Roadha Mihaaru
އެއް ޓަނުގެ ފެން ދޭނީ ބިލުން: އެމްޑަބްލިޔުއެސްސީ

ކޮވިޑް-19: އެއް ޓަނުގެ ފެން ހިލޭ ދޭނީ ބިލުން: އެމްޑަބްލިޔުއެސްސީ

15 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން އާއްމުން ސާފުތާހިރުވުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ ގޭބިސީއަކަށް އެއްޓަނު ފެން ހިލޭ ދިނުމަށް ނިންމާފައިވަނީ ބިލުން ކަނޑާ ގޮތަށް ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އާ ގުޅިގެން އާއްމުން ސާފުތާހިރުވުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ ގޭބިސީއަކަށް އެއްޓަނު ފެން ހިލޭ ދިނުމަށް ނިންމާފައިވަނީ ބިލުން ކަނޑާ ގޮތަށް ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ އެ ކުންފުނީގެ 44،000 ކަސްޓަމަރުންނަށް އެއް ޓަނުގެ ފެން ދިނުމަށް އެ ކުންފުނިން ތިން މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ. ސިއްހީ ނުކައްލަކުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ލިބޭ ބިލުން އެއް ޓަނަށްވާ ފައިސާ އުނިކުރާނެ ކަމަށް ޝާހް ވިދާޅުވި އެވެ.

"ސާފު ތާހިރުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރައްވާއިރު އޭގެ ސަބަބުން ބިލް ބޮޑުވެދާނެތީ ބައެއް އާއްމުން ދަނީ ޝަކުވާ ކުރަމުން. އެހެންވެ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިގޮތަށް ނިންމީ،" ޝާހް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާހް: އޭނާ ވިދާޅުވީ އެއް ޓަނަށް ވާ ފައިސާ ހުރިހާ ބިލަކުން އުނިކުރާނެ ކަމަށް-- ފޮޓޯ: އަދުމަދު އަވްޝަން/މިހާރި

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާހް: އޭނާ ވިދާޅުވީ އެއް ޓަނަށް ވާ ފައިސާ ހުރިހާ ބިލަކުން އުނިކުރާނެ ކަމަށް-- ފޮޓޯ: އަދުމަދު އަވްޝަން/މިހާރި

އެމްޑަބްލިޔުއެސްސީން ޓަނެއްގެ ފެން ވިއްކަނީ 22 ރުފިޔާ އާއި 95 ރުފިޔާއާ ދޭތެރޭ އަގުތަކެއްގަ އެވެ. "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހް ވިދާޅުވީ މިދުވަސްވަރު ކުރިއަޅާބަލާއިރު އިތުރަށް ފެން ބޭނުން ކުރާ ކަމަކަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް ފެން ބޭނުން ކުރުމުގައި އިސްރާފް މަދު ކުރުން،" ޝާހް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނިން އެޅި ފިޔަވަޅުތަކާ ދޭތެރޭ ޝާހް ވިދާޅުވީ އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު މުވައްޒަފުން ކަސްޓަމަރުންނާ ބައްދަލުކުރަން ޖެހޭ ވަޒީފާތަކުން އެހެން ވަޒީފާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ގިނަގިނައިން އަތް ދޮވުން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.