Roadha Mihaaru
"ފޮޓޯއެއް ނަގަން" ކަރީނާ ރާއްޖެ އަންނަން ބޭނުންވެފައި

"ފޮޓޯއެއް ނަގަން" ކަރީނާ ރާއްޖެ އަންނަން ބޭނުންވެފައި

27 މެއި 2021

ކުރިން ރާއްޖެއަށް ކުރި ޗުއްޓީ ދަތުރެއްގައި ނެގި ފޮޓޯގެ ޕޯޒް އަލުން ތަކުރާރުކުރަން ވަރަށް އަވަހަށް ރާއްޖެ އަށް އަންނަން ބޭނުންވާ ކަމަށް ދޭހަވާ ގޮތަށް ބަތަލާ ކަރީނާ ކަޕޫރް ވާހަކަ ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ރާއްޖެއަށް ކުރި ޗުއްޓީ ދަތުރެއްގައި ނެގި ފޮޓޯގެ ޕޯޒް އަލުން ތަކުރާރުކުރަން ވަރަށް އަވަހަށް ރާއްޖެ އަށް އަންނަން ބޭނުންވާ ކަމަށް ދޭހަވާ ގޮތަށް ބަތަލާ ކަރީނާ ކަޕޫރް ވާހަކަ ދައްކައިފި އެވެ.

އޭނާގެ ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާންގެ ކޮއްކޮ ސޯހާ އަލީ ޚާންގެ ފިރިމީހާ އެކްޓަރު ކުނާލް ކޭމޫގެ 38 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކިޔަން އަންގާރަ ދުވަހު އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯއާ އެކު ކަރީނާ ބުނީ "އެ ފޮޓޯ ރީކްރިއޭޓްކުރަން ވަރަށް އަވަހަށް [ރާއްޖެ] އަންނާނެ ކަމަށް ވައުދުވާ" ކަމަށެވެ.

އެ ފޮޓޯގައި ފެންނަނީ ސައިފާއި ކަރީނާ އާއި އެ މީހުންގެ ދަރިފުޅު ތައިމޫރާއި ކުނާލް އާއި ސޯހާ އާއި އެ މީހުންގެ ދަރިފުޅު އިނާޔާއާ އެކު ޕޫލެއްގެ ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން ތިބޭ ތަނެވެ. މި އާއިލާ އަލުން ރާއްޖެ އަންނަ އިރު، މި ފޮޓޯއަށް މެމްބަރަކު ވެސް އިތުރު ވާނެ އެވެ. އެއީ ކަރީނާ އަށް ފެބްރުއަރީގައި ލިބުނު ދެވަނަ ފިރިހެން ދަރިފުޅެވެ.

އެ ދަރިފުޅު މިހާތަނަށް މީޑިއާތަކަށް "ފޮރުވައިގެން" އުޅޭ އިރު ކިޔާ ނަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ މިދިޔަ އަހަރުގެ ލޮކްޑައުން ފަހު ސެޕްޓެމްބަރު މަހުން ފެށިގެން އެ ގައުމުގެ ފިލްމީ ތަރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މި އަހަރުގެ މާޗު މަހާ ހަމައަށް ވަރަށް ބޮޑަށް އިތުރުވި އެވެ. ނަމަވެސް އެކަން މިހާރު މަޑުޖެހިފައި އޮތީ އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެންނެވެ.

ގައުމު ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮއްވައި އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ އަންނާތީ އެ ގައުމުގެ ބައެއް މީޑިއާތަކާއި ސީދާ ފިލްމު އިންޑަސްޓްރީގެ ތެރެއިން ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.