Roadha Mihaaru
ބާރުގަދަ ޖައްވީ ދުރުމި މަސައްކަތަށް ތައްޔާރުވަނީ

އެންމެ ބާރުގަދަ ޖައްވީ ދުރުމި އާދަޔާ ޚިލާފް މަސައްކަތަށް ތައްޔާރުވަނީ

26 ޑިސެމްބަރ 2021

އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ، ނާސާ އިން އިއްޔެ ޖައްވަށް ފޮނުވާލާފައިވާ، ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ޖައްވީ ދުރުމި އަކީ އާދަޔާ ހިލާފް މަސައްކަތެކެވެ. އެ އުފައްދަން ހޭދަކުރި މުއްދަތާއި ކުރި ޚަރަދު އެހާ ބޮޑެވެ. އަދި ކުރަން ހުރި މަސައްކަތް ވެސް އެހާ ބޮޑެވެ.

އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ، ނާސާ އިން އިއްޔެ ޖައްވަށް ފޮނުވާލާފައިވާ، ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ޖައްވީ ދުރުމި އަކީ އާދަޔާ ހިލާފް މަސައްކަތެކެވެ. އެ އުފައްދަން ހޭދަކުރި މުއްދަތާއި ކުރި ޚަރަދު އެހާ ބޮޑެވެ. އަދި ކުރަން ހުރި މަސައްކަތް ވެސް އެހާ ބޮޑެވެ.

މި ކައުނުގައި އުފެދުނު އެންމެ ފުރަތަމަ ތަރިތަކާއި މަޑިކިލަނބުތައް ދެނެގަތުމުގެ އުންމީދުގައި ފޮނުވި މި ޖައްވީ ދުރުމި، ޖައްވަށް ގެންދިޔައީ ޔޫރަޕިއަން އާރިއާން ރޮކެޓެއްގަ އެވެ. ނުވަ ބިލިއަން ޑޮލަރު ހޭދަކޮށްގެން އުފެއްދި މި ޖައްވީ ދުރުމި ފަޒާގެ ތެރޭގައި ބުރުޖެހުމަށް ކަނޑައަޅާފައިވަނީ މި ބިމުން ފެށިގެން 1.6 މިލިއަން ކިލޯމީޓަރު (1 މިލިއަން މޭލު) ދުރުގަ އެވެ.

މި ބިމާއި ހަނދާ ދެމެދު ހުންނަ އެވްރެޖް ދުރުމިނަކީ 384،400 ކިލޯމީޓަރެވެ. އެހެންކަމުން މި ޖައްވީ ދުރުމި ދަތުރުކުރާނީ، މިބިމާއި ހަނދާ ދެމެދު ހުންނަ ދުރުމިނުގެ ހަތަރު ގުނައަށް ވުރެ ވެސް ދުރު ސަރަހައްދެއްގަ އެވެ.

ޖައްވީ ދުރުމި ފަޒާގެ ތެރޭގައި ދަތުރުކުރަމުންދާ ބާރުމިނަށް ބަލާއިރު، އެއަށް ކަނޑައަޅާފައިވާ މަންޒިލާ ހަމައަށް ފޯރަން އެއް މަސް ދުވަސް ނަގާނެ އެވެ. ޖައްވީ ދުރުމީގައިވާ އިންފްރާ ރެޑް ލޯތައް (ދުރުމިތައް) ހުޅުވާލައި ކައުނުގެ ތެރެ ހޯދައި ބަލަން ފަށާނީ، އެއަށް ކަނޑައަޅާފައިވާ ފަލަކުގައި ބުރުޖަހަން ފަށާތާ ފަސް މަސް ދުވަސް ފަހުންނެވެ.

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިޔޫއެސްޓީ) ގެ ނަން ދީފައިވާ މި ޖައްވީ ދުރުމިއަކީ، ނާސާގެ އިތުރުން، ޔޫރަޕްގެ ޖައްވީ އިދާރާ އާއި ކެނެޑާގެ ޖައްވީ އިދާރާ ގުޅިގެނ، 25 އަހަރު ދުވަހުން ތަރައްޤީކުރި ދުރުމިއެކެވެ. ނާސާ އިން ރާވާފައިވަނީ، މިހާރު ޖައްވުގެ ތެރޭގައި އޮތް ހަބްލް ޖައްވީ ދުރުމީގެ މުއްދަތު ހަމަވުމުން، އޭގެ ބަދަލުގައި ޖޭޑަބްލިޔޫއެސްޓީ ބޭނުންކުރާށެވެ.

ޖައްވީ ދުރުމީގެ މަސައްކަތް ފެށުމުގެ ކުރިން، ދުރުމި ހަރުކޮށްފައިވާ ރޮކެޓްގެ ކުރީކޮޅުގައި ފަތްޖަހާލައި ފޮރުވާފައި އޮތް ބިޔަ ލޯގަނޑާއި، އިރުގެ ދޯދިތަކުން ދުރުމި ނިވައިކޮށްދޭ ބިތްގަނޑު ހުޅުވައިލާނެ އެވެ. އެއަށް ފަހު، މިކައުނު އުފެދުނު ގޮތުގެ ހަގީގަތްތައް މާ ދުރުން ހޯދައި ދިރާސާކުރުމުގެ ތަހުލީލީ މަސައްކަތްތައް ފަށައިގަންނާނެ އެވެ.

މި ޖައްވީ ދުރުމި ފުރިހަމައަށް މަސައްކަތް ކުރަން ފެށުމުން، އިރުގެ ވަށައިގެން ދަތުރުކުރާ ޕްލެނެޓްތަކާ ބެހޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކަށް ވުރެ ފުރިހަމަ މައުލޫމާތުތައް ހޯދުމަށް މަގުފަހިވާނެ އެވެ. މި ޖައްވީ ދުރުމީގައިވާ ބާރުގަދަ ކަޅިތަކުގެ (ލެންސްތަކުގެ) އެހީގައި، ޕްލެނެޓްތަކުގެ ވައިގެ ފަށަލައިގެ އެތެރެ މިހާރަށް ވުރެ ސާފުކޮށް ބަލައިލެވޭނެ އެވެ.

އޭރުން، ޕްލެނެޓްތަކުގައި އެއްވެސް ދިރުމެއް އެކުލެވޭކަން ނުވަތަ، އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ މާހައުލެއް އެއިން އެއްވެސް ޕްލެނެޓެއްގައި އެކުލެވޭކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވޭނެ އެވެ. ނާސާ އާއި ޔޫރަޕް އަދި ކެނެޑާގެ ޖައްވީ އިދާރާ ގުޅިގެން، 1900ގެ އަހަރުތަކުން ފެށިގެން ތަރައްގީކުރަމުން އައި މި ޖައްވީ ދުރުމި އުފެއްދުމުގައި 29 ގައުމެއްގެ ފަންނީ މީހުން ބައިވެރިވެފައިވެ އެވެ. އުފައްދައި ނިމިގެން ޖައްވަށް އުދުއްސައިލި އިރު މި ޖައްވީ ދުރުމީގެ ބަރުދަނުގައި ހަތް ޓަނު ހުއްޓެވެ.

މި ޖައްވީ ދުރުމި ކާމިޔާބުކަމާ އެކު ޖައްވަށް އުދުއްސައިލެވުމާއެކު، ކައުނީ ދިރާސާތަކާ ބެހޭ ތަޖުރިބާކާރުން މިހާރު އުންމީދުކުރަނީ، މީގެ 13.5 ބިލިއަން އަހަރު ކުރިން މި ކައުނުގެ ތެރޭގައި މަޑިކިލަނބުތައް އުފެދިގެން އައި ގޮތް ދެނެގަނެވޭނެ ކަމަށެވެ.

މި ޖައްވީ ދުރުމީގައިވާ އެންމެ މުހިންމު ބަޔަކީ، ފުޅާމިނުގައި 21 ފޫޓު ހުންނަ، ރަނުން ގިރިޓީކޮށްފައިވާ ލޯގަނޑު ނުވަތަ ބިއްލޫރިގަނޑެވެ. މި ދުރުމީގެ އެންމެ ބުރަ ނުވަތަ އެންމެ ނާޒުކު މަސައްކަތަކީ، އިރުގެ ހޫނުންނާއި ޖައްވީ ތަފާތު ދޯދިތަކުން ދުރުމި ރައްކާތެރި ކުރުމެވެ.

ޖައްވުގެ ތެރޭގައިވާ އަލިތައް އެއްކުރާ ބިއްލޫރިގަނޑާއި، އިންފްރާރެޑް ދޯދިތައް ދެނެގަންނަ ޑިޓެކްޓަރުތައް، ސުން ދަރަޖައަށް ވުރެ ދަށުގެ ފިނިހޫނުމިނެއްގައި ބެހެއްޓުމަށްޓަކައި، ފަސް ފަށަލައަކުން އެކުލެވޭ ބިތްގަނޑެއް، މި ޖައްވީ ދުރުމީގައި ހިމެނެ އެވެ. ދިގުމިނުގައި 70 ފޫޓު އަދި ފުޅާމިނުގައި 46 ފޫޓު ހުންނަ މި ބިތްގަނޑުގެ ބޮޑުމިނަށް ބަލާއިރު، އެއީ ޓެނިސް ކޯޓެއްގެ ބޮޑުމިނެވެ.

ހުރިހާ ކަމެއް ޕްރޮގްރާމް ކޮށްފައިވާ ގޮތަށް ކުރިއަށް ދާނަމަ، މި ބިތްގަނޑު ހުޅުވެން ފަށާނީ، ޖައްވަށް އުދުއްސައިލާތާ ތިން ދުވަސް ފަހުންނެވެ. ފަތްޖަހާފައި އޮތް ބިތްގަނޑު އެކުގައި ހުޅުވި އޭގެ އެއްބައި އަނެއް ބަޔާ ތަޅު އެޅުވިގެން ދިއުމަށް ފަސް ދުވަސް ނަގާނެ އެވެ.

އެއަށް ފަހު، މި ދުރުމީގައިވާ ބިއްލޫރިގަނޑު އެކުގައި ހުޅުވި އޭގެ ބައިތައް އެކުގައި ތަޅުއެޅުވި ފުރިހަމަވުމަށް 12 ދުވަސް ހޭދަވާނެ އެވެ. އެހެންކަމުން، މި ޖައްވީ ދުރުމީގެ ފަތްފަތް ޖަހާފައި ހުރި ބައިތައް އެކުގައި ހުޅުވި، އޭގެ ފުރިހަމަ ސިފައަށް ގެނައުމަށްޓަކައި، އޭގައި ޕްރޮގްރާމްކޮށްފައިވާ އޮޓަމެޓިމް ނިޒާމުތައް ފުރިހަމައަށް މަސައްކަތްކުރޭތޯ ބެލުމަށް، ބިމުގައި ތިބޭ ކޮންޓްރޯލަރުން 24 ގަޑިއިރު މަސައްކަތް ކުރާނެ އެވެ.

މި ޖައްވީ ދުރުމީގެ ނަން ނިސްބަތް ކޮށްފައިވަނީ، ނާސާގެ އެޑްމިނިސްޓްރޭޓަރުގެ މަގާމު، 1961-1968 އަށް ފުރުއްވި ޖޭމްސް އެޑްވިން ވެބް އަށެވެ.