Roadha Mihaaru
އާ މަސް ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި

އާ މަސް ބޯޓުގެ އޮޕަރޭޝަން ފެށިތާ ގިނައިރުތަކެއް ނުވެ ޓެކްނިކަލް މައްސަލައެއް!

20 މެއި 2023

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން އަލަށް ގެނައި ބޯޓަށް މަސްކިރަން ފެށިތާ ދެތިން ގަޑިއިރުގެ ތެރޭގައި މައްސަލަ ޖެހި މަސްކިރުން މެދުކެނޑިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން އަލަށް ގެނައި ބޯޓަށް މަސްކިރަން ފެށިތާ ދެތިން ގަޑިއިރުގެ ތެރޭގައި މައްސަލަ ޖެހި މަސްކިރުން މެދުކެނޑިއްޖެ އެވެ.

އެކަމަކު، އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ މިރޭ ވިދާޅުވީ، މިހާރު މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

"ޖަޒީރާ 103" ގެ ނަން ދީފައިވާ ބޯޓްގެ އޮޕަރޭޝަން ރަސްމީކޮށް ފެށީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އެވެ. މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮރެއާ އިން ރާއްޖެ އަށް ގެނައި އާ ބޯޓުން މަސް ކިރަން ފެށުން ރަސްމީކޮށް ފައްޓަވައި ދެއްވީ ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައި މާލީ ވަޒީރު އިބްރާހިމް އަމީރެވެ.

އިސްމާއީލް ވިދާޅުވިގޮތުގައި، އެ ބޯޓަށް ޓެކްނިކަލް މައްސަލަ ދިމާވުމުގެ ކުރިން ފަސް ވަރަކަށް ދޯނިން މަސްކިރުވި އެވެ.

"މައްސަލަ ދިމާވިއިރު ވެސް ބޯޓުގައި އަޅުގަނޑުމެންގެ އިންޖިނިއަރުން ތިބި. އިންޖިނިއަރުން ވަނީ އެ މައްސަލަ ހައްލުކޮށްފައި. މާދަމާ އަނެއްކާ ވެސް ބޯޓުން މަސްކިރަން ފަށާނެ،" އޭނާ ވިދާޅުވި އެވެ.

އެ ބޯޓު މިހާރު އޮތީ ގއ. ކޫއްޑޫ ބޭރުގައި ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

މިފްކޯގެ މި އާ ބޯޓާ އެކު އެ ކުންފުންޏަށް މަސްކިރާ އަދަދު 5،807 މެޓްރިކް ޓަނަށް ވަނީ މަތިވެފަ އެވެ. އަދި އައިސް ކުރެވޭ ސްޓޯރޭޖް ވެސް ވަނީ 290 މެޓްރިކް ޓަނަށް އިތުރުވެފަ އެވެ.