Roadha Mihaaru
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ

މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތްތަކަށް ނިކުންނާނެ

01 ނޮވެމްބަރ 2021

މަސްތުވާތަކެތީގެ މައްސަލައެއްގައި ދަރިފުޅު އަރިއަން ޚާން ހައްޔަރު ކުރުމާ ގުޅިގެން ފިލްމީ މަސައްކަތްތައް މެދުކަނޑާލި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން އަންނަ މަހުގެ ތެރޭގައި އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެތީގެ މައްސަލައެއްގައި ދަރިފުޅު އަރިއަން ޚާން ހައްޔަރު ކުރުމާ ގުޅިގެން ފިލްމީ މަސައްކަތްތައް މެދުކަނޑާލި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން އަންނަ މަހުގެ ތެރޭގައި އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކި ޕާޓީކުރަނިކޮށް ކަމަށް ބުނާ މައްސަލައެއްގައި އަރިޔަން މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ބަންދުގައި 28 ދުވަސް ވަންދެން ބެހެއްޓުމަށް ފަހު، ކަފާލާތުގެ ދަށުން ދޫކޮށްލީ ހޮނިހިރު ދުވަހު އެވެ. މި މަހު އިންޑިއާގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށް އަރިޔަން ދޫކޮށްލުމާ ގުޅިގެން ޝާހްރުކް އާއިލާ އިން ދިވާލީ ވެސް ފާހަގަ ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި މި މަހުގެ 13 ވަނަ ދުވަހަކީ އަރިއަން 24 ވަނަ އުފަން ދުވަހަށް ވާތީ، އެ ދުވަސް ވެސް އާއިލާ އިން ފާހަގަ ކުރާނެ އެވެ. އެހެންވެ، މިހާރު އެމެރިކާގައި ކިޔަވަން ހުރި ޝާހްރުޖްގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް މި ހަފުތާގެ ތެރޭގައި މުމްބާއީ އަށް ދާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި މި މަސް އެއްކޮށް މުޅި އާއިލާއާ އެކީ ހޭދަކުރުމަށް ފަހު ޝާހްރުކް ނިންމާފައި އޮތީ މަސައްކަތް ފަށާފައި ހުރި ފިލްމުތަކުގެ މަސައްކަތްތައް އަލުން ފަށާށެވެ. އޭނާ އޮތީ ދެ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ މިދިޔަ އަހަރު ޝޫޓިން ފަށައި މިހާރު ވަރަށް ބޮޑު ނިންމާފައިވާ ޑައިރެކްޓަރު ސިދާތު އާނަންދުގެ "ޕަތާން" އާއި އޮގަސްޓް މަހުގެ ފަހުކޮޅު ޝޫޓިން ފެށި ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ލަޔަން" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ އިރެއް ނޭނގޭތީ އެޓްލީގެ ފިލްމުގެ ބަތަލާ ނަޔަންތަޔާ މިހާރު ވަނީ އޭނާގެ އެހެން ޝެޑިއުލްތަކަށް ބުރޫއަރާނެތީ ފިލްމުން ވަކިވެފަ އެވެ.

އަރިއަން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދި ޝާހްރުކް ފިލްމީ މަސައްކަތްތަކާ ފެއަށް ޖެހުނީ މިދިޔަ މަހުގެ ތެރޭގައި "ޕަތާން" ގެ ޝޫޓިން އަށް ސްޕެއިނަށް ވެސް ދާން ހުރިހާ ކަމެއް ތައްޔާރުވެފައި ވަނިކޮށެވެ.

"ޕަތާން" އާއި "ލަޔަން" ގެ އިތުރުން އޭނާ ވަގުތު ދޭން ޖެހިފައި އޮތް އަނެއް ފިލްމަކީ ހާއްސަ ފެނިލުމަކުން ފެންނާނެ ސަލްމާން ޚާންގެ "ޓައިގާ 3" އެވެ. އެހެންވެ ގައުމުން ބޭރަށް "ޕަތާން" ގެ ޝޫޓިން އަށް ފުރުމުގެ ކުރިން ޝާހްރުކް ސަލްމާންގެ ފިލްމުގެ މަންޒަރުތައް ނިންމައިދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕަތާން" އާއި "ޓައިގާ 3" އަކީ ވެސް ޝާހްރުކްގެ ގާތް އެކުވެރިޔާ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމުތަކެވެ.

"ޕަތާން" އާއި "ލަޔަން" ނިންމާފައި ޝާހްރުކް ދެން ވަގުތު ދޭން އޮތް ފިލްމަކީ ރާޖްކުމާރު ހިރާނީގެ ފިލްމަކަށެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.