Roadha Mihaaru
މުޖުތަމައުގެ ހިދުމަތަށް ނެރުން: ލިޔުމުން އެކަނިތަ؟

ޖަލުގެ ބަދަލުގައި މުޖުތަމައަށް: ހަމައެކަނި ލިޔުމުން އޮންނަ ނިޒާމެއްތަ؟

29 ޑިސެމްބަރ 2021

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވާހަކައަކީ އެއްވެސް އިރަކު އާ ވާހަކައެއް ނޫނެވެ. ޖަލުތައް ފުރި ބާރުވެފައި އޮތްއިރު، ޖަލުތަކާ މެދު ހުރި ޝަކުވާތައް އެހާ ބޮޑެވެ. މީހުން ޖަލަށް ލަނީ އިސްލާހުކޮށް، އަނބުރާ މުޖްތަމައު އަށް ގެނައުމަށް ކަމަށް ވިޔަސް، ރާއްޖޭގައި ކުދި ކުށްތަކުގައި ޖަލަށް ލާ މީހުން ވެސް ޖަލުން ނިކުމެގެން އަންނަނީ އެއަށް ވުރެ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ތައްޔާރުވެގެންނެވެ. ޖަލުތަކަކީ ބޮޑެތި ކުށްވެރިން އުފައްދާ ތަނަކަށް ނޫނީ ނުވެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވާހަކައަކީ އެއްވެސް އިރަކު އާ ވާހަކައެއް ނޫނެވެ. ޖަލުތައް ފުރި ބާރުވެފައި އޮތްއިރު، ޖަލުތަކާ މެދު ހުރި ޝަކުވާތައް އެހާ ބޮޑެވެ. މީހުން ޖަލަށް ލަނީ އިސްލާހުކޮށް، އަނބުރާ މުޖްތަމައު އަށް ގެނައުމަށް ކަމަށް ވިޔަސް، ރާއްޖޭގައި ކުދި ކުށްތަކުގައި ޖަލަށް ލާ މީހުން ވެސް ޖަލުން ނިކުމެގެން އަންނަނީ އެއަށް ވުރެ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ތައްޔާރުވެގެންނެވެ. ޖަލުތަކަކީ ބޮޑެތި ކުށްވެރިން އުފައްދާ ތަނަކަށް ނޫނީ ނުވެ އެވެ.

މިކަމަށް ހައްލު ގެނައުމަށްޓަކައި ކުދި ކުށްތަކުގައި ޖަލަށްލުމުގެ ބަދަލުގައި އެހެން ބާވަތުގެ އަދަބުތަކެއް ދެވޭނެ ނިޒާމެއް ރާއްޖޭގައި އެބައޮތެވެ. އެއީ އަދަބެއްގެ ގޮތުން މުޖްތަމައުއަށް ހިދުމަތް ކުރުވަން ކުށްވެރިންނަށް ލާޒިމް ކުރުވުމެވެ. އެކަމަކު މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުން މި ނިޒާމު ތައާރަފް ކުރިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، މި ނިޒާމު އޮތީ ހަމައެކަނި ލިޔެކިޔުންތަކުގަ އެވެ. މި އަދަބު އަދިވެސް ރާއްޖޭގައި ތަންފީޒެއް ނުކުރެވެ އެވެ.

ޖަލަށްލުމާއި ބަންދު ކުރުމުގެ އަދަބު ދިނުމުގެ ބަދަލުގައި މުޖްތަމައު އަށް ހިދުމަތް ކުރުމުގެ އަދަބު ދިނުމާބެހޭ އުސޫލެއް ރާއްޖޭގެ ފުރަތަމަ އެކުލަވާލީ ވެސް ގާނޫނުލް އުގޫބާތުގައި އެކަން ހިމަނާފައި އޮންނަތާ ފަސް އަހަރު ފަހުން މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުންނެވެ. އެ އުސޫލު ބުނާގޮތުން މުޖްތަމައު އަށް ހިދުމަތް ކުރުމުގެ އަދަބެއްގެ ގޮތުން މަގުތަކާއި އާންމު ފާހާނާތައް ސާފު ކުރުމާއި ކުނި އުކުމާއި މަގު ހެދުމާއި ދައުލަތުން ހިންގާ މަޝްރޫއުތަކުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުވުން ފަދަ އަދަބުތައް ދެވިދާނެ އެވެ.

މި އުސޫލު ވުޖޫދަށް އައިއިރު، މާ ބޮޑު ކުށުގެ ރެކޯޑެއް ނެތް އަދި އާދައިގެ ކުދި ކުށްތަކުގައި ދައުވާލިބޭ އެތައް ބަޔަކު ތިއްބެވެ. އެތައް އަހަރެއް ކުރިން ކުރެވުނު ކުޑަ ކުށެއްގެ ސަބަބުން ޖަލަށް ދާން ޖެހި އަދި ވަޒީފާ ގެއްލިދާނެ ބިރު އެތައް ބަޔަކަށް އޭރު އޮތެވެ. އެހެންވެ، މިފަދަ އުސޫލެއް އައުމަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އެހެން ނަމަވެސް އުސޫލު ހެދިޔަސް، ހަ މަސް ވީއިރު ވެސް މި އަދަބު ތަންފީޒު ކުރެވޭނެ ގޮތެއް ނެތެވެ.

މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބެއްގެ ގޮތުން ކުރެވޭނެ މަސައްކަތްތަކާއި އެ އަދަބު ކޯޓުތަކުން ކަނޑައަޅާނެ އުސޫލު ސުޕްރީމް ކޯޓުން ހެދިޔަސް، އެ އަދަބު ތަންފީޒު ކުރެވޭނެ އުސޫލު ހެދުން އޮތީ ކަރެކްޝަނަލް ސާވިސްއަށެވެ. އެގޮތުން އަދަބު ތަންފީޒު ކުރުމުގެ ގޮތުން މަސައްކަތް ކުރަން ޖެހޭ ތަންތަނާއި ދުވާލަކު މަސައްކަތް ކުރަންޖެހޭ ވަގުތާއި އެ މަސައްކަތް މޮނީޓާ ކުރާނެ ގޮތް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓުން ހަވާލުކުރީ ކަރެކްޝަނަލް ސާވިސްއާ އެވެ.

އެކަމަކު އެކަމަށް ސުޕްރީމް ކޯޓުން ދިން 60 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް، ކަރެކްޝަންސްއިން އެފަދަ އުސޫލެއް ހަދާފައެއް ނުވެ އެވެ. މުއްދަތު ހަމަވިއިރު ވެސް އުސޫލު ނެހެދުމުން ކޯޓުތަކުން އެންމެ ފަހުން މިހާރު ވަނީ މުޖްތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރާނެ އުސޫލެއް ނެތަސް، އެފަދަ އަދަބުތައް ދޭން ހުކުމް ކުރަމުންނެވެ. ކޯޓުތަކުން ނިންމާފައިވަނީ ކަރެކްޝަންސް އިން އުސޫލު ނެހެދުމަކީ ކުށްވެރިޔާއަށް ލިބެންޖެހޭ ލުޔެއް ނުދީ ތިބެވޭނެ ސަބަބެއް ނޫން ކަމަށެވެ.

އަދަބު ތަންފީޒު ކުރާނެ އެއްވެސް ގޮތެއް، ނެތީސް މިގޮތަށް ކޯޓުތަކުން އަދަބު ކަނޑައެޅުމުން ކުށްވެރިންގެ އެތައް ހައްގެއް ވެސް އެބަ ގެއްލެ އެވެ. އެގޮތުން މުޖްތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒުކޮށް އަވަހަށް ނިންމަން ބޭނުން ވިޔަސް، ކުށްވެރިޔާ އަށް އެ ފުރުސަތު ނުލިބި އަދި އެތައް ހައްގަކުން މަހްރޫމްވެގެން ތިބެން އެބަޖެހެ އެވެ. ދައުލަތުގެ މުއައްސަސާއަކުން ކުރަންޖެހޭ ކަމެއް ނުކުރުމުން ކުށްވެރިޔާއަށް ޖެހެނީ އެ ދެމެދުގައި ތާށިވެފައި ހުންނާށެވެ.

މާފުށީ ޖަލު --- ފޮޓޯ/ މިހާރު

މާފުށީ ޖަލު --- ފޮޓޯ/ މިހާރު

ރާއްޖޭގައިި ޖަލުތައް ތޮއްޖެހޭ މައްސަލަ އާއި އޭގެ ސަބަބުން ނުރައްކާތެރި ކުށްވެރިންނާއި އާދައިގެ ކުށްވެރިން އެކުގައި ބައިތިއްބަން ޖެހުމުގެ އިތުރަށް ދިމާވާ މައްސަލަތައް އަދިިވެސް އެހާ ބޮޑެވެ. ޖަލުތަކުގައި ލިބެންޖެހޭ ހައްގުތައް ނުލިބުމުގެ ވާހަކަ އޮތްގޮތަށް އޮތީ އެވެ. ރާއްޖޭގެ ޖަލުތަކާ ބެހޭގޮތުން އދ. އިން ދާދިފަހުން ނެރުނު ރިޕޯޓް ވެސް އޭގެ ހެއްކަކަށް ފުދެ އެވެ. އެކަމަކު އެތައް ސަރުކާރެއް އަޔަސް، މި މައްސަލަތައް ހައްލެއް ނުވި އެވެ.

މިކަންކަމަށް އެންމެ ފަސޭހައިން ހައްލު ގެނެވެން އޮތް ނިޒާމަކީ ކުދި ކުށްތަކުގައި ޖަލަށްލުމުގެ ބަދަލުގައި އެހެން އަދަބުތައް ދެވޭނެ ނިޒާމެއް ތަންފީޒު ކުރުން ކަމަށް ވިޔަސް، މިކަން ތަންފީޒު ނުވެ އޮތްއޮތުމަކީ މިކަން ހައްލު ކުރަން ކުރާ މަސައްކަތްތަކާ މެދު ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެކެވެ. އަދި މިއީ އަލަށް ތައާރަފްކުރި ނިޒާމަކަށް ވާތީ ިމިކަމަށް ތައްޔާރުވާން ވަގުތު ބޭނުން ވިޔަސް، ފަސް އަހަރު ވީއިރު ވެސް މި ތަންފީޒު ނުވެ އޮތީ މިފަދަ ނިޒާމަކަށް ތައްޔާރުވާން ވަގުތު ނުލިބިގެން ކަމަށް ބުނެވޭނެ ހަމައެއް ނެތެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ނުކުރެވި އޮތީ އެކަމާބެހޭ އުސޫލު އެކުލަވާލުމުގެ ކުރިން ކަމާ ފަރާތްތަކުގެ ލަފާ ހޯދަން ޖެހޭތީ އެވެ. މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރެވެނީ އެހެން އިދާރާތަކާ ގުޅިގެން ކަމަށް ވާތީ އެ ފަރާތްތަކުގެ ލަފާ ހޯދުމަށްފަހު އުސޫލު އެކުލަވާލައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި ރައީސް އޮފީހުން އުސޫލު ފާސްކުރުމާ އެކު، އެ އަދަބު ތަންފީޒު ކުރަން ފަށާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

"މިކަމަކީ އަޅުގަނޑުމެންނަށް އެކަނި ނިންމޭނެ ކަހަލަ ކަމެއް ނޫން. އެހެން އިދާރާތަކުގެ ލަފާ ވެެސް ހޯދަން ޖެހޭ. ލަފާ ހޯދުމަށްފަހު އެ ލަފައާ އެކު، އުސޫލު ފާސްކުރަން ރައީސް އޮފީހަށް ފޮނުވާފައިވަނީ. ފާސް ކުރުމާ އެކު، އަދަބު ތަންފީޒު ކުރަން ފަށާނަން." ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވިި އެވެ.

ޖަލުތަކުގެ ނިޒާމާ މެދު ހުރި ޝަކުވާތަކަށް މިވަގުތު ގެނެވެން އޮތް އެންމެ ބޮޑު ހައްލަކީ ޖަލަށްލުމުގެ ބަދަލުގައި މުޖްތަމައުއަށް ޚިދުމަތް ކުރުވަން ލާޒިމްކުރުން ފަދަ އަދަބުތައް ދިނުމެވެ. ޖަލުތަކުގެ މައްސަލަ ހައްލުކޮށް އަދި ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރުމުގެ ފުރުސަތު އޮތަސް، އެ ނިޒާމު މިހާތަނަށް ވެސް އޮތީ ހަމައެކަނި ލިޔުމުން އޮތް ނިޒާމެއްގެ ގޮތުގަ އެވެ. އެކަން ތަންފީޒު ނުވެ މިހާ ދިގު މުއްދަތެއް ފާއިތުވުމަކީ ދައުލަތުގެ ބޮޑު އިހުމާލެކެވެ.