Roadha Mihaaru
ހަބްލް ސްޕޭސް ޓެލެސްކޯޕަށް މީހުން ފޮނުވަނީ

ހަބްލް ސްޕޭސް ޓެލެސްކޯޕަށް މީހުން ފޮނުވަނީ

16 ފެބުރުއަރީ 2017

އިންސާނުން އެސްޓްރޮފިޒިކްސް އަށް ލޯ ހުޅުނު ފަހުން، އީޖާދުކުރެވުނު އެންމެ ބޭނުންތެރި އާލާތަކީ ހަބްލް ސްޕޭސް ޓެލެސްކޯޕެވެ. ޖައްވުގެ އަޑި ނޭނގޭ ފުންމިންތަކަށް ބަލައި ސައިންސަށް ޚިދުމަތްކުރުމުގައި ދެމިއޮންނަތާ 27 އަހަރު ފުރެނީ އެވެ. މުސްކުޅިވެ، ބާވެ ރޫޅި ދިއުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އިންސާނުން އެސްޓްރޮފިޒިކްސް އަށް ލޯ ހުޅުނު ފަހުން، އީޖާދުކުރެވުނު އެންމެ ބޭނުންތެރި އާލާތަކީ ހަބްލް ސްޕޭސް ޓެލެސްކޯޕެވެ. ޖައްވުގެ އަޑި ނޭނގޭ ފުންމިންތަކަށް ބަލައި ސައިންސަށް ޚިދުމަތްކުރުމުގައި ދެމިއޮންނަތާ 27 އަހަރު ފުރެނީ އެވެ. މުސްކުޅިވެ، ބާވެ ރޫޅި ދިއުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ހަބްލް ސްޕޭސް ޓެލެސްކޯޕަށް ވުރެ ބާރުގަދަ ދުރުމިއެއް އުފައްދައި ކޮޅަށް ޖެހުމުގެ ކުޅާދަނަކަން ސައިންސްވެރިން ލިބިގަތް ނަމަވެސް، ދެން އެނބުރި އައުމެއް ނެތް ގޮތަށް ހަބްލް ސްޕޭސް ޓެލެސްކޯޕް ހުއްޓުވާލުން ވަނީ ހިތާމައަކަށެވެ.

ސައިންސްވެރިންނަށް އިތުރު ގޮތެއް ނެތް ދުވަހު، ހަބްލް ވަނީ "ބްލެކް ހޯލް"ތަކާ ބެހޭ ގޮތުން ހޯދާފަ އެވެ. އިރުގެ ނިޒާމު ފުޅާވެ، ހަނިވެ، އޯބިޓްތަކަށް އަންނަ ބަދަލުތައް ވަނީ ރެކޯޑްކޮށްދީފަ އެވެ. ގެލަކްސީތައް އުފެދޭ ގޮތާއި، ހަނދާއި ތަރިތައް ފިޔަޖަހާ މަންޒަރުތައް ވަނީ ކިޔަވާކުދިންނަށް އުނގަންނައިދީފަ އެވެ.

ހަބްލް ސްޕޭސް ޓެލެސްކޯޕްގެ ބެލެނިވެރިޔާ، ނާސާއިން ހަބްލް މަރާމާތުކުރަން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ހަބްލް އޮތި އަތުޖެހޭ ފަށަކު ނޫނެވެ. ހާޑްވެއާގައި ހުރި ކުރަކިކަން ކަނޑުވާލަން ސޮފްޓްވެއާ އަޕްޑޭޓެއް ފޮނުވުން ފިޔަވައި، ކުއްލިއަކަށް ކުރެވޭނެ ކަމެއް ނެތެވެ. އެހެން ނަމަވެސް ޖައްވީ ހޯދުންތަކަށް އެމެރިކާ ސަރުކާރުން ދޭން ވިސްނާ ސަމާލުކަން މިހާރު ވަނީ ހަބްލް އަށް އަމާޒުވެފަ އެވެ. އިންސާނުން ފޮނުވައިގެން ދުރުމި އާކުރަން ވަނީ ކަނޑައަޅާފަ އެވެ.

ނާސާ އަދި އެމެރިކާ ސަރުކާރުގެ ވިސްނުން މިހާރު ހުރީ "ޕްރައިވެޓް ޕާޓްނާޝިޕް"އާ ދިމާއަށެވެ. މާނަ އަކީ ޖައްވީ ދަތުރުތައް ކުރުމަށް އަމިއްލަ ކުންފުނިތައް ހިއްސާކުރުވުމެވެ. އެ އުސޫލުން މިހާރު ވެސް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް މުދާ އުފުލާ އުޅަނދުތައް ދަތުރުކުރެ އެވެ.

މަތީގައި އެވާ ފޮޓޯއިން އެ ފެންނަނީ "ސިއެރާ ނެވާޑާ ކޯޕޮރޭޝާން"ގެ "ޑްރީމް ޗޭޒާ" އެވެ. ހަބްލް ސްޕޭސް ޓެލެސްކޯޕް މަރާމާތުކުރަން ދާ އިންސާނުން ދަތުރުކުރާ އުޅަނދަކީ އެއީ އެވެ. ދަތުރުތައް ފެށުމުގެ ކުރިން އެ އުޅަނދަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަަމަށް ވެ އެވެ. އެހެން ނަމަވެސް ނާސާގެ ވިސްނުމަކީ މީހުން ފޮނުވައިގެން ނަމަވެސް ހަބްލް މަރާމާތުކޮށް ދެމެހެއްޓުމެވެ.