Roadha Mihaaru
އުމަރު ޒާހިރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް

އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަހަށް ދިދަ ބައިދަނޑި އަށް

20 ޑިސެމްބަރ 2021

ރާއްޖެ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ، ތިން ދުވަހަށް ބައިދަނޑި އަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ، ތިން ދުވަހަށް ބައިދަނޑި އަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ އުމަރު ޒާހިރު އަވަހާރުވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.

އުމަރު ޒާހިރުގެ ގާތް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ، އުމަރު ޒާހިރު އަވަހާރަވީ ހާލުކޮޅު ސީރިއަސް ވެގެން އިއްޔެ ހަވީރު 3:30 ހާއިރުން ފެށިގެން އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށެވެ.

އަވަހާރަވިއިރު، އަންހެން ބޭފުޅަކާއި ކާފަ ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

އުމަރު ޒާހިރު ވަނީ 1983 އިން 2008 ގެ ނޮވެމްބަރުގެ ނިޔަލަށް އެކި މިނިސްޓްރީތަކުގެ މިިނިސްޓަރުކަން ކުރައްވައިފަ އެވެ. އެހެން ބައެއް ވަޒީރުންނާ ހިލާފަށް އުމަރު ޒާހިރު ފާހަގަކުރެވުނީ ބޮޑެތި މަޝްރޫއު ހިންގާ ތަންތަނަށް ވަޑައިގެން އަމަލީ ގޮތުން އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

އުމަރު ޒާހިރު އާންމުން ފާހަގަކުރާނީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ހިދުމަތްތެރިޔާގެ ގޮތުގަ އެވެ.

އުމަރު ޒާހިރަށް ކޮވިޑްގެ އާލާސްކަންފުޅު ކުރިމަތިވީ، އެމަނިކުފާނުގެ ހިލޭ އެހީގެ ދަށުން ފުވައްމުލަކުގައި އިމާރާތް ކުރި މިސްކިތް ހުޅުވުމަށް، މި މަހުގެ ދެ ވަނަ ދުވަހު އެ ރަށަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވުމާ އެކު އެވެ. އެ މިސްކިތަކީ އެމަނިކުފާނުގެ އެންމެ ފަހުގެ ގައުމީ ހިދުމަތެވެ.