Roadha Mihaaru
ކޮވިޑް ވައިރަސް ފެތުރުމުގެ ދެ ނަޒަރިއްޔާއެއް

ކޮވިޑް ވައިރަސް ފެތުރުމުގެ ދެ ނަޒަރިއްޔާއެއް

27 ޖުލައި 2022

ޗައިނާ އިން ފެށިގެން މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ބަލި ޖައްސާ ވައިރަސް އިންސާނުންގެ ހަށިގަނޑަށް އެރުމުގައި ތަފާތު ދެ ނަޒަރިއްޔާއަކަށް ސައެންސްވެރިން ބުރަވެ، އެ ދެ ނަޒަރިއްޔާގެ ވެސް ނަތީޖާއަކީ އެކައްޗެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި އެވެ.

ޗައިނާ އިން ފެށިގެން މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ބަލި ޖައްސާ ވައިރަސް އިންސާނުންގެ ހަށިގަނޑަށް އެރުމުގައި ތަފާތު ދެ ނަޒަރިއްޔާއަކަށް ސައެންސްވެރިން ބުރަވެ، އެ ދެ ނަޒަރިއްޔާގެ ވެސް ނަތީޖާއަކީ އެކައްޗެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި އެވެ.

މި ދެ ނަޒަރިއްޔާއިން ވެސް ހާސިލުވި ނަތީޖާ ބުނާ ގޮތުން، ކޮވިޑް-19 ޖައްސާ ވައިރަސް އިންސާނުންގެ މެދުގައި ފެތުރެން ފެށީ، ޗައިނާގެ ވޫހާން ސަހަރުގައި ހުންނަ ހުއަނާން ސީފުޑް ބާޒާރުންނެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އޮންލައިންކޮށް އާންމުކުރި އެ ދެ ދިރާސާ އަލުން މުރާޖައާ ކުރުމަށް ފަހު، އިއްޔެ ވަނީ ޖާނަލް ސައެންސްގައި ޝާއިއުކޮށްފަ އެވެ.

މީގެ ތެރެއިން އެއް ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ކޮވިޑް-19 ޖައްސާ ވައިރަސް އިންސާނުންގެ ހަށިގަނޑަށް އަރާފައިވަނީ، ހުއަނާން ސީފުޑް ބާޒާރުގައި ވިއްކި ދިރޭ ޖަނަވާރުތަކެއްގެ ހަށިގަނޑުންނެވެ. ކޮވިޑް ވައިރަސް ހުރި ޖަނަވާރުތައް އެ ބާޒާރުގައި ގެންގުޅެފައިވަނީ ސަލާމަތުން ހުރި ޖަނަވާރުތަކާ ވަރަށް ކައިރީގައި ކަމަށްވުމުން، އެއް ޖަނަވާރުގެ ހަށިގަނޑުން އަނެއް ޖަނަވާރުގެ ހަށިގަނޑަށް ޖަރާސީމު އެރީ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ނަމަވެސް، ކޮވިޑް ވައިރަސް ހުރީ އެ ބާޒާރުގައި ވިއްކި ކޮން ބާވަތެއްގެ ޖަނަވާރެއްގެ ހަށިގަނޑުގައި ކަމެއް އެ ދިރާސާގައި ނުބުނެ އެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮވިޑް ވައިރަސް ހުރި ޖަނަވާރުގެ ހަށިގަނޑުން އެންމެ ފުރަތަމަ ކޮވިޑް ވައިރަސް އެރީ، އެ ޖަނަވާރުތައް ވިއްކި މީހުންގެ ހަށިގަނޑަށް ނުވަތަ އެ ވައިރަސް ހުރި ޖަނަވާރު ގަތް މީހުންގެ ހަށިގަނޑަށެވެ.

މި ދިރާސާ ހެދި ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި، އިންސާނުންނަށް ކޮވިޑް-19 ޖެހިފައިވަނީ، އެ ބާޒާރުގައި ވިއްކި ދިރޭ ޖަނަވާރުތަކުގެ ހަށިގަނޑުގައި ހުރި ކޮވިޑް ޖައްސާ ދެ ބާވަތެއްގެ ވައިރަހެއްގެ ސަބަބުންނެވެ. އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު އަށް މީހުންނަކީ ވެސް، އެ ބާޒާރުގެ ހުޅަނގު ފަރާތުގައި އުޅުނު މީހުންނެވެ.

ކޮވިޑް ވައިރަސް ހުރި ޖަނަވާރުތައް ގެންގުޅެފައިވަނީ ވެސް، އެ ބާޒާރުގެ ހުޅަނގު ފަރާތުގައި ހުރި ގޮޅިތަކުގަ އެވެ. ދިރާސާކުރި މީހުން ލަފާ ކުރާ ގޮތުގައި، އިންސާނުންގެ ހަށިގަނޑަށް ކޮވިޑް ވައިރަސް އަރާފައިވަނީ، އެ ބާޒާރުގެ ހުޅަނގު ފަރާތުގައި ހުރި، ދިރޭ ޖަނަވާރާއި ވަގުތުން ކަތިލައިގެން ޖަނަވާރުގެ މަސް ވިއްކާ ފަސް ސްޓޯލުންނެވެ.

އަނެއް ދިރާސާގައި ބުނެފައިވާ ގޮތުން، އިންސާނުންގެ ހަށިގަނޑަށް އެރި ކޮރޯނާވައިރަސް އިންސާނުންގެ މެދުގައި ފެތުރެން ފެށި ކަމަށް ބެލެވެނީ ޖަނަވާރަށް ކޮވިޑް ޖައްސާ ދެ ނަސްލެއްގެ ވައިރަހެއް ("އޭ" އާއި، "ބީ") އިންސާނުންގެ ހަށިގަނޑަށް އަރައިގެންނެވެ. އަދި ޖަނަވާރުންގެ ކިބައިން އިންސާނުންގެ ހަށިގަނޑަށް ކޮވިޑް ޖައްސާ "ބީ" ވައިރަސް ނަގުލުވި ކަމަށް ބެލެވެނީ ނޮވެމްބަރު 18، 2019 ހިސާބުގަ އެވެ.

މި ދިރާސާކުރި މީހުން ބުރަވާ ގޮތުގައި "ބީ" ވައިރަސް ފެނިފައިވަނީ، ހުއަނާން ބާޒާރަށް ގޮސް އުޅުނު މީހުންގެ ހަށިގަނޑުންނެވެ. އަދި "އޭ" ނަސްލުގެ ވައިރަސް ފެނިފައިވަނީ، އެ ބާޒާރާ ކައިރި ހިސާބުތަކުގައި އުޅުނު، ނަމަވެސް އެ ބާޒާރަށް ނުދާ މީހުންގެ ހަށިގަނޑުންނެވެ. "އޭ" ނަސްލުގެ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ނަގުލުވި ކަމަށް ބެލެވެނީ، "ބީ" ވައިރަސް ނަގުލުވިތާ ހަފުތާތަކެއް ނުވަތަ ދުވަސްތަކެއް ފަހުންނެވެ.

މި ދެ ދިރާސާގައި ވެސް ބުނެފައިވާ ގޮތުން، ކޮވިޑް ވައިރަސް އިންސާނުންގެ މެދުގައި ފެތުރެން ފެށީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ކަމުގައި ބެލެވޭނެ ހަރުދަނާ ހެއްކެއް ނެތެވެ. މި ދިރާސާގައި އިސްވެ އުޅުނު ބައެއް ޕްރޮފެސަރުން ވިދާޅުވާ ގޮތުގައި، ކޮވިޑް ވައިރަހަކީ ޗައިނާގެ ސައެންސް ލެބޯޓަރީއަކުން ލީކްވެގެން އިންސާނުންގެ މެދުގައި ފެތުރެން ފެށި ވައިރަހެއް ކަމަށް ބުނާ ތިޔަރީ، މި ދިރާސާތަކުން ދޮގެއް ނުކުރެ އެވެ.