Roadha Mihaaru
މާލޭގައި ފެން ރައްކާކުރާނެ އިތުރު ދެ ތާނގީ ބަހައްޓަނީ

މާލޭގައި ފެން ރައްކާކުރާނެ އިތުރު ދެ ތާނގީ ބަހައްޓަނީ

07 ސެޕްޓެމްބަރ 2020

"ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން ފެން ރައްކާކުރުމަށް މާލޭގައި އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

"ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން ފެން ރައްކާކުރުމަށް މާލޭގައި އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

މި މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ކުންފުނީގެ އިސްވެރިންނެވެ.

މި ދެ ތާނގީ ބަހައްޓަނީ ކުރިން އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓު މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަމްބަރު ކޮށީގަ އެވެ. މި މަޝްރޫއުގެ ދަށުން، ދެ ތާނގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށްޓަކައި ޕަމްޕް ރޫމެއް ވެސް ގާއިމު ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ފެން ރައްކާ ކުރުމަށް އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްތާތުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ (މ) އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ

ފެން ރައްކާ ކުރުމަށް އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްތާތުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ (މ) އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ސަބަބުން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދެވޭނެ އެވެ. ކޮންމެ ތާނގީއެއްގައި 13،648 ކިއުބިކް މީޓަރުގެ ފެން ރައްކާ ކުރެވޭއިރު ކުރިން ހުރި ތާނގީތަކާ އެކު، ޖުމުލަ 50،296 ކިއުބިކް މީޓަރުގެ ފެން ރައްކާ ކުރެވޭނެ އެވެ.

އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ތާވަލު ކޮށްފައިވާ މި މަޝްރޫއަށް 82 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ލަފާކުރެ އެވެ.

މާލޭގެ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފަ އެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެ ކުންފުނިން އަޅާފައިވާ ފެނުގެ ވިއުގަ ގުޅުވައިލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަގެންދެ އެވެ.