Roadha Mihaaru
ޗައިނާގެ އިގްތިސާދު ދާނީ ދަށަށް: ވޯލްޑް ބޭންކް

ޗައިނާގެ އިގްތިސާދު ދާނީ ދަށަށް: ވޯލްޑް ބޭންކް

23 ޑިސެމްބަރ 2021

ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާގެ އިގްތިސާދު މި އަހަރާއި އަންނަ އަހަރު ވެސް ދާނީ ދަށަށް ކަމަށް، ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާގެ އިގްތިސާދު މި އަހަރާއި އަންނަ އަހަރު ވެސް ދާނީ ދަށަށް ކަމަށް، ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ޗައިނާގެ އިގްތިސާދީ ދުވެލި މިހާރު ހުރި ގޮތަށާއި، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އިން އިގްތިސާދީ ހަރަކާތްތައް މަޑުޖެހެމުން އަންނަ ނިސްބަތަށް ބަލާއިރު، މި އަހަރާއި އަންނަ އަހަރު ވެސް، ޗައިނާގެ އިގްތިސާދު ކުރިއަރާ މިންވަރު، ކުރިން އަންދާޒާކުރި ވަރަށް ވުރެ ދަށްވާނެ އެވެ.

އެ ބޭންކުގެ މިހާރުގެ އަންދާޒާއަކީ، ޗައިނާގެ އިގްތިސާދު މި އަހަރުގެ ތެރޭގައި ކުރިއަރާ ނިސްބަތް އަށް ޕަސެންޓްގައި ހުންނާނެ ކަމަށެވެ. މި އަހަރުގެ ޖޫން މަހު އެ ބޭންކުން އަންދާޒާ ކުރި ގޮތުގައި ޗައިނާގެ އިގްތިސާދު ކުރިއަރާނީ 8.5 ޕަސެންޓުގަ އެވެ. ނަމަވެސް އޭގެ ފަހުން އޮކްޓޫބަރު މަހުގެ ތެރޭގައި ބުނެފައިވަނީ، ޗައިނާގެ އިގްތިސާދު ކުރިއަރާނީ 8.1 ޕަސެންޓްގައި ކަމަށެވެ.

ކުރިއަށް އޮތް 2022 ވަނަ އަހަރަށް ވޯލްޑް ބޭންކުން މިހާރު އަންދާޒާކުރާ ގޮތުގައި، ޗައިނާގެ އިގްތިސާދު ކުރިއަރާ ނިސްބަތް ހުންނާނީ 5.1 ޕަސެންޓުގަ އެވެ. އެ ބޭންކުން ކުރިން އަންދާޒާކޮށްފައި ވަނީ އަންނަ އަހަރުގެ ތެރޭގައި 5.5 ޕަސެންޓުގައި ޗައިނާގެ އިގްތިސާދު ކުރިއަރާނެ ކަމަށެވެ.

މިއީ 1990 ވަނަ އަހަރަށް ފަހު ޗައިނާގެ އިގްތިސާދު މިހާ ދަށަށް ދާ ދެ ވަނަ ފަހަރެވެ. ޗައިނާގެ ޓިއަނަމަން މައިދާނުގައި ޗައިނާ ސިފައިން 1989 ވަނަ އަހަރު ހިންގި ގަތުލު އާންމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖްތަމައުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، 1990 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު ކުރިއަރާފައިވަނީ އެންމެ 3.9 ޕަސެންޓުގަ އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ޗައިނާގެ އިގްތިސާދަށް ގެއްލުން ފޯރާ ފަދަ ސަބަބުތައް މެދުވެރިވުން އަންނަނީ އިތުރުވަމުންނެވެ. ޗައިނާގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމާއި، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ވެސް ޗައިނާގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނާތީ، އިގްތިސާދީ ހަރަކާތްތަކަށް ކުރިމަތިވާ ހުރަސްތައް ގިނަވެ، އެ ހުރަސްތައް ދެމިއޮންނަ މުއްދަތު ވެސް އިތުރުވާނެ އެވެ.

ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ބަލި، ވަބާއެއްގެ ގޮތުގައި މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ އިރު، 2020 ވަނަ އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރިއަރައިގެން ދިޔައީ ޗައިނާގެ އިގްތިސާދެވެ. އެހެން ނަމަވެސް، ކޮވިޑުން ދިފާއުވުމަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރަން ފެށުމާ އެކު، އިގްތިސާދީ ހަރަކާތްތަކަށް އަންނަނީ ވަރަށް ބޮޑަށް ހުރަސް އެޅެމުންނެވެ.