Roadha Mihaaru
ޖައްވީ ކުނިގަނޑެއްގެ މައްސަލައިގައި ދައުވާކުރަނީ

ޖައްވުން ވެއްޓުނު ކުނިގަނޑެއްގެ މައްސަލައިގައި ނާސާއަށް ދައުވާކުރަނީ

22 ޖޫން 2024

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ގެއެއްގެ ފުރާޅަށް ޖައްވުން ކުނިގަނޑެއް ވެއްޓި ބާގަނޑެއް ހެދުނު މައްސަލައިގައި އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން 80،000 ޑޮލަރު ދައްކަން އަމުރުކޮށްދިނުމަށް އެދި ދައުވާކޮށްފި އެވެ.

ގެއްލުން ލިބުނު ގޭގެ ވެރިފަރާތް ތަމްސީލްކުރާ "ކްރޭން ފިލް" ލޯ ފާމުން ބުނީ ޖައްވުގައި ކުނި ގިނަވުމުގެ މައްސަލަ މިހާރު ބޮޑުވެފައިވާ ކަމަށާއި މި މައްސަލައިގައި ކޯޓުން ނިންމާ ގޮތަކީ ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ކުރިއަށްދާނެ ގޮތް ކަނޑައެޅޭނެ މުހިންމު ހުކުމަކަށް ވާނެ ކަމަށެވެ.

ދައުވާކުރާ އަލެހަންދުރޯ އޮޓޭރޯގެ ގޭގެ ފުރާޅުމައްޗަށް 700 ގްރާމްގެ ކުނިގަނޑެއް ވެއްޓުނީ މިދިޔަ މާޗް މަހުގެ 8 ވަނަ ދުވަހު އެވެ. ނާސާއިން ފަހުން ވަނީ އެއީ 2021 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ ބެޓެރީތަކެއްގެ ކާގޯ ޕެލެޓަކުން ބައެއް ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ފްލޮރިޑާގެ ގެއެއްގެ މައްޗަށް ޖައްވުން ވެއްޓުނު ކުނިގަނޑުގެ ސަބަބުން ވެފައި ހުރި ބައެއް ގެއްލުން

އެމެރިކާގެ ފްލޮރިޑާގެ ގެއެއްގެ މައްޗަށް ޖައްވުން ވެއްޓުނު ކުނިގަނޑުގެ ސަބަބުން ވެފައި ހުރި ބައެއް ގެއްލުން

ނާސާއިން ބުނީ އެ ކުނިގަނޑު އެގޮތަށް ވެއްޓުނީ އެޓްމޮސްފިއާގެ ތެރެއަށް ވަތްއިރު އަނދައި ކުނޑިކުނޑިވެގެން ނުގޮސް އޭގެ އެއްބައި އެ އޮތް ގޮތަށް އޮތުމުން ކަމަށެވެ.

މި ކުނިގަނޑި ފުރާޅަށް ވެއްޓުނު އިރު ގޭގައި އުޅުނީ އެންމެ މީހެކެވެ. ލޯ ފާމުން ބުނީ މި ހާދިސާގައި މީހަކަށް ޖިސްމާނީ ގެއްލުމެއް ނުވެ ސަލާމަތްވި ނަމަވެސް އެއީ ހަނި ފުރުސަތަކުން ކަމަށެވެ. މިއީ މީހަކަށް ބޮޑު އަނިޔާއެއް ވެދާނެ ފަދަ ހާދިސާއެއް ކަމަށާއި އެހެންވެ މިކަމުގައި އެކަށީގެންވާ ބަދަލެއް ނަގައިދޭން އެދޭ ކަމަށް ލޯ ފާމުން ބުންޏެވެ.

މި ދައުވާއަށް ޖަވާބުދާރީވާން ނާސާ އަށް ހަ މަސް ދުވަސް ލިބޭނެ އެވެ. މިކަމާ ބެހޭ ގޮތުން އެ އިދާރާއިން އަދި ވާހަކައެއް ނުދައްކަ އެވެ. -- އޭއެފްޕީ