Roadha Mihaaru
ކަރީނާގެ ފޮތުގެ ނަމުގެ މައްސަލަ ފުލުހުންނަށް

ކަރީނާގެ ފޮތުގެ ނަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

16 ޖުލައި 2021

ބަލިވެއިނުމާ ބެހޭ ގޮތުން ކުރި ތަޖުރިބާތަކުގެ ވާހަކަ ކިޔައިދީ، ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ލިޔުނު ފޮތުގެ ނަމުގައި "ބައިބްލް" ހިމަނާފައިވާތީ އިންޑިއާގެ ކްރިސްޓިއަން ދީނުގެ ބަޔަކު މައްސަލަ ޖައްސައި ފޮތުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަލިވެއިނުމާ ބެހޭ ގޮތުން ކުރި ތަޖުރިބާތަކުގެ ވާހަކަ ކިޔައިދީ، ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ލިޔުނު ފޮތުގެ ނަމުގައި "ބައިބްލް" ހިމަނާފައިވާތީ އިންޑިއާގެ ކްރިސްޓިއަން ދީނުގެ ބަޔަކު މައްސަލަ ޖައްސައި ފޮތުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ކަރީނާ ކަޕޫރް ހާންސް ޕްރެގްނަންސީ ބައިބްލް" ނަމުގެ މައްސަލަ މަހާރަޝްތުރާ ސްޓޭޓްގެ ޝިވާޖީ ނަގަރް ޕޮލިސް ސްޓޭނަށް ބުދަ ދުވަހު ހުށަހެޅީ އެ ސްޓޭޓްގެ ޖަމާއަތެއް ކަމަށްވާ އަލްފާ އޮމެގާ ކްރިސްޓިއަން މަހާސަންގުންނެވެ.

އެތަނުގެ ރައީސް އާޝިޝް ޝިންޑޭ ހުށަހެޅި މައްސަލާގައި ބުނީ ބަލިވެއިނުމާ ގުޅޭ ވާހަކަތަކެއް ލިޔެފައި އޮތް ފޮތަކަށް ދީނެއްގެ ބަޔަކަށް ރައްދުވާ ގޮތަށް ނަން ދިނުމަކީ ދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ. އެހެންވެ ކަރީނާ ފޮތުގެ މައްސަލަ ބަލައި، އެކަން ތަހުގީގުކޮށްދޭން އެދިފައިވެ އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިކަން ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

"ކަރީނާ ކަޕޫރް ހާންސް ޕްރެގްނަންސީ ބައިބްލް" އަކީ މިދިޔަ އަހަރު ޑިސެމްބަރުގައި އިއުލާންކޮށް، މި މަހުގެ 9 ގައި ރަސްމީކޮށް ކަވަރު ދައްކައިލި ފޮތެކެވެ. ފޮތް މިހާރު އަންނަނީ އެމެޒޯންގައި ވިއްކަމުންނެވެ.

ކަރީނާގެ މި ފޮތަކީ އިންޑިއާގެ ފެޑެރޭޝަން އޮފް އޮބްސްޓެޓްރިކް އެންޑް ގައިނޮކޮލޮޖިކަލް ސޮސައިޓީޒް އޮފް އިންޑިއާ (އެފްއޯޖީއެސްއައި) އިން ވެސް އެޕްރޫވްކޮށްފައިވާ އެއްޗެކެވެ.