Roadha Mihaaru
ގައުމީ ދިދަ ބޭނުންކުރަންވީ ގޮތުގެ އާ އުސޫލެއް!

ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމުގައި އަމަލުކުރާނެ ގޮތް ހިމަނައި، އާ އުސޫލެއް ހަދައިފި

20 ޖޫން 2022

ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރުމުގައި އަމަލުކުރާނެ ގޮތް ހިމަނައި، ސަރުކާރުގެ މުއައްސަސާތަކުން ގައުމީ ދިދަ ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތުގެ އާ އުސޫލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރުމުގައި އަމަލުކުރާނެ ގޮތް ހިމަނައި، ސަރުކާރުގެ މުއައްސަސާތަކުން ގައުމީ ދިދަ ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތުގެ އާ އުސޫލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސްގެ އެންގެވުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ނެރުއްވި އުސޫލުގައި ބުނީ ގައުމީ ފެންވަރެއްގައި ހިތާމަފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވިދާނެ ކަމަށެވެ. އެ ކަން ކުރެވޭނީ އޭގައި ވާ ގޮތުން ރައީސް އެންގެވުމުންނެވެ.

ގައުމީ ދިދަ ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ހޯމް މިނިސްޓްރީން ވެސް އެކުލަވާލި އެވެ. އެ އުސޫލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުމަށް ފަހު، 2019 ވަނަ އަހަރު އެ އުސޫލު ހޯމް މިނިސްޓްރީން ބާތިލްކުރި އެވެ.

ބާތިލްކުރި އެ އުސޫލުގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމުގައި އަމަލުކުރާނެ ގޮތް ހިމަނާފައެއް ނުވެ އެވެ. އަދި އޭގެ ފަހުން މިހާތަނަށް ގައުމީ ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލެއް ވެސް ހަދާފައެއް ނުވެ އެވެ.

ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމުގައި ބަލާނީ، ދިދަ ދަނޑީގެ ކުރިން ފެށިގެން، ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުން ކަމަށާއި ދިދަ ބައިދަނޑިއަށް ނަގަންވެއްޖެ ނަމަ، ދިދަ ނަގާނީ، އެ ދިދަ ނެގޭ ދަނޑިއެއްގެ ކުރިއަށް ދިދަ ނެގުމަށް ފަހުގައި ކަމަށް ވެސް އާ އުސޫލުގައި ބުންޏެވެ. އަދި ބައިދަނޑިއަށް ހުރި ދިދައެއް ތިރިކުރާނީ ވެސް، ފުރިހަމަ ދަނޑިއަށް ދިދަ ނެގުމަށް ފަހުގަ ކަމަށެވެ.

ބައިދަނޑިއަށް ދިދަ ތިރިކުރުމާ ގުޅޭ ގޮތުން އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ؛

• ބައިދަނޑިއަށް ނަގާ ހާލަތްތަކުގައި ދިވެހި ގައުމީ ދިދައާ އެކު އެހެން ދިދައެއް ނުވަތަ ދިދަތަކެއް ނަގައިފައިވާ ނަމަ، އެ ދިދައެއް ނުވަތަ އެ ދިދަތަކެއް ވެސް ބަހައްޓަން ވާނީ ބައިދަނޑިއަށް ތިރިކޮށްފައި.

• ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި، ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިދަ ނަގާ ތަންތަނުގައި ދުވަސް ނިންމާނީ، ހަވީރު 6:00 އަށް.

• 24 ގަޑިއިރު ދިދަ ނަގައިފައި ބަހައްޓާ ތަންތަނުގައި ދުވަސް ނިންމާނީ، ރޭގަނޑު 12:00 އަށް.

ސަރުކާރުގެ މުއައްސަސާތަކުން ގައުމީ ދިދަ އަށް ހުރުމަތްތެރިކޮށް ހިތައި، ދިދައިގެ ހުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް އެއްވެސް ކަމެއްގައި ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

ސަރުކާރުގެ އިމާރާތްތަކުގަޔާއި ރަސްމީ ކަންކަމުގެ ސަރުކާރުގެ މުއައްސަސާތަކުން ބޭނުންކުރާ ދިދައިގެ މިންތައް ވެސް ކަނޑައަޅައި، ދިދަ ނަގާފައި ހުންނަން ޖެހޭ ގަޑިތައް ވެސް ހިމަނާފައިވެ އެވެ. އަދި ދިވެހި ދިދައާ އެކު އެހެން ދިދައެއް ނަގާ ނަމަ، އަމަލުކުރަން ޖެހޭ ގޮތް ވެސް ބުނެފައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި ހެދި އުސޫލަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ގައުމީ ދިދަ ބެހެއްޓޭނީ ހާއްސަ ހުއްދައެއް ނަގައިގެން ކަމަށާއި ގައުމީ ދިދައާ ވައްތަރުކޮށް ދިދަ ހެދުން މަނާކުރުމުގެ އިތުރުން އެހެން ދިދަތައް ގައުމީ ދިދަ އަށް ވުރެ އުސްކޮށް ނަގާފައި ބެހެއްޓުމަކީ ވެސް މަނާކަމެއް ކަމަށް އޮތުމުންނެވެ. އެ އުސޫލާ އެކު، ޖުމްހޫރީ ޕާޓީގެ ދިދަ، ގައުމީ ދިދައާ ވައްތަރުކަމުން މައްސަލަ ޖެހުނެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގައި ނަގާފައި ހުރި ގައުމީ ދިދައެއް ފުލުހުން މެދުވެރިކޮށް ނެގި އެވެ.

ރައީސް މިއަދު ކަނޑައެޅުއްވި އާ އުސޫލުގައި އެބައިތައް ހިމަނާފައެއް ނެތެވެ.