Roadha Mihaaru

އެފްއެސްއެމް ބަލިކޮށް އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފި

ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ވާދަކޮށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) 4-0 އިން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފި
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

19 ޑިސެމްބަރ 2021

ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ވާދަކޮށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) 4-0 އިން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލުގައި އަލަށް ވާދަކުރި ދެ ޓީމު ވެސް ފައިނަލަށް ދަތުރުކުރުމުގެ ކުރިން ބަލިވެފައި ވަނީ ގުރޫޕް ސްޓޭޖުގެ މެޗަކުންނެވެ.

އާރްއާރްސީން ނޮކައުޓް ބުރުގައި ދިރާގާއި އެމްޕީއެލް އަދި ފެނަކަ ބަލިކުރިއިރު އެފްއެސްއެމް އިން ވަނީ މުބާރާތުގެ ފޭވަރިޓުން ކަމަށް ބެލެވުނު ވެމްކޯ އާއި އެޗްޑީސީ ބަލިކޮށްފަ އެވެ. އެޗްޑީސީން ވަނީ ގްރޫޕް ސްޓޭޖުގައި އާރްއާރްސީ ބަލިކޮށްފަ އެވެ. އެފްއެސްއެމް އިން ފައިނަލަށް ދަތުރުކުރީ ސެމީގައި ޕްރިޒަން ކްލަބް ބަލިކޮށްގެންނެވެ.

އާރްއާރްސީން މިރޭގެ ފައިނަލަށް ނުކުތްއިރު އެ ޓީމުގެ އިސްމާއިލް މުނީޒް ހުރީ ސަސްޕެންޝަނުގަ އެވެ.

އާރްއާރްސީން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް އިބްރާހިމް އަސްވަދު (ގަބޭ) ޖަހައިދިން ލަނޑުންނެވެ. މި ގޯލަށް ފަހު އެފްއެސްއެމް އިން ވަނީ ބޮޑަށް ކުރިޔަށް ޖެހި، ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފަ އެވެ.

ކޯޗު އަބްދުﷲ ނަސީރު (އަބޯ) ގެ އިރުޝާދުގެ ދަށުން ކުޅުނު އާރްއާރްސީގެ ދެވަނަ ލަނޑު އާދަމް ނާސިހު (އާދަންނާ) ޖެހީ ފަހު ހާފު ނިމެން 10 މިނިޓަށްވެފައި ވަނިކޮށެވެ. އޭގެ ތިން މިނިޓް ފަހުން އާދަންނާގެ ދެވަނަ ލަނޑު ޖެހީ އެފްއެސްއެމްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލައި ކުރިޔަށް އަރައި، ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އާރްއާރްސީގެ އާދަންނާ، އޭނާގެ ފުރަތަމަ ލަނޑު ޖެހުމުގެ ކުރިން އެފްއެސްއެމްގެ ޖުމާން ކައިރިން ނައްޓާފައި ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އާރްއާރްސީގެ އާދަންނާ، އޭނާގެ ފުރަތަމަ ލަނޑު ޖެހުމުގެ ކުރިން އެފްއެސްއެމްގެ ޖުމާން ކައިރިން ނައްޓާފައި ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް އާދަންނާ ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަސްވަދު ފޮނުވާލި ބޯޅަ ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން ކައިރީގައި ހުރި އާދަންނާ ވަނީ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުތެރެއަށް ފޮނުވާލައިފަ އެވެ.

ކުރިން އެމްއާރުޑީސީގެ ނަމުގައި މުބާރާތުގައި ވާދަކުރި ނަމަވެސް އެ ކުންފުނި ވަނީ އުވާލައިފަ އެވެ. ފަހުން އާރުޑީސީ އުފެއްދުމާ އެކު، އާރްއާރްސީގެ ނަމުގައި އެ ޓީމު މުބާރާތުގައި ވާދަކުރަން ފެށި މިއީ ފުރަތަމަ ފަހަރެވެ. އެމްއާރްޑީސީން ވަނީ 2017 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު) ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ޕްރިޒަން ކްލަބެވެ. ބިޗަޑު ވަނީ އެމްއާރުޑީސީ އާ އެކު ވެސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެފްއެސްއެމްގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި ނާއިފް ޝަފީގު (ސީއާރް3) ގެ އިތުރުން، އާރްއާރްސީގެ އިބްރާހިމް އަސްވަދު (ގަބޭ) އާއި އިބްރާހިމް މައިޝާން (މައި) އަދި ގޯލްކީޕަރު މުހައްމަދު ޒުހަލް އެވެ. އެންމެ މޮޅު ކޯޗަކީ އާރްއާރްސީގެ ކޯޗު އަބޯ އެވެ.

މި އަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ދެ ކުޅުންތެރިޔަކު ވަނީ ހޯދައިފަ އެވެ. އެއީ އެސްޓީއޯ ރެކްރިއޭޝަން ކްލަބުގެ އިސްމާއިލް ވަޖީހާއި ޓީމު ފެނަކަ އަށް ކުޅުނު އަޔާޒް އަހުމަދެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ އަށް ގޯލު ޖަހައިފަ އެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ކިންގް އޮފް ފުޓްސަލް" އެވޯޑް ހޯދީ އާރްއާރްސީގެ ކެޕްޓަން އިބްރާހިމް މައިޝާން (މައި) އެވެ.

މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމަކަށް ވެސް ހޮވުނީ އާރްއާރްސީ އެވެ.