ޕްރެޒިޑެންޓް ކަޕްގައި މާދަމާ އާއި ހޮނިހިރު ދުވަހު ކުޅެން ޖެހޭ މެޗުތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރި ކްލަބްތަކުގެ މައްސަލަ ބަލާނެ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.
23 ޑިސެމްބަރ 2021
ޕްރެޒިޑެންޓް ކަޕްގައި މާދަމާ އާއި ހޮނިހިރު ދުވަހު ކުޅެން ޖެހޭ މެޗުތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރި ކްލަބްތަކުގެ މައްސަލަ ބަލާނެ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން ހަތް ކްލަބަކުން ވަނީ، "މިހާރު" ނޫސް ބައިވެރިވާތީ ކަމަށް ބުނެ ޕްރެޒިޑެންޓް ކަޕްގެ ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓްކޮށްފަ އެވެ. އެހެންވެ، މިއަދުގެ ޕްރެސް ކޮންފަރެންސަށް ހާޒިރުވެ މީޑީއާއާ ވާހަކަ ދެއްކީ ދިނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން އެކަންޏެވެ. އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ވަނީ ޕްރެސްގައި މީޑިއާ އިން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދިފަ އެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗުތަކުގެ ޕްރީ މެޗު އަދި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުވެ މީޑިއާ އަށް މައުލޫމާތު ދިނުމަކީ ކްލަބްތަކުން ކުރަން ޖެހޭނެ ކަމެކެވެ. އެހެންވެ، ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިނުވުމަކީ އެ ކްލަބްތަކުން ގަވާއިދާ ހިލާފު ވުމެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކެރެޓްރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވީ، ކްލަބްތަކުން ޕްރެސް ކޮންފަރެންސަށް ހާޒިރުނުވި މައްސަލަ އެ އިދާރާގެ ކޮމިޓީތަކުން ބަލާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ސާފު ކުރާނަން ކްލަބްތަކުން ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވި ސަބަބު،" ޖަވާޒު ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރާނެ ކަމަށް، މިއަދު އެންމެ ފުރަތަމަ އެންގީ މާޒިޔާއިންނެވެ. ޕްރީ މެޗު ޕްރެސް އަށް ހާޒިރުވެ، މާޒިޔާގެ މީޑިއާ އޮފިޝަލް ބުނީ، "މިހާރު" ނޫސް ބައިވެރިވާ އެއްވެސް ޕްރެސްއެއްގައި ބައިވެރިނުވުމަށް، ކްލަބްގެ މެނޭޖުމެންޓުން ނިންމާފައިވާ ކަމަށެވެ. އޮފިޝަލް ބުނީ، މާޒިޔާ އިން އެގޮތަށް ނިންމީ ހަގީގަތާ ހިލާފަށް ޚަބަރު ފަތުރައި ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް "މިހާރު" އިން އަމަލުކުރަމުން ދާތީ ކަމަށެވެ.
މާޒިޔާ އަށް ފަހު ފަހަރަކު ކްލަބަކުން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވާނެ ކަމަށް އަންގައިފަ އެވެ. ހުރިހާ ކްލަބަކުން ސަބަބެއްގެ ގޮތުގައި ދެއްކީ ވެސް އެއް ސަބަބެކެވެ. ޔުނައިޓެޑް ވިކްޓަރީން ޕްރެސް ބޮއިކޮޓް ކުރިކަން، އެ ކްލަބްގެ މެނޭޖްމެންޓުން އެންގީ، އެ ޓީމުގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތީ) ޕްރެސް ހޯލަށް ވަން ފަހުންނެވެ. ދަ ގްރާންޑޭއިން ޕްރެސް ބޮއިކޮޓް ކުރިކަން އެންގީ، އެ ޓީމުގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ޕްރެސް ހޯލްގެ ދޮރުމަތީގައި ހުއްޓަ އެވެ.
އެނގިފައިވާ ގޮތުގައި، ކްލަބްތަކުން "މިހާރު" ނޫސް ބޮއިކޮޓްކޮށް ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވީ، "މިހާރު" ނޫހުން ކުޅިވަރު ޚަބަރުތަކުގެ ސުރުހީތައް ގެންނަ ގޮތާއި ކުޅިވަރު ޚަބަރު ފަތުރާ ގޮތާމެދު ހިތްހަމަ ނުޖެހޭތީ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމްގެ މައްސަލަތަކާ ގުޅޭ ގޮތުން އެ އިދާރާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ކުޅިވަރުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަަމަށްވާ ހާމިދު އަބްދުލްޣަފޫރު "މިހާރު" ގައި ކޮންމެ ބުދަ ދުވަހަކު ލިޔުއްވާ ކޮލަމާ މެދު ވެސް އެ ކްލަބްތަކުން ހިތްހަމަނުޖެހޭ މައްސަލަ ފާހަގަ ވެފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
- ޔުނައިޓެޑް ވިކްޓަރީ
- ކްލަބް ވެލެންސިއާ
- މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ކްލަބް އީގަލްސް
- ޓީސީ ސްޕޯޓްސް ކްލަބް - ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް
- ކްލަބް ގްރީން ސްޓްރީޓް
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!