Roadha Mihaaru
ދިވެހި ފުޓްބޯޅައިގެ ފެންވަރު ދަށޭ ބުނަނީ ނުބަލާތީ:ކޯޗު

ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު ދަށޭ ބުނަނީ މެޗުތައް ނުބަލާތީ: މޮރިއޭރޯ

02 ޖެނުއަރީ 2022

ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު ދަށޭ ބުނާ ބަޔަކު އެހެން އެ ބުނަނީ ފުޓުބޯޅަ ރަނގަޅަށް ނުބަލާ ތިބެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު ދަށޭ ބުނާ ބަޔަކު އެހެން އެ ބުނަނީ ފުޓުބޯޅަ ރަނގަޅަށް ނުބަލާ ތިބެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

އިޓަލީގެ އިންޓަ މިލާން އާއި ނަޕޯލީ އަށް ކުރިން ކުޅުނު މިޑްފީލްޑަރު ބުނީ، ރާއްޖޭގައި ހަމައެކަނި އަށް ޓީމަށް ޓޮޕް ޑިވިޝަނުގެ ކުޅުންތެރިން ބެހިފައިވީ ނަމަވެސް ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ.

"އަހަންނަކަށް ނޭނގެ އަހަރެންގެ މަސައްކަތާ ބެހޭގޮތުން އިޓަލީގެ މީޑިއާތަކުގައި ދައުރު ވަނީ ކޮންކަހަލަ ވާހަކަތަކެއް ކަމެއް. އެކަމަކު މިއީ (ރާއްޖެ އަކީ) ފުޓުބޯޅައިގެ ދަށް ލެވަލް ތަނެކޭ ބުނެ ވާހަކަ ދައްކާ މީހުން އެގޮތަށް ވާހަކަ ދައްކަނީ ކީއްވެގެންކަން ކަމެއް އަހަންނަކަށް ނޭނގެ،" އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުގައި މޮރިއޭރޯ ބުންޏެވެ.

"ތެދެއް ރާއްޖޭގައި ކުޅުންތެރިން ވަރަށް ލިމިޓް. ސަބަބަކީ ލީގު ބެހިފައި އޮންނަނީ އަށް ޓީމަށް. އަދި ލީގު ބަރޯސާވެފައި ވަނީ ވެސް ހަމައެކަނި ވެރިރަށަށް އެކަނި. އަހަރެން މަސައްކަތް ކުރާނަން އެހެން ޓްރޭނިން ގްރައުންޑްތަކަށް ގޮސް އެ ތަންތަނުގެ ހުރި ހުނަރުތައް ދެނެގަތުމަށް. އެކަމަކު މިހާތަނަށް އަހަންނަށް ފެނުނު ކަންކަމަށް ބަލާއިރު ޓެކްނިކަލީ ކުޅުންތެރިންގެ ކޮލިޓީ އެބަހުރި. ކުރަން ޖެހޭނެ ކަމަކީ ފިޒިކަލީ ކުޅުންތެރިންގެ ފެންވަރު މަތިކުރުން. ސަބަބަކީ މިހާރު ޒަމާނީ ފުޓުބޯޅަ ބިނާވެފައި ވަނީ އެކަމުގެ މައްޗަށް ކަމަށްވާތީ."

މޮރިއޭރޯ ބުނިގޮތުގައި އެންމެ މުހިންމު ކަމަށް އޭނާ އަށް ފާހަގަ ކުރެވުނީ ސިކުނޑި ހުޅުވައިގެން ކަންކަން ދަސްކުރަން ބޭނުން ވެފައި ތިބި ކުޅުންތެރިންތަކެއް ރާއްޖޭގައި ތިބުމެވެ. ރާއްޖޭގެ ކުޅުންތެރިންނަކީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށް ވުމުން، ލެވަލް މަތިކުރުމަށް މަސައްކަތް ކުރަން ޖެހޭނީ ކެތްތެރިކަމާ އެކުގައި ކަމަށް، އަލްބޭނިއާ އާއި އައިވަރީ ކޯސްޓްގައި ކުރިން މަސައްކަތް ކުރި މޮރިއޭރޯ ބުންޏެވެ.

ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތުގައި މޮރިއޭރޯ ޕްރެކްޓިސްގައި.

ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތުގައި މޮރިއޭރޯ ޕްރެކްޓިސްގައި.

"އޭގެ ތެރެއިން ގިނަ ކުޅުންތެރިން އެހެން ވަޒީފާތަކުގައި މަސައްކަތް ކުރޭ. އެހެންވީމާ އަހަރެން ކުރަން ޖެހޭނެ ކަމަކީ އެ ކުޅުންތެރިން ވިސްނާ ގޮތާއި އެޓިޓިއުޑްގައި ޕްރޮފެޝަނަލް ވިިސްނުމާއި ސިފަތައް ހަރުލެއްވުން. އަހަންނަށް ގަބޫލުކުރެވޭ އަހަންނަށް އެކަން ކުރެވޭނެކަން،" އޮކްޓޯބަރު މަހުު ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މޮރިއޭރޯ ބުންޏެވެ.

އޭނާ ބުނީ، ޔޫރަޕުގެ ކްލަބްތަކަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި އުޅޭތަން ފެނުުމުން އޭނާ ހައިރާންވި ކަމަށެވެ.

"އެ މީހުން ވަރަށް ފަރިތަ އިޓަލީގެ ލީގަށް ވެސް އަދި ޔޫރަޕުގެ އެހެން ލީގުތަކަށް ވެސް،" މޮރިއޭރޯ ބުންޏެވެ.

"ހަމަ ހަގީގަތުގައި ވެސް އަހަރެން މި ބުނަނީ، އަހަރެން ސަޕްރައިޒްވި. އެއީ އަހަންނަށް އުފަލެއް ވެސް ލިބުނު ކަމެއް."

މޮރިއޭރޯ ބުނީ، އެފްއޭއެމުން އޭނާއާ ހަވާލުކުރީ ރާއްޖޭގެ ފުޓްބޯޅައިގެ ސަގާފަތް ބަދަލު ކުރުމަށް އެހީތެރިވެ ދިނުމަށް ކަމަށެވެ. އެހެންވެ އޭނާ ބޭނުންވާ ގޮތަށް މަސައްކަތް ކުރުމަށް މަޑުމަޑުން ބަދަލުތައް ގެންނަމުންދާ ކަމަށް، ރާއްޖޭގެ ކޯޗުކަމާ ހަވާލުވެ، ގައުމީ ޓީމެއްގައި ފުރަތަމަ ފަހަރަށް މަސައްކަތް ކުރަމުންދާ ކޯޗު ބުންޏެވެ.

ތަރުޖަމާނެއް މެދުވެރިކޮށް ކުޅުންތެރިންނާ މުއާމަލާތް ކުރާ މޮރިއޭރޯ ބުނީ ރާއްޖޭގެ ގިނަ މީހުންނަށް އިިނގިރޭސި ބަސް އެނގޭތީ އޭނާ ވެސް އިނގިރޭސި ބަސް ދަސްކުރަމުން އަންނަ ކަމަށެވެ.

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕުގެ މެޗުތައް ބެލުމަށް މޮރިއޭރޯ ދަނޑަށް ދެއެވެ. އޭނާގެ އެދުމަކަށް އެފްއޭއެމް އިން ދާދިފަހުން ވަނީ، ކުރިން އިޓަލީގެ ދެވަނަ ޑިވިޝަންގެ ބައެއް ކްލަބްތަަކަށް ކުޅުނު ޕޯޗްގަލްގެ ސިމާއޯ ކޮސްޓާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖައްސައިފަ އެވެ.

ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖެ އަށް ނުދެވުމުން މޮރިއޭރޯ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. އެކަމަކު މޮރިއޭރޯ ބުނީ ރާއްޖޭގެ ޓީމާއެކު މަސައްކަތް ކުރަން އޭނާ އަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.