Roadha Mihaaru
އާރްޑީސީ އާއި ފިއުލް ސަޕްލައި ފައިނަލަށް

ކްލަބް މޯލްޑިވްސް: އާރްޑީސީގެ ފުރަތަމަ މުބާރާތުން ވެސް ފައިނަލަށް

16 ޑިސެމްބަރ 2021

މިހާރު ކުރިއަށްދާ، ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ފައިނަލަށް އާރްޑީސީ ފުރަތަމަ ފަހަރަށް ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ، ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ފައިނަލަށް އާރްޑީސީ ފުރަތަމަ ފަހަރަށް ދަތުރުކޮށްފި އެވެ.

ފިއުލް ސަޕްލައި ވެސް ވަނީ ޕްރިޒަން ބަލިކޮށް ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފަ އެވެ.

ކުރިން އެމްއާރްޑީސީގެ ނަމުގައި ހިންގި ކުންފުނިން ވާދަކުރި ޓީމު ކްލަބް މޯލްޑިވްސްގެ ފައިނަލް ކުޅެފައިވެ އެވެ. އެކަމަކު އާރްޑީސީ އަކީ މުޅިން އާ ކުންފުންޏެކެވެ. އޭރު އޮތް އެމްއާރްޑީސީ ކުންފުނި ވެސް ވަނީ އުވައިލައިފަ އެވެ. އޭރު މުބާރާތުގައި ވާދަކުރި އެމްއާރްޑީސީގެ ޓީމާއި މިހާރު އާރްޑީސީ ތަމްސީލް ކުރާ ރޯޑް ރެކްރިއޭޝަން ކްލަބާ އެއްވެސް ގުޅުމެއް ނެތެވެ. މިއީ އާރްޑީސީ ނުވަތަ އާރްއާރްސީން ކްލަބް މޯލްޑިވްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އާރްޑީސީ ފައިނަލަށް ދަތުރު ކުރީ ވަރުގަދަ ފެނަކަ ބަލި ކުރުމަށް ފަހު އެވެ. ޕެނަލްޓީ ޖަހައިގެން އާރްޑީސީ ކާމިޔާބު ކުރީ 6-3 އިންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލީޑު ނަގައި އަދި ލީޑު ފުޅާކުރީ ވެސް އާރްޑީސީންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އާއި އިބްރާހިމް އަސްވަދު އެވެ. މިދުހަތު ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ފެނަކަ ސެމީ ފައިނަލަށް ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަޔާޒު އަހްމަދު (އަޔާ) ވަނީ ސެމީ ފައިނަލް މެޗަށް ސަސްޕެންޑްވެފަ އެވެ. މިރޭގެ މެޗުގައި ފެނަކައިގެ ތިން ލަނޑު ޖެހީ ވެސް ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. މެޗުގެ ފުރިހަމަ ވަގުތުގައި މުލަކޭ ބަތަލަކަށް ވިޔަސް، ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާ ދެ ފަހަރު ޕެނަލްޓީ ޖަހައިގެން ވެސް ކާމިޔާބެއް ނުވި އެވެ. އޭނާ ފުރަތަމަ ޖެހި ޕެނަލްޓީ އާރްޑީސީގެ ކީޕަރު މުހައްމަދު ޒުހައިލް ދިފާއު ކުރި އެވެ. ކީޕަރު މާއަވަހަށް ކުރިއަށް ނުކުތް ކަމަށް ބަލައި ރެފްރީ ވަނީ އަލުން ޕެނަލްޓީ ޖަހަން އަންގައިފަ އެވެ. ދެވަނަ ފަހަރަށް މުލަކޭ ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ފައިނަލަށް ދިއުމުން ފިއުލް ސަޕްލައި އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ފައިނަލަށް ދިއުމުން ފިއުލް ސަޕްލައި އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ފެނަކައިގެ އެންމެ ޕެނަލްޓީއެއް ވެސް ކާމިޔާބެއް ނުވި އެވެ. އެޓީމުގެ އަނެއް ދެ ޕެނަލްޓީ ޖެހީ އަހްމަދު ހަލީމް އަދި އަހްމަދު އަރީޝް އެވެ. އާރްޑީސީގެ އަލީ ޝާމިސް (ތޮއްޕެ) ޖެހި ޕެނަލްޓީ ފިޔަވައި އެހެން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ އަސްވަދު، ހަސަން ރާއިފް އަހްމަދު (ހަންނަ) އަދި އާދަމް ނާސިހެވެ.

ފިއުލް ސަޕްލައި ފައިނަލަށް ދަތުރު ކުރީ، ޕްރިޒަން ކްލަބްގެ މައްޗަށް 2-1 އިން ކާމިޔާބު ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ފިއުލް ސަޕްލައި ޓީމެވެ. އެ ޓީމުގެ ލަނޑު ޖެހީ މުހައްމަދު ތޯހިރު އެވެ. އެހެންނަމަވެސް އާދަމް މަންސޫރް ޕްރިޒަން އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ފިއުލްސަޕްލައި މޮޅުކޮށްދިން ލަނޑު ޖެހީ ނާއިފް ޝަފީގެވެ.

މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ފިއުލް ސަޕްލައިން ފައުލު ކުރުމުން ޕްރިޒަން އަށް ޕެނަލްޓީއެއް ލިބުނެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ މެޗު ނިމުނީ އެވެ. އެކަމަކު ރެފްރީ ވަނީ ޕެނަލްޓީ ޖަހަން ޕްރިޒަން އަށް ފުރުސަތު ދީފަ އެވެ. ނަތީޖާ ހަމަހަމަ ކުރަން ޕްރިޒަން އަށް ލިބުނު ޕެނަލްޓީ އަހްމަދު ޝަމާލް ފޮނުވާލި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.