Roadha Mihaaru
މުމްބާއީ ދޫކޮށްލާކަށް ނޫޅެން: ސައިފް

މުމްބާއީ ދޫކޮށް، ޕަޓޯޑީ އަށް ބަދަލުވާކަށް ނޫޅެން: ސައިފް އަލީ ޚާން

29 އޮކްޓޯބަރ 2020

މަސައްކަތާއި ދަރިންނާއި އާއިލާގެ ގިނަ މީހުން ވެސް މިހާރު ތިބީ މުމްބާއީގައި ކަމަށްވާތީ އެ ސިޓީ ދޫކޮށް މަދިޔަޕްރަދޭޝްގެ ޕަޓޯޑީ އަށް ބަދަލުވާން ނޫޅޭ ކަމަށް ސައިފް އަލީ ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސައްކަތާއި ދަރިންނާއި އާއިލާގެ ގިނަ މީހުން ވެސް މިހާރު ތިބީ މުމްބާއީގައި ކަމަށްވާތީ އެ ސިޓީ ދޫކޮށް މަދިޔަޕްރަދޭޝްގެ ޕަޓޯޑީ އަށް ބަދަލުވާން ނޫޅޭ ކަމަށް ސައިފް އަލީ ޚާން ބުނެފި އެވެ.

މިހާރު އުމުރުން 50 އަހަރުގެ އެކްޓަރަކީ ޕަޓޯޑީގެ ޝާހީ އާއިލާގެ މެމްބަރެކެވެ. އެތަނުގައި ސައިފްގެ އާއިލާގެ ޝާހީ ގަނޑުވަރެއް ވެސް ހުރެ އެވެ. މިހާރު ވެސް ނަވާބުގެ ނަމުން ނިސްބަތްކުރާ ސައިފްގެ ބައްޕަ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ މަންސޫރު އަލީ ޚާންގެ އާއިލާ ނިސްބަތް ވަނީ ޕަޓޯޑީގެ ޝާހީ އާއިލާއަށެވެ.

ދާދި ފަހުން މުމްބާއީން އަގުބޮޑު އެޕާޓްމަންޓެއް ގަނެގެން އެ ތަނުގައި އަންހެނުން ބަތަލާ ކަރީނާ ކަޕޫރާއި ހަގު ދަރިފުޅު ތައިމޫރާ އެކު ދިރިއުޅެމުން އަންނަ ސައިފް ބުނީ މި ވަގުތު މުމްބާއީ ނޫން އިތުރު ތާކަށް ދިރިއުޅުން ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

"މުމްބާއީ އަކީ އަބަދު ވެސް އަހަރެން ލޯބިވާ ތަނެއް. އަހަރެންގެ ދަރިންނާއި އާއިލާ ވެސް ތިބީ މިތާނގައި. އަނެއްކާ މި ވަގުތު ތައިމޫރު ކިޔަވަނީ ވެސް މުމްބާއީގެ ސްކޫލެއްގައި ކަމަށްވާތީ މިތަން ދޫކޮށްފައި އެހެން ތާކަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުމެއް ނެތް،" ސައިފް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މީހަކަށް ހަދައި ދިނީ މުމްބާއީން ކަމަށްވެފައި ކާންބޯންކުރާ މަސައްކަތް ވެސް އޮތީ އެ ސިޓީގައި ކަމަށްވާތީ މި ވަގުތަށް މުމްބާއީ ދޫކޮށްލުމަކީ ވާނެ ކަމެއް ވެސް ނޫނެވެ.

"ފިލްމީ މަސައްކަތްކުރާ އެންމެ ވަރުގަދަ މީހުން ތިބީ މި ތާނގައި. އަހަރެންގެ މަސައްކަތް ބިނާވެފައި އޮތީ މިތަނަށް. އެހެންވީމާ ކައިރި މުސްތަގުބަލެއްގައި ވެސް މުމްބާއީ ދޫކޮށެއް ނުލެވޭނެ،" ސައިފް ބުންޏެވެ. ފަހަރުގައި އުމުރުން އަދި ތަންކޮޅެއް ދުވަސްވެލީމަ ޕަޓޯޑީ އަށް ބަދަލުވެދާނަން. އެތަނަކީ ދުނިޔެ މަތީގެ އެންމެ ރީތި އެއް ތަން. އަދި އަބަދު ވެސް އަހަރެން ވަރަށް ގަޔާވާ ތަނެއް އެއީ. ހިތްހަމަޖައްސައި އަރާމުކޮށްލަން އެއީ އެއް ވަނައިގެ ތަނެއް."

ދެ ކައިވެންޏަކަށް މިހާރު ތިން ދަރިން ތިބި ސައިފަށް ވަރަށް އަވަހަށް ހަތަރު ވަނަ ދަރިއަކު ވެސް ލިބޭނެ އެވެ. އަންހެނުން ކަރީނާ އިނީ ދެވަނަ ދަރިއަކަށް ބަލިވެ އެވެ. ކުރީގެ ބަތަލާ އަމްރިތާ ސިންގްއާ ކައިވެނިކޮށްގެން ސައިފަށް ލިބިފައި ވަނީ ބަތަލާ ސާރާ އަލީ ޚާން، 25، އާއި އިބްރާހީމް އަލީ ޚާން، 19، އެވެ.

ސައިފަކީ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ. ސައިފާ އެއްބަނޑު އެެއްބަފާ ދެން ތިބެނީ ކުރިން ފިލްމު ކުޅުނު ސޯހާ އަލީ ޚާން، 42، އާއި ސަބާ އަލީ ޚާން، 44، އެވެ.