Roadha Mihaaru
ބައިޑެންއާ މެދު އޮބާމާ ވެސް ސުވާލު އުފައްދަވައިފި

ބައިޑެން ރިޔާސީ ރޭހުގައި ހުންނެވުމާ މެދު އޮބާމާ ވެސް ސުވާލު އުފައްދަވައިފި

18 ޖުލައި 2024

އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ރޭހުގައި ހުންނެވުމާ މެދު ގޮތެއް ނިންމަންޖެހޭ ކަމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް އޭނާގެ އަރިސް ބޭފުޅުން ގާތު ވިދާޅުވެފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ރޭހުގައި ހުންނެވުމާ މެދު ގޮތެއް ނިންމަންޖެހޭ ކަމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް އޭނާގެ އަރިސް ބޭފުޅުން ގާތު ވިދާޅުވެފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފި އެވެ.

އުމުރުން 81 އަހަރުގެ ބައިޑެން އަށް އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށް އޮތް އުންމީދު މިހާރު ކުޑަވެއްޖެ ކަމަށާއި އެހެންވެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އަދިވެސް ދެމި ހުންނަވާތީތޯ ބައިޑެން ސީރިސްކަންކޮށް ވިސްނަންޖެހިވަޑައިގެންފައިވާ ކަމަށް އޮބާމާ ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އޮބާމާގެ ވެރިކަން 2009 އިން 2017 ވަނަ އަހަރާ ހަމައަށް އޮތް އިރު ނައިބު ރައީސަކީ ބައިޑެން އެވެ. އެކަމަކު ޑިމޮކްރެޓިކް ޕާޓީގައި އޮބާމާގެ ނުފޫޒު މިހާރު ވެސް ވަރަށް ގަދަ އެވެ.

ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ބައިޑެންއާ ވާދަކުރައްވާ، ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ފެނުނު ގޮތުން ބައިޑެންގެ ގާބިލްކަމާ މެދު ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެހެންވެ މި ބަހުސްގެ ތެރެއިން، މިހާރު އެންމެ ނުފޫޒު ގަދަ އަޑަކަށް ވެފައި ވަނީ އޮބާމާ އެވެ.

ކެމްޕެއިންގައި އުޅުއްވަނިކޮށް ކޮވިޑަށް ޕޮޒިޓިވްވެ މިހާރު ވެސް އައިސޮލޭޝަންގައި ހުންނެވި ބައިޑެން ގެންދަވަނީ އޭނާގެ އުމުރާއި ސިއްހީ ހާލަތުގެ ސަބަބުން އޭނާ ރައީސްކަމަށް އެކަށީގެންނުވާ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ޕްރެޝަރު ބޮޑުވެފައިވާއިރު، ޑިމޮކްރެޓިކް ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ އާއި ހައުސްގެ މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސް ވެސް ބައިޑަންއާ ބައްދަލުކުރައްވައި، ނޮވެމްބަރު މަހުގެ އިންތިޚާބުގައި ބައިޑަންގެ ކެންޑިޑެސީ އޮތުމަކީ އޭނާގެ ޕާޓީގެ ކުރިމަގު ބަނަވެދާނެ ނިންމުމެއް ކަމަށް ވަނީ ދަންނަވައިފަ އެވެ. -- އޭއެފްޕީ