Roadha Mihaaru
އޮބާމާގެ ބާސްކެޓްބޯޅަ ޖާޒީއެއް ނީލަމެއްގައި ވިއްކާލަނީ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ބާސްކެޓްބޯޅަ ޖާޒީއެއް ނީލަމެއްގައި ވިއްކާލަނީ

29 ޖުލައި 2019

ބާސްކެޓްބޯޅަ އަށް ލޯބި ކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ހައި ސްކޫލް ދައުރުގައި ބޭނުންކުރެއްވި ޖާޒީއެއް ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބާސްކެޓްބޯޅަ އަށް ލޯބި ކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ހައި ސްކޫލް ދައުރުގައި ބޭނުންކުރެއްވި ޖާޒީއެއް ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.

ހުދު ކުލައިގެ އަތްކެނޑި އަދި މޭމަތީގައި ނޫކުލައިން "ޕުނަހޯ 23" ޖަހާފައިވާ ޖާޒީ ވިއްކައިލަން ހުޅުވައިލީ އެމެރިކާގެ އޮކްޝަން ހައުސްއެއް ކަމަށްވާ ހެރިޓޭޖް އޮކްޝަންސް އިންނެވެ.

ޖާޒީ އަށް ބިޑް ކުރުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، އޭގެ އަގު ފެށެނީ 25،000 ޑޮލަރުންނެވެ. ހެރިޓޭޖުން ލަފާކޮށްފއިވާ ގޮތުގައި އޮބާމާ ތުރުކުރެއްވި ޖާޒީ އެންމެ ދަށްވެގެން ވެސް 100،000 ޑޮލަރަށް ވިއްކައިލެވޭނެ އެވެ.

އެމެރިކާގެ 44 ވަނަ ރައީސް އޮބާމާ ބޭނުންކުރެއްވި ޖާޒީ އަކީ އޭނާ ހޮނަލޫލޫގެ ޕުނަހޯ ސްކޫލްގައި ކިޔަވާވިދާޅުވި ދުވަސްވަރު ސްކޫލްގެ ބާސްކެޓް ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ބޭނުން ކުރެއްވި ޖާޒީ އެވެ. އެގޮތުން އޮބާމާއަކީ 1979 ވަނަ އަހަރު ހަވާއީ ސްޓޭޓް ޗެމްޕިއަން ބޯއިޒް ވާސިޓީ ބާސްކެޓް ބޯޅަ ޓީމްގެ މެމްބަރެއް ވެސް މެ އެވެ.

ހެރިޓޭޖުން ބުނި ގޮތުގައި ނީލަމުގައި ވިއްކައިލާ ޖާޒީ އޮބާމާ އަށް ވުރެ ތިން އަހަރު ޖޫނިއާއެއްގެ ގޮތުގައި ޕުނަހޯ އެލަމްއެއްގެ ގޮތުގައި ޕީޓާ ނޯބްލް ވެސް ޖާޒީ ބޭނުން ކުރައްވާފައިވެ އެވެ. އޭނާ އަށް ޖާޒީ ބޭނުން ކުރަން ލިބުނީ އޮބާމާގެ ސީނިއާ އަހަރުގަ އެވެ.

ދެ ދައުރަކަށް އެމެރިކާގެ ރައީސްކަން ކުރެއްވި އިރު ވެސް ވަގުތު ލިބިވަޑައިގެންނެވި ވަރަކުން ވައިޓްހައުސް އާއި އެ ނޫން ވެސް ތަންތަނުގައި މިހާރުގެ މަޝްހޫރު ބައެއް ކުޅުންތެރިންނާ އެކު އޮބާމާ، 57، އަކީ ބާސްކެޓް ބޯޅަ ކުޅުއްވި ބޭފުޅެކެވެ. އަދި މިހާރު ވެސް އޭނާއަކީ ބާސްކެޓް ބޯޅަ މެޗްތައް ގަވައިދުން ބައްލަވާ ބޭފުޅެވެ.