Roadha Mihaaru
ސިޔާސަތުތައް އަވަހަށް ތަންފީޒުކުރެވޭނީ ގުޅިގެން: ރައީސް

ސިޔާސަތުތައް އަވަހަށް ތަންފީޒުކުރެވޭނީ ސިޔާސީ މީހުންނާއި ސިވިލް ސާވެންޓުން ބޮޑަށް ގުޅިގެން: ރައީސް

27 ޑިސެމްބަރ 2021

ސަރުކާރުގެ ސިޔާސަތުތައް ވީހާވެސް އަވަހަކަށް ތަންފީޒުކުރެވޭނީ ސިޔާސީ މަގާމުތަކާއި ސިވިލް ސާވިސް މުވައްޒަފުން މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ ސިޔާސަތުތައް ވީހާވެސް އަވަހަކަށް ތަންފީޒުކުރެވޭނީ ސިޔާސީ މަގާމުތަކާއި ސިވިލް ސާވިސް މުވައްޒަފުން މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އޮފީސްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވާ ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވީ ވަކި މުއްދަތެއްގައި ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ އަސާސީ އަދި އިޖުތިމާއީ ހިދުމަތްތަކެއް ފުރިހަމަކޮށްދިނުމަށް ވައުދުވެގެން ކަމަށެވެ. އެއީ ވަކި ފަރުދަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެކަނި ފުރިހަމަކުރެވޭނެ ވައުދުތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަކިވަކި އޮފީސްތަކެއްގެ ގޮތުގައި މުވައްޒަފުން މަސައްކަތް ކުރިޔަސް ތަންފީޒުކުރާނީ އެއް ސިޔާސަތެއް ކަމަށެވެ. ހާސިލްކުރަން ބޭނުންވަނީ އެއް ނަތީޖާއެއް ކަމަށާއި އެކަން ކާމިޔާބުވާނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން އެއް މިސްރާބަކަށް ދަތުރުކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ހާސިލްކުރަން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލްވެވޭނެ އެންމެ ފަސޭހަ އަދި އެންމެ ކުރު މަގަކީ ކޮބައިތޯ ދެނެގަނެ ސަރުކާރުގެ ސިޔާސަތުތައް ވީހާ އަވަހަކަށް އަދި ފަސޭހައިން ތަންފީޒު ކުރުމަކީ ވަރަށް މުހިންމު ކަމެއް. މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސިވިލް ސާވިސް މުވައްޒަފުން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރައްވައިގެން،" ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އެކަމުގެ މިސާލެއްގެ ގޮތުގައި ނެންގެވީ، ކޮވިޑު-19 އާ ދެކޮޅަށް ސަރުކާރުން ފާއިތުވި ދެ އަހަރު ކުރި މަސައްކަތެވެ.

"...ގައުމީ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް މިހާރު ވެސް ކުރިއަށް އެބަ ގެންދަން. ނަމަވެސް މިއީ ހަމައެކަނި ސިޔާސަތެއް ކަނޑައަޅައިގެން ހާސިލްކުރެވޭނެ ކަންކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"މި ސިޔާސަތުތައް ތަންފީޒް ކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބެވީ ތިޔަ ބޭފުޅުން. ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިއްބެވި ބޭފުޅުން. އަޅުގަނޑުމެން ސިޔާސީ މީހުންނަކީ ހަމައެކަނި ކަންކަމުގައި ބަސްކިޔައި ގޮތް ނިންމަން ތިބޭ ބައެއް ނޫން. އަމަލީގޮތުން ކަންކަން ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް މަސްއޫލިއްޔަތު."

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެހީތެރިވެދޭން ތިބޭ ސިވިލް ސާވެންޓުންގެ ހަކަތަ އިތުރުވާނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ހަރަކާތް އިތުރުކުރި ވަރަކުން ކަމަށެވެ. އެ ސިޔާސަތުތައް ތަންފީޒުނުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އޮފީހެއްގައި ތިބޭ ސިވިލް ސާވެންޓުން އެކަނި ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެރިކަން ކުރަނީ ކޮން ޕާޓީއެއްތޯ އަދި ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ ސިވިލް ސާވިސްގެ ދައުރެއް ނޫނެވެ. ސިވިލް ސާވިސްގެ ދައުރަކީ، އެ އިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުމެވެ.

ޑިމޮކްރެޓިކް ނިޒާމުގައި ސަރުކާރު ހިންގާއިރު ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ސިޔާސީ އަދި ސިވިލް ސާވެންޓުން ތިބޭއިރު، ބައެއް އޮފީސްތަކުގައި އެ މުވައްޒަފުންގެ ގުޅުން އެހާ ރަނގަޅު ނޫން ތަންތަން ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އެކުގައި މަސައްކަތްކުރާ ސިވިލް ސާވެންޓުން ގޮވައިގެން ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެންމެން އެކުގައި އަތުކުރި އޮޅާލުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ސަރުކާރުގެ އޮފީސްތަކާ ގުޅޭގޮތުން އާއްމުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ވެސް ޓެކްނޮލޮޖީއާ ބީރައްޓެހިވުމާއި ހިދުމަތްތައް ލަސްވުމުގެ ޝަކުވާތަކެވެ. ރައީސް ވަނީ ސަރުކާރުގެ އޮފީސްތަކަކީ މިހާރަށްވުރެ ފުރިހަމައަށް އަދި ބަރާބަރަށް ހިދުމަތްދޭ ތަންތަނަށް ހެދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ގޮވާލައްވައިފަ އެވެ.

"ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދައުލަތުގެ މުއައްސަސާތަކުގެ ހިންގުންތެރިކަމާ ގުޅޭގޮތުން އަޅުގަނޑު ދެކެން ބޭނުންވާ ދުވަހެއް އޮވޭ. އެއީ، ދައުލަތުގެ އޮފީސްތަކުން އަދި ވަކިން ހާއްސަކޮށް ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ހިދުމަތްތަކަކަށް ވެގެންދާ ދުވަސް،" ރައީސް ވިދާޅުވި އެވެ.