Roadha Mihaaru
ހަނދު ވަށައި ބުރެއް ޖަހަން ފޮނުވާ ޓީމް ހާމަކޮށްފި

ހަނދު ވަށައި ބުރެއް ޖަހަން ފޮނުވާ ޓީމް ހާމަކޮށްފި

04 އެޕްރީލް 2023

ބައިގަރުނު ފަހުން ނާސާ އިން ހަނދަށް ކުރާ ދަތުރުގައި ބައިވެރިވާ އެސްޓްރޮނޯޓުން ކަނޑައަޅައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބައިގަރުނު ފަހުން ނާސާ އިން ހަނދަށް ކުރާ ދަތުރުގައި ބައިވެރިވާ އެސްޓްރޮނޯޓުން ކަނޑައަޅައިފި އެވެ.

ނާސާ އިން ހާމަކުރި އެ ޓީމުގައި، ތިން ފިރިހެނުންނާ އެކު އަންހެން އެސްޓްރަނޯޓެއް ވެސް ފުރަތަމަ ފަހަރަށް މިފަދަ ދަތުރެއްގައި ބައިވެރިވެ އެވެ. އަދި ކަޅު ނަސްލުގެ މީހަކު ވެސް ހިމެނެ އެވެ.

ބީބީސީން ބުނިގޮތުގައި، ނާސާގެ ހަތަރު މީހުންގެ ޓީމެއް، އަންނަ އަހަރުގެ ފަހުކޮޅު، ނުވަތަ 2025 ވަނަ އަހަރުގެ ކުރީކޮޅު، ހަނދުވަށައި ބުރެއްޖެހުމަށް ދަތުރުކުރާނެ ކަމަށެވެ.

ނާސާ އިން ހަނދަށް ދަތުރުކުރަން ކަނޑައެޅި ޓީމް

ކްރިސްޓީނާ ކޮޗް: އުމުރުން 44 އަހަރުގެ އިލެކްޓްރިކަލް އިންޖިނޭރު، ކްރިސްޓީނާ އަކީ މިހާތަނަށް އެންމެ ގިނަ ވަގުތު ޖައްވުގައި ހޭދަކުރި އަންހެން މީހާ އެވެ. އޭނާ ވަނީ މެދުނުކެނޑި 328 ދުވަހު ޖައްވުގައި ހޭދަކޮށްފަ އެވެ.

ރީޑް ވައިސްމަން: ނާސާގެ ހެޑް އޮފް އެސްޓްރަނޮޓްސް އޮފީހުގެ ހެޑެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 47 އަހަރުގެ ވައިސްމަނަކީ ޔޫއެސް ނޭވީ ޕައިލެޓެކެވެ. އޭނާ ވަނީ މީގެކުރިން 2015 ވަނަ އަހަރު، ނާސާގެ ޖައްވީ ސްޓޭޝަނަށް ދަތުރުކުރި އުޅަނދެއްގެ ޕައިލެޓުކަން ކޮށްފަ އެވެ.

ވިކްޓާ ގްލޯވާ: ޔޫއެސް ނޭވީ ޓެސްޓު ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 46 އަހަރުގެ ގްލޯވާ އެންމެ ފުރަތަމަ ޖައްވަށް ދަތުރުކުރި އުޅަނދެއް ދުއްވާފައި ވަނީ 2020 ވަނަ އަހަރު އެވެ. އޭނާއަކީ ޖައްވީ ސްޓޭޝަނުގައި ހަ މަހަށް ވުރެ ގިނަ ދުވަހު މަޑުކުރި ކަޅު ނަސްލުގެ ފުރަތަމަ މީހާ އެވެ.

ޖެރެމީ ހެންސެން: ކެނެޑާގެ ޖައްވީ އޭޖެންސީ އަށް ގުޅުމުގެ ކުރިން، އުމުރުން 47 އަހަރުގެ ހެންސެން ވަނީ ރޯޔަލް ކެނޭޑިއަން އެއާފޯސްގެ ފައިޓާ ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭނާ ޖައްވަށް އަދި ދަތުރެއް ނުކުރެ އެވެ.

މި ޓީމުގެ ކޮމާންޑަރެއްގެ ގޮތުގައި ވައިސްމަން ހަރަކާތްތެރިވާއިރު، ޕައިލެޓެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ގްލޯވާ އެވެ. ކްރިސްޓީނާ އަދި ހެންސެން މަސައްކަތް ކުރާނީ "މިޝަން ސްޕެޝަލިސްޓުން" ގެ ގޮތުގަ އެވެ.

ހަނދު ވަށައި ބުރެއްޖެހުމަށް ކުރާ ދަތުރުގެ ދިގުމިނަކީ ދިހަވަރަކަށް ދުވަހެވެ.

އެ ޓީމުން ހަނދުގައި ނުޖެއްސި ނަމަވެސް، އެ މިޝަންގެ ސަބަބުން ދެން އަންނަ ކްރޫއިންނަށް ހަނދުގައި ޖެއްސުމަށް މަގުފަހި ވާނެ އެވެ.

އެ ދަތުރަށް ތައްޔާރުވުމަށްޓަކައި މިހާރުން ފެށިގެން އެ ޓީމު ވަރަށް ވަރުގަދަ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާއަށް ނިސްބަތްވާ ތިން މީހުންނާއި، ކެނެޑާގެ އެކަކު ހިމެނޭ އެ ޓީމު، އެމެރިކާގެ ހިއުސްޓަން ޓެކްސަސްގައި ބޭއްވި ހަފްލާއެއްގެ ތެރެއިން ވަނީ އާންމުނަށް ދައްކާލައިފަ އެވެ.

އެންމެ ފުރަތަމަ އިންސާނުން ހަނދަށް ދަތުރުކޮށްފައި ވަނީ 1968 ވަނަ އަހަރު ޖައްވީ އުޅަނދު "އެޕޯލޯ 8" ގައި ކުރިއަށް ގެންދިޔަ މިޝަންގަ އެވެ. އެންމެ ފުރަތަމަ ހަނދުގައި އުޅަނދެއް ޖައްސާފައި ވަނީ 1969 ވަނަ އަހަރު އެވެ. އެއީ ނީލް އާމްސްޓްރޯންގުގެ ޓީމް ދަތުރުކުރި "އެޕޯލޯ 11" އެވެ.

އެ ދަތުރުތަކާ އަޅާބަލާއިރު، މިފަހަރުގެ ދަތުރު އެތައް ގޮތަކުން ތަފާތު ވާނެ އެވެ. އެއީ، މި ދަތުރަކީ 21 ވަނަ ގަރުނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކުރަން ހަމަޖެހިފައިވާ ދަތުރަކަށް ވާތީ އެވެ.