Roadha Mihaaru
މިފްކޯއިން މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދީފި

މިފްކޯ އިން މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދީފި

26 އެޕްރީލް 2020

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިދިޔަ ހަފުތާގައި 70 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިދިޔަ ހަފުތާގައި 70 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މި މަހުގެ 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އޮތުމުން ދަތުރުފަތުރު ކުރުން ހުއްޓާލާފައި ވާތީ، މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ކަމަށެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން ބޮޑު ބައެއް މިހާރު ދޫކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފައިސާ ދިނީ މިދިޔަ ހަފުތާގައި ސަރުކާރުން ހަމަޖައްސައިދިން ހާއްސަ މަތިންދާބޯޓުތަކެއްގައި ކުރި ދަތުރުތަކެއްގަ އެވެ. މިއީ، މިދިޔަ ތިން ވަރަކަށް ހަފުތާގައި މިފްކޯ އަށް ކިރާފައިވާ މަހަށް ދޭންޖެހޭ ފައިސާ އެވެ.

މަސް ކިރުމަށް ފަހު، އަދިވެސް ގިނަ މަސްވެރިންނަށް ދޫކުރަނީ ނަގުދު ފައިސާ އެވެ.

އިސްމާއިލް ވިދާޅުވީ، އަދިވެސް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭންޖެހޭ ކަމަށެވެ. މި ހަފުތާގައި ބޭންކްތައް ހުޅުވުމުން އެ ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދުވަސްވަރު ދަތިތައް އެބަހުރި. އެކަމަކު މަސައްކަތް ކުރަނީ ފެލިވަރުގެ ކޭނިން މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ހާލަތުގައި ވެސް ހާއްސަ އުސޫލުގެ ތެރެއިން މަސްވެރިން މަހަށް ދިއުން ވަރަށް މުހިންމެވެ. އާންމު ގޮތެއްގައި ވެސް މޭ މަހުގެ ނިއަލަށް ރާއްޖޭގައި މަސްވެރިކަން ރަނގަޅެވެ. އެކަމަކު، ޖޫން، ޖުލައި މަހަކީ އާންމު ގޮތެއްގައި ރާއްޖޭގައި މޫސުން ގޯސް ދުވަސްވަރަކަށް އެ ދުވަސްވަރު މަސްވެރިކަން ވެސް ވަރަށް ބޮޑަށް ދަށަށް ދާނެ އެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ އެކު އެއް ރަށުން އަނެއް ރަށަށް ދަތުރުތައްކުރުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ އިން މި ބަލި ފެނުމާ އެކު މާލެ ސަރަހައްދާއި އުުތުރުގެ ބައެއް މީހުން ދިރިއުޅޭ ރަށްތައް ވެސް ވަނީ ލޮކްޑަަައުން ކޮށްފަ އެވެ. މި ހާލަތުގައި ވެސް މަސްވެރިކަން ކުރަން ބޭނުންވާ މީހުންނަށް މަހަށް ދިއުމުގެ ހުއްދަ ދޭން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.