Roadha Mihaaru

ފަލަސްތީނުގެ އަންހެން އަސީރުންނަށް ޔަހޫދީ ސިފައިން ގޯނާކުރަނީ

އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ އަންހެން އަސީރުންނަށް، އިޒްރޭލު ސިފައިންގެ ފަރާތުން ތަފާތު ގޯނާތަކާއި ޖިސްމާނީ އަނިޔާތައް ކުރަމުންދާ ކަމަށް، ފަލަސްތީނުގެ އަސީރުންގެ ކަންތައް ބަލަހައްޓާ ކްލަބުން އިއްޔެ ބުނެފި އެވެ.

ފަލަސްތީނުގެ އަންހެން އަސީރުންނަށް އިޒްރޭލުން ގޯނާކުރަނީ

އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ އަންހެން އަސީރުންނަށް، އިޒްރޭލު ސިފައިންގެ ފަރާތުން ތަފާތު ގޯނާތަކާއި ޖިސްމާނީ އަނިޔާތައް ކުރަމުންދާ ކަމަށް، ފަލަސްތީނުގެ އަސީރުންގެ ކަންތައް ބަލަހައްޓާ ކްލަބުން އިއްޔެ ބުނެފި އެވެ.

އެ ކްލަބުން ބުނި ގޮތުގައި އިޒްރޭލުގެ ދާމޫން ޖަލުގައި ތިބި ފަލަސްތީނުގެ އަންހެން އަސީރުންނަށް، އިޒްރޭލު ސިފައިން ތަފާތު ގޯނާތައް ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އަދި މިހާރު ވެސް އެ އަމަލުތައް ނުހުއްޓި ކުރިއަށް ދާ ކަމަށް އެ ކްލަބުން ބުނެ އެވެ.

އިޒްރޭލު ސިފައިންގެ ފަރާތުން ކުރިމަތިވާ ގޯނާތަކާއި ޖިސްމާނީ އަނިޔާތަކުގެ ތެރޭގައި، އަންހެން އަސީރުންގެ ގައިގައި ކޮޅުފައިންނާއި މުގުރުން ތެޅުމާއި، ތަޅުންގަނޑު މައްޗަށް ވައްޓާލައިގެން ދަމާފައި ގެންދިއުން ފަދަ އަނިޔާތައް ހިމެނެ އެވެ. އޭގެ ސަބަބުން ބައެއް އަސީރުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އެ ކްލަބުން ބުނެ އެވެ.

އޭގެ އިތުރުން އަސީރުންގެ ކަންކަމުގައި އިސްވެ އުޅޭ ތިން އަންހެނަކު މިހާރު ވަނީ އެހެން އަސީރުންނާ މުޅިން އެކަހެރިކޮށް ކުދި ގޮޅިތަކުގައި ބަންދުކޮށްފަ އެވެ. އަސީރުން ބަންދުކޮށްފައި ތިބޭ ޖަލުގެ ގޮޅިތަކުން ކަރަންޓު ކަނޑައިލުމާއި، ބައެއް އަންހެނުންގެ ބުރުގާ ބޭލުމުގެ އިތުރުން، އެ މީހުން ތިބި ގޮޅިތަކަށް ކަރުނަގޭސް ޖަހާނެ ކަމުގެ އިންޒާރު ދިނުން ވެސް ހިމެނެ އެވެ.

އިޒްރޭލު ސިފައިން އަންހެން އަސީރުންނަށް ގޯނާ ކުރަން ފެށީ، ޖަލު ބަލަހައްޓާ އިދާރާގެ ފަރާތުން ގައިދީންނާ މެދު އަލަށް ތަންފީޒުކުރަން އިޖުރާއާތުތަކަށް އަސީރުން ދެކޮޅު ހަދަން ފެށުމުންނެވެ. އެކަންކަމާ ދެކޮޅު ހަދަން ފެށުމުން، ޖަލުގައި ހުންނަ ކެންޓީނުން އެ މީހުންނަށް ހިދުމަތް ދިނުމާއި، އާއިލީ ޒިޔާރަތްތައް މަނާކޮށް، ޖޫރިމަނާކުރުން ހިމެނެ އެވެ.

އިޒްރޭލުގެ މި އަމަލުތައް ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ހަމާސް ޖަމާއަތުން ބުނެފައިވަނީ، އިޒްރޭލުން މިހާރު ރަތް ރޮނގު ހުރަސްކޮށްފި ކަމަށެވެ. އަދި އިޒްރޭލުގެ އެ އަނިޔާވެރި އަމަލުތަކަށް، އަވަހަށް ނުވަތަ ލަހުން ނަމަވެސް ބަދަލު ހިފާނެ ކަމަށް ހަމާސް އިން ބުންޏެވެ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 5،500 އަށް ވުރެ ގިނަ އަސީރުން މިހާރު ވެސް ހައްޔަރުކޮށްފައި އެބަތިއްބެވެ. އޭގެ ތެރެއިން ދާމޫން ޖަލުގައި 32 އަންހެން އަސީރުން އެބަތިއްބެވެ.