅުވީ އަންނަ މަހުގެ 16 ގައި ފަށާ މި ހިނގާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމް ފެށެން ވާއިރަށް އިމާރާތުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ސަރުކާރުން އަރަބިއްޔާ "ބޮލާލާ ޖަހާނެ ކަމަށް" ގަބޫލުނުކުރެއްވިއަސް، އެންމެ ފަހު ވަގުތު ވެސް އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާ އެކު ކިޔަވަން ޖެހިއްޖެނަމަ ސްކޫލަށް ނުގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ޕީޓީއޭގެ ހަޒާންދާރު ޔޫސުފް އަބްދުﷲ ވިދާޅުވީ މީގެ ކުރިން ދަރިވަރުން ބިކަވެގެންދިޔަ މަންޒަރު ދެކި، އެކަން ތަޖުރިބާކުރެވުނު ކަމަށެވެ. މި ފަހަރު ވެސް އަރަބިއްޔާގެ ދަރިވަރުން ސްކޫލުން ނުކުމެ، މަގުމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ ވެސް ދާން މި ޖެހެނީ އިއްޒުއްދީން ސްކޫލަށް. އޭރު ވެސް ދިޔަތަން އެއީ. އެ ތަނުގައި ޖާގައިގެ ދަތިކަމާ، މި ހުރިހާ ކަމެއް އަރަބިއްޔާގެ ބެލެނިވެރިން، ދަރިވަރުން ތަހައްމަލްކޮށްފައި ހުރި ކަންތައްތައް އެއީ. އެއްގޮތަކަށް ވެސް އަރަބިއްޔާގެ ބެލެނިވެރިން ބޭނުމެއް ނުވޭ އަލުން އަނެއްކާ އިއްޒުއްދީނަށް ދާކަށް،" ޔޫސުފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަރަބިއްޔާ ސްކޫލަށް ދަރިވަރުން ގެންދަން ޖެހެނީ އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާ އެއްކޮށް ކަމަށް ވުމުން ޖާގައިގެ ދަތިކަން ދިމާވާނެ ކަމަށެވެ. އަރަބިއްޔާ ސްކޫލު މިހާރު ހިންގަނީ 11،000 އަކަފޫޓުގެ ބިމުގައި، 46 ކްލާސްރޫމް ހުންނަ ހަތް ބުރީގެ އިމާރާތެއްގައި ދެ ދަންފަޅިއަށެވެ.

އެކަމަކު އިއްޒުއްދީނަކީ ވިއްސަކަށް ކްލާސްރޫމް ހުންނަ 8،000 އަކަފޫޓުގެ ސްކޫލެކެވެ.

"....މިއީ އެއްގޮތަކަށް ވެސް ބެލެނިވެރިން ތަހައްމަލްކުރަން ބޭނުންވާ ކަންތައްތަކެއް ނޫން. ޝެއާކޮށްގެން އެތަނަށް ދާކަށް ބެލެނިވެރިން އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ. ބެލެނިވެރިންގެ ފަރާތުން މި އެދުނީ މިނިސްޓަރުގެ އަރިހުގައި އަދި އެއްފަހަރު މިކަން ރިވިއުކޮށްދީފައި މިއަށްވުރެ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާށޭ،" ޔޫސުފް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އެކަން ސޯޝަލް ކައުންސިލާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އަރަބިއްޔާއަށް ދެރަގޮތެއް ނުވާނެ ކަމަށް

ޕީޓީއޭއާ އެކު ބޭއްވި ގާތްގަނޑަކަށް ދެ ގަޑިއިރުގެ ބައްދަލުވުމަށްފަހު މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ ޕްލޭނާ ބެލެނިވެރިން ދެކޮޅު ހަދާނަމަ އެކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރާނެ ކަމަށެވެ.

"އަދި އޮތް ނިންމުމަކީ އެއީ [އިއްޒުއްދީން ސްކޫލް ބޭނުންކުރުން]. މިއަދު ހިއްސާކޮށްލައިފިން. ކުރީގައި ހަމަ އޮތް ނިންމުން މި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި، އެ ސްކޫލުގެ ބެލެނިވެރިން މިއަދު އިހުތިޖާޖުކުރަނީ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި، އެ ސްކޫލުގެ ބެލެނިވެރިން މިއަދު އިހުތިޖާޖުކުރަނީ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލެއިން އަރަބިއްޔާއަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ހަފުތާގެ ތެރޭގައި އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިތްހަމަނުޖެހުނަސް ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ ބެލެނިވެރިންނަށް އޮތް ޗޮއިސްއެއް ނޫން ކަމަށެވެ. އެކަން ގަބޫލެއް ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެ މީޑިއަމް އެއްކޮށްލައިގެން ނޫން ކިޔަވައިދޭނީ. ވަކިން ކިޔަވައިދޭނީ. ހުރިހާ އޮޕްޝަނެއް މި ބަލަނީ. އެންމެ ދުވަހެއް ވެސް އަޅުގަނޑުމެން ބޭނުންވަނީ ކުދިންގެ ކިޔެވުން ހުއްޓުނަ ނުދީ ކުރިއަށްދާން. ވަރަށް ވަގުތީ ބަދަލަކަށް އިއްޒުއްދީނަށް ބަދަލުކުރަން މި އުޅެނީ. އެކަމަކު ދެ ބައި ވަކިން ތިބޭނީ. ޓީޗަރުން ވެސް ވަކިން ތިއްބަވާނީ، ޕްރިންސިޕަލް ވެސް ވަކިން އިންނަވާނީ. ކުދިން ވެސް ވަކިން ތިބޭނީ. އެހެންވީމަ، އެއްކޮށެއް ނޫން އެ ކުދިން ކިޔަވާނީ،" އޭނާ ވިދާޅުވި އެވެ.

ބެލެނިވެރިން "ސޭވް އަރަބިއްޔާ" ގެ ނަމުގައި ކެމްޕެއިން ކުރިއަށްގެންދާތީ މިނިސްޓަރު ވިދާޅުވީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

"މިތަން ދިވެހިރާއްޖެއިން ނައްތާލާކަށް ވެސް ނޫޅެން. އަޅުގަނޑުމެން އަބަދު ވެސް އިސްލާމީ، އަރަބި ތައުލީމް ރާއްޖޭގައި ބާއްވަން ވަރަށް މަސައްކަތްކުރާނަން. އޭގެ އެއް ރަމްޒު އެއީ މި ކުދިންގެ ކިޔެވުން ހުއްޓުނަ ނުދީ ކުރިއަށްގެންދަން ރާވާފައި މި އޮތީ. ހުޅުމާލެއިން 60،000 އަކަފޫޓުގެ ބިމެއް އަރަބިއްޔާއަށް މި ހާއްސަކުރަނީ. މާލެއިން ބިމެއް މިހާރު ހަމަޖެއްސޭތޯ މި ބަލަނީ މިތަން ކުޑަވުމުން މި ބޭފުޅުން ބޭނުން ގޮތަކަށް ސްކޫލް އަޅައިދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

"ސޭވް އަރަބިއްޔާ އަސްލު އަޅުގަނޑު ގަބޫލުކުރާ އެއްޗެއް ނޫން. އަޅުގަނޑުމެން ނޫޅެން އަރަބިއްޔާ ނައްތާލާކަށް. ސޭވް އަރަބިއްޔާއޭ ވިދާޅުވީމަ އަޅުގަނޑު ދެރަވޭ،" އަރަބިއްޔާ މައްސަލައިގައި ވަރަށް އަވަހަށް ނިއުސް ކޮންފަރެންސެއް ބާއްވާނެކަން އިއުލާނުކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލު އެންމެ ފުރަަތަމަ ހިންގީ މަޖީދީ މަގުގައި ފްލެޓުތައް ހަދާފައި އޮންނަ ބިމުގަ އެވެ. އެ ތަނުން ދެން ބަދަލުކުރީ، އިއްޒުއްދީން ސްކޫލު ހިންގާ ކުރީގެެ އެމްއީއެސް އިމާރާތަށެވެ. އެ އިމާރާތުން ދެން ބަދަލުވީ މިހާރު ބޭނުންކުރާ އިމާރާތަށެވެ. ނަމަވެސް އާ އިމާރާތަށް ބަދަލުވިއިރު ހުރިހާ ފްލޯއެއް ނުނިމޭތީ ފުރަތަމަ އަހަރު ބައެއް ގްރޭޑުތައް ކިޔެވީ އަމީނިއްޔާގެ ކްލާސްރޫމްތަކެއްގަ އެވެ.