Roadha Mihaaru
ގައުމީ ފުޓުބޯޅަ ޓީމަށް ޕޯޗުގަލްގެ އެސިސްޓެންޓް ކޯޗެއް

ގައުމީ ފުޓުބޯޅަ ޓީމަށް ޕޯޗުގަލްގެ އެސިސްޓެންޓް ކޯޗެއް ހަމަޖައްސައިފި

22 ޑިސެމްބަރ 2021

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ ހަމަޖައްސައިފި އެވެ.

އިޓަލީގެ ލެކްސީ އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުރީގެ މިޑްފީލްޑަރުގެ ކެރިއާގައި ކުޅުންތެރިއެއްގެ ގޮތުގައި މާފާހަގަކުރެވޭ ކާމިޔާބެއް ނެތެވެ. އޭނާ ވަނީ ދެކުނު ކޮރެއާގެ ޑެޖާއޯން ސިޓަޒަން އަށް ކުޅެ އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާތަކެއް ހޯދައިފަ އެވެ.

ރާއްޖޭގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން، ކޮސްޓާ ވަނީ ސްވިޒަލެންޑްގެ އެފްސީ ބެރޯޝޭ ގޮރްގިއާގެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފަ އެވެ. އެ ޕްރޮޖެކްޓް އޭނާ ދޫކޮށްލީ މިދިޔަ މަހު އެވެ.

"މި މުހިންމު މަސައްކަތުގައި އަހަންނަށް އެހީތެރިވެ ހިއްސާ ވެވިދާނެ ކަމަށް ގަބޫލު ކުރީތީ ރާއްޖޭގެ އެފްއޭއެމްއަށާއި އެފްއޭއެމްގެ ރައީސް (ބައްސާމް އަދީލް ޖަލީލް) އަށް ޝުކުރު އަދާކުރަން،" ރާއްޖޭގެ އެސިސްޓެންޓް ކޯޗު ކަމަށް ހަމަޖެއްސުމުން، ސޯޝަލް މީޑިއާގައި ކޮސްޓާ ލިޔެފައިވެ އެވެ.

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދި ގައުމީ ޓީމުގެ އާ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ --- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދި ގައުމީ ޓީމުގެ އާ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ --- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ ހެޑް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ، ރާއްޖޭގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ސިމާއޯ ގެންނަން އޭނާ ހުށަހެޅީ، ސިމާއޯ އަށް އިތުބާރު ކުރެވޭތީ އާއި އެކުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މޮރިއޭރޯ ބުނީ، ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ވަރަށް ސާފުކޮށް އެނގެން ބޭނުންވާތީ ކްލަބްތަކުގެ ޕްރެކްޓިހާއި ކުޅުންތެރިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

"ހުރިހާ ކުޅުންތެރިން އިތުރަށް ދެނެގަތުމަށް ޓަކައި އަހަރެން ކޮންމެ ދުވަހަކު ވެސް މެޗުތަކާއި ޓްރެއިނިންތައް ބަލަން. އަހަރެން ބޭނުން ދިވެހި ފުޓްބޯޅައިގެ ހުރިހާ ކަމެއް އެނގެން،" މޮރިއޭރޯ "މިހާރު" އަށް ބުންޏެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ތަޖުރިބާކާރު ލޯކަލް ކޯޗު އަލީ ސުޒޭން ވެސް މަސައްކަތް ކުރެ އެވެ. މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މުބާރާތަކީ، މިދިޔަ މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ފައިނަލަށް ރާއްޖެ އަށް ނުދެވުމުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް މޮރިއޭރޯ ބުނެފައި ވަނީ ކުރު މުއްދަތަކުން މަސައްކަތްކޮށްގެން ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި ގައުމީ ޓީމު ބިނާ ކުރުމަށް އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.