Roadha Mihaaru
ވިނަގަނޑަށް ބެލުމެއް ނެތި ޖަލްސާ ބާއްވަނީ

ވިނަގަނޑު ރަނގަޅަށް ނުހެދެނީސް ޖަލްސާ ޖުމްހޫރީ މައިދާނުގައި، މުއިއްޒު ހިތްހަމަނުޖެހިފައި!

26 ޑިސެމްބަރ 2021

ޖުމްހޫރީ މައިދާނުގައި އިންދާފައިވާ ވިނަތައް ރަނގަޅަށް ނުހެދެނީސް، މިރޭ އެ ތަނުގައި ބާއްވާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ އަށް ވިނަގަނޑު މަތީގައި އެއްޗެހި ބެހެއްޓުމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖުމްހޫރީ މައިދާނުގައި އިންދާފައިވާ ވިނަތައް ރަނގަޅަށް ނުހެދެނީސް، މިރޭ އެ ތަނުގައި ބާއްވާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ އަށް ވިނަގަނޑު މަތީގައި އެއްޗެހި ބެހެއްޓުމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ހޯމް މިނިސްޓްރީ އާއި މިނިސްޓަރު އިމްރާން އަބްދުﷲ ޓެގް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ، ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި އެ ތަނުގެ މަތީގައި އެއްވެސް އެއްޗެއް ނުބަހައްޓަން ތަކުރާރުކޮށް، ބައްދަލުވުންތަކުގައި ދަންނަވާފައި ވެސް ވާނެ ކަމަށެވެ.

"މީޓިންގައި ތަކުރާރުކޮށް ދެންނެވުމުން ވެސް، އެއްވެސް ބެލުމެއް ނެތި މިކަން ކޮށްފައި ވާތީ ހިތާމަކުރަން،" މޭޔަރު ވިދާޅުވި އެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ވިނަގަނޑު މަތީގައި މިހާރު ވަނީ ބޮޑު ޓެންޓެއް ބަހައްޓައިފަ އެވެ. އަދި ސްޓޭޖުގެ އެއްބައި ވެސް ހުރީ ވިނަގަނޑު މައްޗަށް ވާގޮތަށް ބަހައްޓައިފަ އެވެ.

އެއްވެސް ވަރަކަށް އަޅާ ނުލައި، ޖުމްހޫރީ މައިދާނުގެ އާބާތުރަ ނުފިލުވާ ދޫކޮށްލައިފައި އޮންނަތާ އެތައް ދުވަހެއްވީ ފަހުން އެތަނުގައި ވިނަ އިންދައި، އެ ތަން ފެހިކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށީ މިދިޔަ މަހު 16 ގަ އެވެ. އަދި ވިނަތައް ހެއްދުމަށްޓަކައި ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ވިނަތަކަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ގެންދަނީ ފެން ޖަހަމުންނެވެ. ކުރިއާ ހިލާފަށް ޖުމްހޫރީ މައިދާން ރީތީކުރުމަށް މިހާރުގެ ސިޓީ ކައުންސިލުން ގެންދަނީ ހާއްސަ އިސްކަމެއް ދީގެން ކަންތައްތަކެއް ކުރަމުންނެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމަތި ދައްކުވައިދޭ މުހިންމު ސަރަހަހައްދަކަށް ވިޔަސް، މި ސަރުކާރުގެ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ތަނުގެ އާބާތުރަ ފިލުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ. އެކަމަކު، މިހާރުގެ ސިޓީ ކައުންސިލުން އެކަމަށް ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކަންކަން ފަށާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ، ވިނަގަނޑު ހައްދަން އަދި ވަގުތު ބޭނުންވާ ކަމަށް ހޯމް މިނިސްޓްރީ އަށް ވެސް އަންގާފައިވާނެ ކަމަށެވެ. އެކަމަކު، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ މިރޭ ބޭއްވުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ޓެންޓް ފަދަ ތަކެތި ބެހެއްޓުމުގެ ހުއްދަ އަށް އެ މިނިސްޓްރީން އެދުމުން، ވިނަގަނޑު ހަލާކުވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ލިޔުމަކުން އެންގި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ކައުންސިލުން އެދުނީ، ބަޔާނުގައި ބުނެފައިވާ ގޮތުން ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ އިސްލާމީ މަރުކަޒުގައި މާބްލް ޖެހި ސަރަހައްދުގައި ބޭއްވުމަށެވެ. އަދި އެ ސަރަހައްދު ހަމަޖައްސައިދޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީގައި ބުނެފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

"މިކަމާ ގުޅިގެން ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުގައި ވެސް އެއްބަސްވެފައި ވަނީ ވިނަގަނޑުގެ ބޭނުން ކުރެވޭނީީ ސިޓީ ކައުންސިލާއި ހޯމް މިނިސްޓްރީއާ ދެމެދު ކުރެވުނު މަޝްވަރާގެ މަތިން ކަމަށް 2 ފަރާތުން ވެސް ވަނީ އެއްބަސްވެފަ އެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

"ޖުމްހޫރީ މައިދާނުގައި ޓެންޓް ފަދަ ތަކެތި ޖެހުން މި ކައުންސިލުން މަނާކޮށްފައި ވަނީ ވިނަތައް ހެއްދުމަށްޓަަކައި ވަރަށް ބޮޑެތި ހަރަދު ކޮށްފައި ވުމާއި ވިނަތަކަށް އެކަށީގެންވާ ގޮތަށް އަވި ނުލިބޭނެހެން ޓެންޓް ޖަހާފައި ބެހެއްޓުމަކީ ވިނަގަނޑު ހަލާކުވެގެން ދާނެ ފަދަ ކަމެއް ކަމަށް ވާތީ އެވެ."

ނަމަވެސް ސިޓީ ކައުންސިލްގެ އެންގުމަށް ހޯމް މިނިސްޓްރީން އިހުތިރާމް ނުކޮށް، ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުން ވާނެ ގޮތަށް އަމަލު ކުރާތީ އެ ކަން ކުށްވެރި ކުރާ ކަމަށް ބަޔާނުގައި ވެ އެވެ.

އެ ވިނަތައް އިންދުމަށް ފަހު މުއިއްޒު އޭރު ވިދާޅުވެފައި ވަނީ ވިނަގަނޑު ބޭނުންކުރަން ފެށޭނީ ތިން ހަފުތާ ވަންދެން ވިނަގަނޑަށް ރަނގަޅަށް ޓްރީޓް ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ ވިނަގަނޑު ރަނގަޅަށް ހެދެން ދެކަށް، ވިނަގަނޑު މައްޗަށް ނޭރޭ ގޮތަށް ހުރީ ވަށައިގެން ދާ ޖަހައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ޖުމްހޫރީ މައިދާނުގައި ބެހެއްޓި ފެންއަރުވާ ވަޑާން ވެސް ހަލާކުވާން ކައިރިވެފައި ހުއްޓާ އެ އަލުން މަރާމާތުކޮށްފަ އެވެ.