Roadha Mihaaru

ފަލަސްތީނުގެ ގައިދީންގެ ހާލަތު ގޯސްކުރާނެ ކަމަށް އިޒްރޭލުން ބުނެފި

ތެލް އަވީވް (ޖެނުއަރީ 3) - އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ހާލަތު ގޯސް ކުރުމުގެ ގޮތުން އިޒްރޭލުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ގިލާދު އެރްދާން ޕްލޭނެއް އެކުލަވާލައިފި އެވެ.

ފަލަސްތީނުގެ ގައިދީންގެ ހާލަތު ގޯސްކުރާނަން: އިޒްރޭލް
ހަސަން އާމިރު
ހަސަން އާމިރު

03 ޖެނުއަރީ 2019

ތެލް އަވީވް (ޖެނުއަރީ 3) - އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ހާލަތު ގޯސް ކުރުމުގެ ގޮތުން އިޒްރޭލުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ގިލާދު އެރްދާން ޕްލޭނެއް އެކުލަވާލައިފި އެވެ.

އެ ޕްލޭނުގައިވާ ގޮތުން ފަލަސްތީނުގެ ގައިދީންނަށް ފޯރުކޮށްދޭ ފެން މަދުކޮށް އާއިލީ ބައްދަލުވުންތައް ވެސް މަދުކުރަން ވަނީ ނިންމައިފަ އެވެ. ޕްލޭން އިޒްރޭލުގެ ކެބިނެޓުން ފާސްކުރުމުން ކުރިއަށް އޮތް ހަފުތާތަކުގައި އެ އަށް އަމަލު ކުރަން ފަށާނެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެރްދާން އިއްޔެ ވިދާޅުވީ ފަލަސްތީނުގެ ގައިދީން ޓީވީ ބަލަން އޮންނަ ވަގުތު މަދުކޮށް އެ މީހުންނަށް ފަލަސްތީނުން ދޭ އެހީތައް ވެސް ހުއްޓުވާނެ ކަމަށެވެ. މީގެ އިތުރުން ހަމާސް ޖަމާއަތާ ގުޅުން އޮންނަ ގައިދީންނަށް އާއިލީ ބައްދަލުވުންތައް ނުދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ފަހުން އިޒްރޭލުގެ ޕާލަމެންޓުގެ މެންބަރުންނަށް ފަލަސްތީނުގެ ގައިދީން ކައިރިއަށް ޒިޔާރަތެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ނިންމުމަށް ފަލަސްތީނުގެ ލީޑަރުން ދަނީ ފާޑު ވިދާޅުވަމުންނެވެ. އަދި އެއީ އިޒްރޭލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމަށް ބުނެފައިވެ އެވެ.

ފަލަސްތީން ނޭޝަނަލް އިނިޝިއޭޓިވްގެ ވެރިޔާ މުސްތަފާ ބަރްގޫތީ ވިދާޅުވީ އިޒްރޭލްގެ މިފަދަ އަމަލުތައް ހުއްޓުވޭނީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

ފަލަސްތީނުގެ ޕްރިޒަނާސް ކޮމިޝަނުން ވަނީ އެރްދާންގެ ޕްލޭނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 5،500 ގައިދީން ބަންދުކޮށްފައި ތިބި ކަމަށް ރަސްމީ ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި 230 ކުޑަ ކުދިންނާއި 54 އަންހެނުން ހިމެނެ އެވެ.