Roadha Mihaaru
ޝާހްރުކްގެ ދަރިފުޅު އަރިއަން ބޮލީވުޑް ދަތުރު ފަށަނީ

ޝާހްރުކްގެ ދަރިފުޅު އަރިއަން ބޮލީވުޑް ދަތުރު ފަށަނީ

24 ޑިސެމްބަރ 2021

ދާދި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން މިހާރު ބޮލީވުޑަށް ނިކުތުމުގެ ދަތުރު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން މިހާރު ބޮލީވުޑަށް ނިކުތުމުގެ ދަތުރު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކަމަކު އަރިއަން، 24، އިންޑަސްޓްރީ އަށް ނުކުންނާނީ އެކްޓަރެއްގެ ގޮތުގައެއް ނޫނެވެ. އޭނަ ފިލްމު ކުޅެން ޝައުގުވެރިނުވާކަން މީގެ ކުރިން ޝާހްރުކް ދިން އެތައް އިންޓަވިއުއެއްގައި ވެސް ބުނެފައިވެ އެވެ. އެހެންވެ އަރިއަން މަސައްކަތް ކުރާނީ ކެމެރާގެ ފުރަގަހުގަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މި އަހަރުގެ މެއި މަހުގެ ތެރޭގައި އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވި އަރިއަން މަސްތުވާތަކެތީގެ މައްސަލައެއްގައި އޮކްޓޯބަރު މަހު ބެދުނީ ފިލްމު މޭކިންގެ މާސްޓަކްލާސްތަކެއްގައި ބައިވެރިވާން އިންޑިއާ އިން ބޭރަށް ދާން މި އަހަރު ހަމަޖެހިފައި އޮތްވަ އެވެ. އެކަމަކު މިހާރު އޭނާ "ހުތުރު" ކަމެއްގައި ބެދުމުން ގައުމުން ބޭރަށް ފޮނުވާކަށް ޝާހްރުކާއި އަންހެނުން ގޯރީ ޚާން ވެސް ބޭނުމެއް ނޫނެވެ.

އަނެއްކޮޅުން އޮކްޓޯބަރު މަހުގެ 2 ގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އަރިއަން ހައްޔަރުކުރުމަށް ފަހު، އެ މަހުގެ 30 ގައި އޭނާ ކަފާލާތުގެ ދަށުން މުމްބާއީ ހައި ކޯޓުން ދޫކުރީ ގައުމުން ބޭރަށް ދަތުރުނުކުރެވޭ ގޮތަށް ޕާސްޕޯޓް ވެސް ހިފަހެއްޓުމަށް ފަހު އެވެ.

އެހެންވެ އަރިއަން ރަސްމީކޮށް ފިލްމީ މަސައްކަތުގެ ތެރެއަށް ނުކުންނާނީ ބައްޕަ ޝާހްރުކްގެ ގާތް އެކުވެރިން ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާގެ ސްޓޫޑިއޯ ނުވަތަ ދަރުމާ ޕްރޮޑަކްޝަންގެ ވެރިޔާ ކަރަން ޖޯހަރްގެ ޕްރޮޖެކްޓެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

ޝާހްރުކާ އެކު "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" އަދި "މައި ނޭމް އިޒް ޚާން" ގެނެސްދިން ކަރަން މިހާރު އޭނަގެ 8 ވަނަ ޑައިރެކްޝަން، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތްކުރަމުން އަންނަ އިރު، އެ ފިލްމުގެ އެސިސްޓެންޓެއްގެ ގޮތުގައި އަރިއަން ބައިވެރިވުމުގެ ފުރުސަތު ބޮޑެވެ. ސައިފް އަލީ ޛާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނަކީ ވެސް އެ ފިލްމުގައި ކަރަންގެ އެސިސްޓަންޓެކެވެ.

އަދިތިޔާ އަކީ ޝާހްރުކާ އެކީ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "މުހައްބަތޭން" އަދި "ރަބް ނެ ބަނާދީ ޖޯޅީ" ގެނެސްދުން ޑައިރެކްޓަރެވެ.

އަދިތިޔާގެ ވައިއާރްއެފާއި ކަރަންގެ ދަރުމާ އަކީ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާ ދެ ސްޓޫޑިއޯއަށްވާތީ އެ ދެ ތަނުން ކުރެ ކޮންމެވެސް ތަނެއްގެ މަސައްކަތެއްގައި އަރިއަން ވަރަށް އަވަހަށް ބައިވެރިވާން ފަށާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. އެ ފުރުސަތު އަރިއަން އަށް ފަހިވެފައި ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކުރި އިރު ޝަރުތެއްފެ ގޮތުގައި ކަނޑައަޅާފައި އޮތް ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހަކު އެންސީބީ އަށް ހާޒިރުވާން ޖެހޭ ގޮތް އޮތް އޮތުން ބިމްބޭ ހައި ކޯޓުން މިހާރު ބާތިލު ވެސް ކޮށް ދީފައިވާތީ އެވެ.

އަރިއަންގެ ބައްޕަ ޝާހްރުކަކީ ވެސް ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ނަމުގައި ވަރުގަދަ ސްޓޫޑިއޯއެއް ހިންގާ މީހެކެވެ. އިންޑިއާގެ އެންމެ ވަރުގަދަ ވީއެފްއެކްސް ޓީމް ވެސް އޮތީ އެތަނުގަ އެވެ. ބެލެވޭ ގޮތުން ފިލްމު މޭކިންގެ ތަޖުރިބާ ހޯދުމަށް ފަހު، ރެޑް ޗިލީޒް ހިންގުމުގެ ޒިންމާ އަރިއަން އުފުލާނެ އެވެ.