Roadha Mihaaru
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު

އެފްއޭއެމްގެ ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

15 އެޕްރީލް 2024

އެފްއޭއެމުން އިއުލާން ކުރި ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެފްއޭއެމުން އިއުލާން ކުރި ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތް އެސޯސިއޭޝަނުން މިދިޔަ މަހު ވަނީ ޓެކްނިކަލް 13 މަގާމަކަށް ކުރިމަތިލާން އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ހުޅުވާލައިފަ އެވެ. "ޖޮބްސް ފޯ ފުޓްބޯލް" ގައި އެފްއޭއެމުން އިއުލާން ކުރި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ އަންނަ މަހުގެ 13 ވަނަ ދުވަހެވެ.

ތިން ހަފުތާތެރޭ އެވަރުގެ އަދަދެއް، އެފްއޭއެމްގެ ޓެކްނިކަލް މަގާމުތަކަށް ކުރިމަތިލާފައިވުމަކީ ފުޓްބޯޅަ ކުރިއެރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ތަރުހީބެއްކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

"މި ތަރުހީބުން ދައްކުވައިދެނީ ފުޓްބޯޅައިގެ ފެންވަރު މަތިކުރުމަށާއި ހެޔޮ ބަދަލެއް ގެނައުމަށް އެފްއޭއެމުން ކުރާ ދުރުވިސްނުންތެރި ދަތުރުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ބޮޑަށް އެދިއެދި ތިބިކަމެވެ،" ސޯޝަލް މިޑިއާގައި އެފްއޭއެމުން ބުނެފައި އެވެ.

އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓާ ޕޯލް ތޯމަސް ސްމޯލީ ބުނީ އިންޓަނޭޝަނަލް ފެންވަރުގައި ގިނަ ހުށަހެޅުންތަކެއް ލިބިފައިވުމަކީ އުފާވެރިކަމެއް ކަމަށެވެ.

ގިނަ މަގާމުތަކެއް އެފްއޭއެމުން އިއުލާން ކުރި އިރު، އެ އެސޯސިއޭޝަނަށް ފީފާގެ ޑިވެލޮޕްމެންޓް ފަންޑު ނުދީ އެ އިދާރާއިން ވަނީ ހިފަހައްޓައިފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެ އެސޯސިއޭޝަންގެ މުސާރަ ނުދެވި ބޮޑު ބެކް ލޮގެއް އޮތެވެ. އެކަމަކު ފީފާއިން މުސާރަ ދިނުން ފިޔަވައި އެހެން ކަމަކަށް ހަރަދު ނުކުރަން ޝަރތުކޮށް އެފްއޭއެމަށް 381،000 ޑޮލަރު ދިނުމުން، މުސާރައިގެ ބޮޑު ބެކްލޮގް ވަނީ ކުޑަކޮށްފަ އެވެ.