Roadha Mihaaru
މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަނީ

16 ސެޕްޓެމްބަރ 2021

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އަންނަ ހަފުތާގައި މުޒާހަރާކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އަންނަ ހަފުތާގައި މުޒާހަރާކުރަން ނިންމައިފި އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން ބުނީ އަންނަ އާދިއްތަ ދުވަހު މަސައްކަތަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށާއި ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ ޖެހިގެން އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ސިވިލް ސާވިސްގެ އެންމެހާ މުވައްޒަފުން މި ތިބީ އެކުގައި،" އެ އެސޯސިއޭޝަނުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި؛

- ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން

- ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުން

- ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ލިބުން

- މިނިމަމް ވޭޖު އަވަސްކޮށްދިނުން

- ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުން

އޮފިޝަލް ވިދާޅުވީ އަންހެނުން ކޮމިޓީގެ މުސާރަ ދެގުނައަށް ބޮޑުކުރެވޭ އިރު ސިވިލް ސާވެންޓުން ދުވާލު ހަތަރުދަމު މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ދެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"ސިވިލް ސާވިސް ކޮމިޝަނުން މިކަން ހައްލުކޮށްދޭން މަސައްކަތް ކުރައްވާ ތަނެއް ނުފެނޭ. ސިޔާސީ ބޭފުޅަކު މި ވާހަކަ ދައްކާ އަޑެއް ނީވޭ. މި ފަހަރު އަޅުގަނޑުމެންގެ ހައްގުތައް ހޯދަން މި ތެދުވީ އަޅުގަނޑުމެން،" އޭނާ ވިދާޅުވި އެވެ.

އެސޯސިއޭޝަނުން ބުނީ އެ އިހުތިޖާޖުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މީހުން ބައިވެރިވާނެ ކަމަށެވެ. އަދި ސިވިލް ސާވެންޓުންނަކީ އަގެއް ހުރި ބައެއްކަން ސަރުކާރުން ބަލައިގަންނަންޖެހޭ ކަމަށާއި ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ކޮންމެ އަހަރަކު ވެސް ބޯނަސް ދޭންޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަން ނިންމިއިރު، ޕައިލެޓުންގެ މުސާރަ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައިވެ އެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ރައީސް ވަނީ ދެއްވައިފަ އެވެ.

ޕައިލެޓުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑު-19 އާ ގުޅިގެން ކުޑަކުރި މުސާރަ އިއާދަ ނުކޮށްދިނުމެވެ. އިގުތިސޯދީ ގޮތުން ކުރިމަތިވި ދަތި ހާލަތާ ގުޅިގެން ޕައިލެޓުންގެ މުސާރައިގެ 40 ޕަސެންޓު ކުޑަކުރި އެވެ. ނަމަވެސް އެ ބައްދަލުވުންތަކަށްފަހު ސަރުކާރުން ވަނީ އަންނަ މަހު މުސާރައިގެ 80 ޕަސެންޓު އަދި އަންނަ ޑިސެމްބަރު މަހަށް ފަހު ބާކީ ބައި ޕައިލެޓުންގެ މުސާރަ އަށް އިތުރުކުރަން ނިންމައިފަ އެވެ.

އެ އަށްފަހު، އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ވެސް ވަނީ ފަންނީ އޮނިގަނޑުތަކުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ޕާފޯމަންސް އެޕްރެއިސަލްއަށް ރިއާޔަތްކޮށް ދޭ ގްރޭޑް ކުރިއެރުން ދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމުން އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން، ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕްރޮމޯޝަން ދިނުން މެދުކަނޑާލަން އެންގުމަކީ މިދިޔަ އަހަރު މާޗު މަހު ހިސާބުގައި ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެއީ ވަގުތީ ނިންމުމެއް ކަމަށާއި މާލީ ހާލަަތު ރަނގަޅުވަމުން އަންނަ މިންވަރަކުން އެކަންތައް ބަދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު އެންމެ އަވަހަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނާނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ކަމަށާއި އިތުރަށް ރަނގަޅު ކުރެވެން ހުރި ކަންކަން ބަލައި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 16،593 އެވެ.