Roadha Mihaaru
8ގެ ކުދިން އަންނައަހަރު އޯލެވެލް ހަދާތީ ކަންބޮޑުވުން!

ގްރޭޑް 8ގެ ކުދިން އަންނަ އަހަރު އޯލެވެލް ހަދަން ޖެހޭތީ ކަންބޮޑުވޭ: ޑރ. އައިޝަތު އަލީ

11 ޖެނުއަރީ 2024

ގްރޭޑް އަށެއްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޯލެވެލް ހަދައި ގްރޭޑް 10އެއް ނިމޭ ގޮތަށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސްފައިވާތީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގްރޭޑް އަށެއްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޯލެވެލް ހަދައި ގްރޭޑް 10އެއް ނިމޭ ގޮތަށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސްފައިވާތީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު ގްރޭޑް އަށެއްގެ ދަރިވަރުން އަންނަ ހަފުތާއިން ފެށިގެން ކިޔަވާނީ އޯލެވެލް ސިލަބަހެވެ. އަދި އަހަރު ފަހުކޮޅު އިމްތިހާނު ހަދާނެ އެވެ.

ޖެނުއަރީގައި ކުރިން ފަށާ ދިރާސީއަހަރަށް، ކޮވިޑުގެ ތެރޭގައި ބަދަލު ގެނައީ މިނިސްޓަރަކަށް ޑރ. އައިޝަތު އަލީ ހުންނެވިއިރެވެ. މި ބަދަލު ދަރިވަރުންނާއި ޓީޗަރުންނަށް އެންމެ އެކަށީގެންނުވާ ކަމަށް ނިންމައި މި ސަރުކާރުން ވަނީ 2026 އިން ފެށިގެން ޖެނުއަރީގައި ދިރާސީ އަހަރު ފެށޭ ގޮތަށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސްފަ އެވެ.

އަށެއްގެ ދަރިވަރުން އަންނަ އަހަރު އޯލެވެލް ހަދާތީ ކަންބޮޑުވުންފާޅުކުރައްވައި އައިޝަތު އަލީ ވިދާޅުވީ އެއް ޓާމްގައި ކިޔަވައި ނުދީ އަންނަ އަހަރު އެ ކުދިން އޯލެވެލް އިމްތިހާނުގައި ބައިވެރިކުރުވަން މަސައްކަތްކުރުން ރަނގަޅެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ގްރޭޑް ހަތެއް އަދި އަށެއްގައި ހޭދަކުރާ ދެ އަހަރަކީ ދަރިވަރުންގެ މުސްތަގުބަލަށް މުހިންމު ކިޔެވުމެއް ކަމަށެވެ.

"ގްރޭޑް ހަތެއް އަދި އަށެއްގެ ކިޔެވުމަކީ އެ ކުދިން ހުރިހާ ސްޓްރީމްތަކެއްގެ މާއްދާތަކަށް އަހުލުވެރި ކުރުވާ، ގްރޭޑް ނުވައެއްގައި ސްޓްރީމް ހިޔާރުކުރަން އެއީތެރިވެދޭ ކިޔެވުމެއް. އަދި އެ ކުދިންގެ މުސްތަގުބަލަށް މުހިންމު ކިޔެވުމެއް. ކަރިކިއުލަމްގެ ހުރިހާ ބައިތަކެއް ވަނީ އެއް ބަޔާ އަނެއްބައި ލާމެހި ގުޅިފައި،" އައިޝަތު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިލަބަހަށް ބެލުމެއް ނެތި މި ސަރުކާރުން ގެނައި ބަދަލާ އެކު ސިލަބަސްގެ އެއްބައި ކިޔަވައި ނުދީ ދޫކޮށްލައިފި ނަމަ ބާކީބައި ކުދިންނަށް ފަހުމު ވުމުގައި އަސަރުކުރާނެކަން ޔަގީންވާ ކަމަށެވެ.

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ.---ފޮޓޯ: މިހާރު

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ.---ފޮޓޯ: މިހާރު

އޭގެ އިތުރުން އޯ ލެވެލްއަށް ތައްޔާރުވާ ދެ އަހަރަކީ ދަރިވަރުންނަށް ވަރަށް މުހިއްމު އަދި ވަރަށް ސްޓްރެސްފުލް ދެ އަހަރު ކަމަށާއި އަވަސް އަރުވާލައިގެން ދަރިވަރުންނަށް މިފަދަ ބުރައެއް ޖައްސަންވީ ހާލަތެއް މިވަގުތު ރާއްޖެއަކު ނެތް ކަމަށް އައިޝަތު އަލީ ވިދާޅުވި އެވެ.

"ކޮވިޑް 19އާ ގުޅިގެން ދަރިވަރުންގެ ނަފްސާނީ އަދި އިޖްތިމާއީ ތަރައްގީއަށްވަނީ ވަރަށް ބޮޑެެތި އަސަރުތަކެއްކޮށްފައި. އަނެއްކާ، ހަމަ އެ ދަރިވަރުންނަށް މިފަދަ ބުރައެއް ޖެއްސުމުން އެކުދިން މުޅި އުމުރުގައި މިކަމުގެ ނޭދެވޭ އަސަރުތައް ތަހައްމަލުކުރަންޖެހުން ގާތް،" އޭނާ ވިދާޅުވި އެވެ.

"ކުރީ ސަރުކާރުގައި ދިރާސީ އަހަރު ދިގު ދަންމާލަން ނިންމި އެންމެ މުހިއްމު ސަބަބަކީ ވެސް ކޮވިޑްގެ ސަބަބުން ދަރިވަރުންނަށް ދިމާވި އުނގެނުމުގެ ދަތިތަކުން އެ ކުދިން އަރައިގަތުމަށް ފުރުސަތު ދިނުން. މިބަދަލާ މެދު ބެލެނިވެރިންނާއި މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ވެރިން ވިސްނާލުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު.--

އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު.--

އައިޝަތު އަލީގެ އެ ވާހަކައަށް ތާއީދުކުރެއްވި އެޑިއުކޭޝަންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވެސް ވިދާޅުވީ މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ހަ މަސްދުވަހުގެ ކިޔެވުން ގެއްލުވާލުމަކީ އެ ދަރިިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ގްރޭޑް 8 އަކީ ދަރިވަރުންނަށް ސައިންސް، ބިޒްނަސް އަދި އާޓްސް ސްޓްރީމްގެ ބައިތައް ކިޔަވައިދޭ ގްރޭޑް. މިއީ ދަރިވަރުންނަށް ކުރިއަށްދާން ބޭނުންވާ ދާއިރާ ދަނެގަތުމަށާއި ސްޓްރީމް އިހްތިޔާރު ކުރުމަށް ކޮންމެހެން ބޭނުންތެރި ކިޔެވުމެއް،" އޭނާ ވިދާޅުވި އެވެ.

"އަދި ހަމަ އެހެންމެ ކޮންމެ ސްޓްރީމެއް އިހްތިޔާރު ކުރާ ކުއްޖާއަށް ވެސް ދިރިއުޅުމުގައި އެހެން ސްޓްރީމްތަކުން ކިޔަވައިދޭ މައުލޫމާތާއި ހުނަރު (މިސާލަކަށް ސައިންސް ކިޔަވާ ކުއްޖާއަށް ބިޒްނަސް/އިކޮނޮމިކް ސްކިލްސް ފަދަ ) އެނގެން ޖެހޭތީ ގްރޭޑް 8ގެ ކިޔެވުން ފުރިހަމަކުރުން ކޮންމެހެން މުހިއްމުވޭ."

އާތިޔާ ވިދާޅުވީ އެއީ ދިރާސާތަކުން ފެންނަން އޮތް ކަމެއް ކަމަށެވެ.

"އިމާރާތެއް ވަރުގަދަވަނީ ބިންގާވެސް ވަރުގަދަ ވެގެން. މި 6 މަސް ސެކްރިފައިޒްކޮށްލުމުގެ ނޭދެވޭ އަސަރު އެތައް ގޮތަކަށް މި ދަރިވަރުންނަށް ކުރާނެ. މިއީ ގައުމީ މަންހަޖުގެ ތަސައްވަރުކަމަށްވާ ދިރިއުޅުމަށް ދަރިވަރުން ތައްޔާރުކުރުމާ ދިމާ އިދިކޮޅަށް ނިންމާފައި އޮތް ނިންމުމެއް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ ބަދަލަކީ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. ސަބަބަކީ ގްރޭޑްގެ ކުދިންނަށް އޯ ލެވެލްއަށް ތައްޔާރުވުމަށް ދެ އަހަރު ލިބޭނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރިން އޮތް ގޮތުން ނަމަ ދަރިވަރުންނަށް ލިބެނީ އެންމެ އަހަރެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.