Roadha Mihaaru
ސައިފްގެ ރާއްޖޭ ދަތުރުން ރީތި ދެ ފޮޓޯ

ސައިފްގެ ރާއްޖޭ ދަތުރުން ރީތި ދެ ފޮޓޯ

16 އޯގަސްޓް 2021

އުފަން ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ރާއްޖެ ދަތުރުގެ ފޮޓޯތަކެއް އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުފަން ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ރާއްޖެ ދަތުރުގެ ފޮޓޯތަކެއް އާންމުކޮށްފި އެވެ.

އަންހެނުން، މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ އެ މީހުން ތިބި ރިސޯޓްގެ ކޮޓަރީގެ ބޭރުގައި އެ މީހުންގެ ދެ ދަރިން ކަމަށްވާ ތައިމޫރާއި ޖަހާގީރް (ޖޭ) އާ އެކު ފޮޓޯއަކަށް ހިނިތުންވެގެން އިށީނދެ ތިބޭ ތަނެވެ. އަނެއް ފޮޓޯގައި ސައިފާއި ކަރީނާ ތިބީ ޕޫލެއްގެ ތެރޭގަ އެވެ.

ހޯމަ ދުވަހު 51 އަހަރު ފުރުނު ސައިފްގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އައިސްފައި މި ވަނީ ކަރީނާ ދެވަނަ ދަރިފުޅު ވިހޭ ފަހުން ގައުމުން ބޭރަށް ދަރިފުޅާ އެކު ކުރި ފުރަތަމަ ދަތުރުގެ ގޮތުގަ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި ސައިފްގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އަށް ކުރާ ދަތުރުގައި އާއިލާގެ އިތުރު ބަޔަކު ވެސް ބައިވެރި އެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް ޔަގީނެއް ނޫނެވެ. އަދި އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް އިންސްޓަގްރާމް ޕޯސްޓަކުން ވެސް ނޭނގެ އެވެ.

ކަރީނާ އާއި ސައިފަކީ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދެ ތަރިންނެވެ.

މަސައްކަތްތަކާ ދުރުވެލައި ޗުއްޓީ ހަދަން ރާއްޖެ އައި އިރު، އަންނަ މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ ސައިފްގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޓްރެއިލާ ބުދަ ދުވަހު އާންމުކުރާނެ އެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.