Roadha Mihaaru
އަރަބިއްޔާ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމައިފި

16 ޑިސެމްބަރ 2021

އަރަބިއްޔާ ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން، ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރަބިއްޔާ ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން، ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މީގެ އަށް އަހަރުކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އާ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުލާފައި ހުރުމުން އެ ތަނަށް ދަރިވަރުން ފޮނުވުމަށް ބެލެނިވެރިން ދަނީ ފަސްޖެހުމުންނެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެތައް ފަހަރަކު ސަރުކާރުގައި އެދިފައިވެ އެވެ.

އެކަމާ ގުޅިގެން އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ އަރަބިއްޔާ ސްކޫލް އިމާރާތުގެ ހާލަތު ހުރިގޮތުން އެ ތަނުގައި ދަރިވަރުުންނަށް ކިޔަވައި ދިނުން އެންމެ ރައްކާތެރި ނޫން ކަމަށެވެ. ނަމަވެސް އިމާރާތަށް ދިމާވެފައިވާ މައްސަލަ ބަލައި ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވިޔަސް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ގެއްލުންތަކަށް ވީހާ ވެސް ހައްލެއް ހޯދައިދިނުމަށް ކަމަށް ބުންޏެވެ.

"މިފަދަ ހައްލެއް ހޯދެންދެން ވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ އެންމެންގެ މައްޗަށް ލާޒިމުކަމެކެވެ. ހަތްސަތޭކައަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތްކޮށްފައި ހުރި ތަނެއްގަ އެވެ،" ބަޔާނުގައި ވެ އެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް ނިންމާފައިވަނީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށާއި މިހާރު ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލް އަރަބި މީޑިއަމަށް ހާއްސަކުރުމަށާއި ސްޓްރަކްޗަރަލް އެސެސްމަންޓްގެ ރިކޮމެންޑޭޝަނާ އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމެވެ.

މިދިޔަ އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު.--ފައިލް ފޮޓޯ: މިހާރު

މިދިޔަ އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު.--ފައިލް ފޮޓޯ: މިހާރު

"މި އިމާރާތް [މިހާރު ސްކޫލު ހިންގާ ތަން] ހުންނާނީ އަބަދުވެސް އަރަބިއްޔާއަށް ހާއްސަ ކުރެވިފައި ކަމުގައި ދަންނަވަމެވެ،" މިނިސްޓްރީން ބުންޏެވެ.

އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމި ނަމަވެސް، އެކަމާ ބެލެނިވެރިން ދިޔައީ ދެކޮޅު ހަދަމުންނެވެ. އެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ، ދެ މީޑިއަމަކަށް ކިޔަވައިދޭ ސްކޫލެއް އެއް ތަނެއްގައި ހިންގުމަށް ދަތިވާނެ ކަމެވެ.

މިނިސްޓްރީގެ މި ނިންމުން އިތުރަށް ތަފްސީލު ކޮށްދެއްވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު "މިހާރު" އަށް ވިދާޅުވީ އިއްޒުއްދީންގެ އެންމެ މަތީ ކްލާސްތަކުގައި ހެނދުނު 9:00 ން މެންދުރު 12:00 އަށް ކިޔަވައިދޭނީ އަރަބިއްޔާއަށް ހެނދުނު ދާ ދަރިވަރުންނަށެވެ.

މެންދުރު ފަހު ދަންފަޅި ހާއްސަކޮށްފައިވަނީ ހަމައެކަނި އަރަބިއްޔާގެ ދަރިވަރުންނަށެވެ.

"މި ގޮތަށް ބަދަލުކުރީމަ ދެ ސްކޫލު ވެސް އެކަމޮޑޭޓް ކުރެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.

ހުޅުމާލެ ދެެ ވަނަ ފިޔަވަހީގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މިހާރު އަންނަނީ ދެ ސްކޫލެއް އަޅަމުންނެވެ. އެ ތަނުން އެއް ސްކޫލު ހަމަޖައްސާފައިވަނީ އަރަބި މީޑިއަމަށް ކިޔަވައިދޭށެވެ.

އިއްޒުއްދީން ސްކޫލް މިހާރު ހިންގަމުން އަންނަނީ ކުރީގެ އެމްއީއެސް އަދި ފަހުން މަންދު ކޮލެޖް ހިންގި އިމާރާތުގަ އެވެ. އެ ތަން ސަރުކާރުގެ ސްކޫލަކަށް ބަދަލުކޮށް ކިޔަވައިދޭން ފެށީ މިދިޔަ އަހަރުގެ ދިރާސީ އާ އަހަރާއެކުގަ އެވެ. އެ ސްކޫލުގައި މި ވަގުތު ކިޔަވަމުން އަންނަނީ ގްރޭޑު 1-6 އަށް، 200 ވަރަކަށް ދަރިވަރުންނަށެވެ.