Roadha Mihaaru
މިފްކޯގެ ސްޓޮރޭޖް ފުލްވެ މަސް ގަތުން ކޮންޓްރޯލްކޮށްފި

މިފްކޯގެ ސްޓޮރޭޖް ފުލްވެ މަސް ގަތުން ކޮންޓްރޯލްކޮށްފި

24 ޑިސެމްބަރ 2021

މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު ކަމަށާއި އެއް ސަރަހައްދަކަށް އެކި އަތޮޅުތަކުން ދޯނިތައް އައިސް މަސްބާނައި، މަސް ކިރުވަން ޖެހިފައި ވާތީ އެކަމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް މިފްކޯއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު ކަމަށާއި އެއް ސަރަހައްދަކަށް އެކި އަތޮޅުތަކުން ދޯނިތައް އައިސް މަސްބާނައި، މަސް ކިރުވަން ޖެހިފައި ވާތީ އެކަމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން ބުނީ މި ދުވަސްވަރު ދޯނިތައް ކިއުގައި ތިބެން ޖެހޭ ވަގުތު ކުޑަކުރުމުގެ ގޮތުން ހުކުރު ދުވަހު ވެސް މަސް ކިރަމުން އަންނަ ކަމަށެވެ. ހުކުރު ދުވަހަކީ އާންމުކޮށް މަސް ކިރާ ދުވަހެއް ނޫނެވެ.

މިފްކޯއިން މިދިޔަ ހަތަރު ހަފްތާގައި ވެސް ހުކުދު ދުވަހު މަސް ކިރުވި އެވެ.

މިފްކޯ އިން ބުނީ ކޯލްޑް ސްޓޯރޭޖު ފުރިގެން، ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ މިފްކޯއިން ވަނީ ދޯނިތަކުން މަސް ކިރުވާ ވަރު މިވަގުތަށް ލިމިޓް ވެސް ކޮށްފަ އެވެ. މިހާރު ދޯންޏަކުން ކިރާނީ ފަސް ޓަނު މަހެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރު މަސް ކިރުވުމުގައި ބޮޑެތި އުނދަގޫތައް ކުރިމަތިވެ އެވެ. މިގޮތަށް މަސް ކިރުވާ ވަރު ކޮންޓްރޯލް ކުރާތީ މަސްވެރިން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. މިފްކޯއިން މީގެ ކުރިން ބުނީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މި ދިމާވާ މައްސަލަަތަކަށް ހައްލެއް ލިބޭނީ މިފްކޯގެ ކެޕޭސިޓީ ރަނގަޅު ކުރެވިގެން ކަމަށެވެ.

މިދިޔަ އަހަރު މިފްކޯއިން 49،000 ޓަނުގެ މަސް ގަނެފައިވެ އެވެ. މިއަހަރުގެ މިހާތަނަށް 56،000 ޓަނުގެ މަސް ވަނީ ގަނެފަ އެވެ. މިމަހުގެ މިހާތަނަށް 8،000 ޓަނުގެ މަސް ވަނީ ގަނެފައިވެ އެވެ.