Roadha Mihaaru
މިފްކޯގެ އާ ބޯޓު "ޖަޒީރާ 103" ރާއްޖެ ގެނެސްފި

މިފްކޯގެ އާ ބޯޓު ރާއްޖެ ގެނެސްފި، އިތުރު 420 ޓަނުގެ މަސް ރައްކާ ކުރެވޭނެ

06 އެޕްރީލް 2023

މިފްކޯގެ އާ ބޯޓު “ޖަޒީރާ 103” މިއަދު ރާއްޖެ ގެނެސްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިފްކޯގެ އާ ބޯޓު “ޖަޒީރާ 103” މިއަދު ރާއްޖެ ގެނެސްފި އެވެ.

އެ ބޯޓު ކޮރެއާ އިން ރާއްޖެ އައުމަށް ފުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

މިފްކޯ އިން ބުނިގޮތުގައި ބޯޓުގެ ކުރޫ ބަދަލު ކުރުމާއި ކަސްޓަމްސް ކްލިއަރެންސް ހޯދައި، ބޯޓު ލޯކަލައިޒް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެއީ މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެނައި ބޯޓެއް އެ ކުންފުނިން ބުންޏެވެ.

މިފްކޯ އިން ބުނީ، އެ މަސައްކަތުގެ ތެރެއިން އިތުރު ތިން ބޯޓު ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.

މިފްކޯއިން ގެނައި ބޯޓު. އިތުރު ތިން ބޯޓު ގެނައުމަށް ވަނީ ހަމަޖެހިފަ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯއިން ގެނައި ބޯޓު. އިތުރު ތިން ބޯޓު ގެނައުމަށް ވަނީ ހަމަޖެހިފަ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ކުންފުނިން ބުނީ، ގެންނަން ހަމަޖެހިފައިވާ އިތުރު ތިން ބޯޓު މިހާރު ވަނީ ގަނެ، ރަޖިސްޓަރީކޮށް ނިންމައި، ތައިލެންޑްގައި ޑޮކް ކޮށްފައި ކަމަށެވެ. ބޯޓު އޮތީ މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ބޯޓުތައް ރާއްޖެ ގެނައުމުން ކޮންމެ ބޯޓަކަށް ދުވާލަކު 60 ޓަނުގެ މަސް ގަތުމުގެ ގާބިލްކަން ލިބޭނެ އެވެ.

މިފްކޯއިން ގެނައި “ޖަޒީރާ 103” އަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ބޯޓުން ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ، ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމަށާއި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވި ގޮތުގައި "ޖަޒީރާ 103”އަކީ ފަސޭހަ ކަމާއެކު މަސްކިރުމުގެ ވަސީލަތްތައް ގާއިމް ކޮށްފައިވާ ބޯޓަކަށް ވުމުން، މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް އިތުރު ލުއިސޭހަ ތަކެއް ލިބޭނެ އެވެ.

މިފްކޯ އިން ވަނީ 2021 ވަނަ އަހަރު ވެސް 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި ބޯޓެއް ހޯދައިފަ އެވެ. އެއީ ދުވާލަކު 120 ޓަން ފްރީޒް ކުރެވޭ ބޯޓެކެވެ. މަސް އެކްސްޕޯޓް ކުރުމަށްޓަކައި 2،400 ޓަނުގެ ކެރިއާ ވެސެލްއެއް ވެސް އެ ކުންފުނިން ވަނީ ގަނެފަ އެވެ.

މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެ ކުންފުނިން ވަނީ ސެންޓަރުތަކުގެ ފްރީޒިން އަދި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު މަސްގަންނަ ސެންޓަރުތަކެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.