Roadha Mihaaru
އެމްޑަބްލިއުއެސްސީގެ 87 މުވައްޒަފަކަށް އެވޯޑް ދީފި

އެމްޑަބްލިއުއެސްސީގެ 87 މުވައްޒަފަކަށް އެވޯޑް ދީފި

21 ޑިސެމްބަރ 2021

މިރޭ ބޭއްވި އެމްޑަބްލިއުއެސްސީގެ "ސްޓާފް އެވޯޑް" ނައިޓުގައި 87 މުވައްޒަފަކަށް އެވޯޑް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިރޭ ބޭއްވި އެމްޑަބްލިއުއެސްސީގެ "ސްޓާފް އެވޯޑް" ނައިޓުގައި 87 މުވައްޒަފަކަށް އެވޯޑް ދީފި އެވެ.

އެ ކުންފުނީގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރި މުވައްޒަފުންނަށާއި 2019 އާއި 2020 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް ވެސް އެވޯޑް ދިނެވެ.

"މީރުމާ" ގައި ބޭއްވި ހަފުލާއެއްގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލު ކޮށްދެއްވީ ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި ބޯޑު ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ޝާހު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ޝާހު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި ރަސްމިއްޔާތުގައި ޝާހު ވިދާޅުވީ، އެވޯޑް ހަފުލާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއެކު، އެ މީހުން އެމްޑަބްލިއުއެސްސީ އަށްޓަކައި ކޮށްދޭ ބުރަ މަސައްކަތްތަކުގެ އަގުވަޒަން ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ، ކުންފުނީގެ އެންމެ އަގު ހުރި ރައުސްމާލަކީ މުވައްޒަފުން ކަމަށް ވާއިރު، އެ މީހުންގެ ކުރިއެރުމާއި ލާބަ އާއި މަންފާ އަށް ގިނަ މަސައްކަތްތަކެއް މިދިޔަ ދެ އަހަރުގައި ކޮށްފައިވާ ކަމަށެވެ.

"އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި، ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި އަދި ދިގުމުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައި،" އެމްޑީ ވިދާޅުވި އެވެ.

ޝާހު ވިދާޅުވިގޮތުގައި، އެމްޑަބްލިއުއެސްސީގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައި ވެސް މެދުކެނޑުމެއް ނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދީފައިވެ އެވެ.

އެމްޑަބްލިއުއެސްސީއަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެވެ. ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖިނިއަރިން، މެނުފެކްޗަރިން އަދި ޓްރޭޑިން ދާއިރާ އިން ވެސް އެ ކުންފުނި ފާހަގަކޮށްލެވެ އެވެ. އަދި އެއީ 100 ޕަސެންޓް ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ކުންފުންޏެކެވެ.