Roadha Mihaaru
ކުށްވެރިން މިނިވަންކުރުން: ހަމައެއް އުސޫލެއް ނެތް؟

ކުށްވެރިންނަށް މާފު ދީ، މިނިވަންކުރުން: ހަމައެއް އުސޫލެއް ނެތް؟

15 ނޮވެމްބަރ 2023

ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބައެއްގެ ޝަކުވާ އާންމުކޮށް އަބަދުވެސް އޮންނަނީ ޝަރުއީ ދާއިރާއާ މެދު އެވެ. އެއީ ކުށް ސާބިތުނުވެ އެތައް ބަޔަކު ކޯޓުތަކުން ދޫވެގެންދާތީ އެކަމާ މެދު އެވެ. ނަމަވެސް ކުށް ސާބިތުވެގެން ޖަލަށްލެވޭ ބޮޑެތި ކުށްވެރިން އެހެން ނިޒާމެއްގެ ތެރެއިން މިނިވަންކޮށް ދޫކޮށްލުމަކީ އެއަށް ވުރެ ބޮޑު މައްސަލަ އެކެވެ. ކިތަންމެ ބޮޑު އަދި ނުރައްކާތެރި ކުށްވެރިއަކަށް ވިޔަސް، ކުށް ސާބިތުވެގެން ޖަލުގައި އެކަށީގެންވާ މުއްދަތަކަށް ހުންނާނެ ކަމުގެ ޔަގީންކަމެއް މިހާރު ނެތެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބައެއްގެ ޝަކުވާ އާންމުކޮށް އަބަދުވެސް އޮންނަނީ ޝަރުއީ ދާއިރާއާ މެދު އެވެ. އެއީ ކުށް ސާބިތުނުވެ އެތައް ބަޔަކު ކޯޓުތަކުން ދޫވެގެންދާތީ އެކަމާ މެދު އެވެ. ނަމަވެސް ކުށް ސާބިތުވެގެން ޖަލަށްލެވޭ ބޮޑެތި ކުށްވެރިން އެހެން ނިޒާމެއްގެ ތެރެއިން މިނިވަންކޮށް ދޫކޮށްލުމަކީ އެއަށް ވުރެ ބޮޑު މައްސަލަ އެކެވެ. ކިތަންމެ ބޮޑު އަދި ނުރައްކާތެރި ކުށްވެރިއަކަށް ވިޔަސް، ކުށް ސާބިތުވެގެން ޖަލުގައި އެކަށީގެންވާ މުއްދަތަކަށް ހުންނާނެ ކަމުގެ ޔަގީންކަމެއް މިހާރު ނެތެވެ.

ދާދިފަހުން ފެނިގެން ދިޔައީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ރައީސް ލުއިކޮށް ދެއްވައި، މިނިވަންކުރި މަންޒަރެވެ. އަދި ނޫނަސް، މީހުން މެރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން އެހެން ޖިނާއީ ބޮޑެތި ކުށްތައް ސާބިތުވެގެން ޖަލު ހުކުމްތަކުގައި ތިބި މީހުން ވެސް މިގޮތަށް މިނިވަން ކޮށްފައިވެ އެވެ.

ބައެއް މީހުން އުމުރަށް ޖަލަށްލާން ހުކުމް ކުރާތާ އަހަރެއް ނުވަނީސް އަދަބު ލުއިކޮށްދީ މިނިވަން ކޮށްފައި އެބަހުއްޓެވެ. އާންމު ގޮތެއްގައި އިންތިހާބުތަކާ ދިމާކޮށް މިގޮތަށް ދޫކޮށްލާ މީހުންގެ އަދަދު ގިނަވެ އެވެ. ބައެއް ފަހަރު 500 އާ ގާތްކުރާ އަދަދެއްގެ މީހުން މިގޮތަށް މިނިވަން ކުރެ އެވެ. މިއީ ހުރިހާ ސަރުކާރުތަކެއްގައި ވެސް މިކަން ހިނގަމުންދާ ގޮތެވެ. މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމަކީ ގާނޫނެއްގެ ދަށުން ކުރެވޭ ކަމެއް ކަމަށް ވިޔަސް، އެކަން ކުރާ ގޮތާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ.

ރައީސާއި ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރު --- ފޮޓޯ/ރައީސް އޮފީސް

ރައީސާއި ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރު --- ފޮޓޯ/ރައީސް އޮފީސް

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު އޮންނަ ގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގައި މާފު ދިނުމުގެ ފުރުސަތު ނެތަސް، އަދަބުގެ މުއްދަތު ކުޑަކޮށް ދިނުމުގެ ބާރު އޮވެ އެވެ. އަދި މިގޮތަށް އަދަބުގެ މުއްދަތުން ކުޑަކޮށްދެވޭނެ އެންމެ މަތީ މިންގަނޑެއް ގާނޫނަކު ނޯވެ އެވެ. މާނައަކީ މިސާލަކަށް 25 އަހަރުގެ ޖަލު ހުކުމެއް އޮންނަ މީހާގެ އަދަބު އެންމެ ހަފުތާއެއްގެ ޖަލު ހުކުމަކަށް ކުޑަކޮށްލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެންވެ، ބޮޑެތި ކުށްވެރިން ވެސް ދޫކޮށްލަނީ އޭގެ ބޭނުން ހިފައިގެންނެވެ.

ކުށްވެރިއަށް ވިޔަސް، ޖަލުގައި އިސްލާހުވެގެން އަނބުރާ މުޖްތަމައުގެ ތެރެއަށް އައުމުގެ ފުރުސަތު ދޭންޖެހޭނެ ކަމާ މެދު ދެބަސްވުމެއް ނެތެވެ. ނަމަވެސް މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމަށް ދައުލަތުން ކުރާ ހޭދަ އާއި ކުރަންޖެހޭ މަސައްކަތާއި އަޅާ ބަލާއިރު ދެކޮޅު ނުޖެހޭ ގޮތަކަށް ކުށްވެރިންގެ އަދަބު ލުއިކޮށް، މިނިވަން ކުރާތީ އެވެ. މިސާލަކަށް، ރާއްޖޭގައި ހަމައެކަނި ޝަރީއަތްތައް ހިންގަން ކޮންމެ މައްސަލައަކަށް 20،000 އެއްހާ ރުފިޔާ ދައުލަތުން ހަރަދު ކުރާއިރު ދައުވާ ކުރުމާއި ތަހުގީގު މަރުހަލާގެ ހަރަދު އެއަށް ވުރެ ބޮޑުވާނެ އެވެ.

ދެން އޮތީ ކުށްވެރިންނަށް އަދަބު ދޭން ހޭދަވާ ވަގުތާއި ކުރަން މަސައްކަތްތަކެވެ. ރާއްޖޭގައި ޖިނާއީ ބޮޑެތި މައްސަލަތައް ކޯޓުތަކުން ނިންމަން އާންމުކޮށް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެ އެވެ. އިސްތިއުނާފް މަރުހަލާ ހިމަނައިގެން ގުނާނަމަ ހަތް އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތެއް ހިނގަ އެވެ. އަނެއްކޮޅުން ފުލުހުންނާއި ދައުލަތާއި ކޯޓުތަކުން ކިތަންމެ ބުރަ މަސައްކަތްތަކޮށް، ވަގުތުތަކެއް ހޭދަ ކުރިޔަސް، ކުށް ސާބިތުވެގެން ޖަލަށް ލެވެނީ ވެސް ނިސްބަތުން މަދު މައްސަލައެއްގަ އެވެ.

ހަމައެހެންމެ، ދައުލަތުން ކޯޓުތަކުގެ ވަސީލަތްތައް އިތުރުކޮށް އަދި އިތުރަށް އެތައް ފަނޑިޔާރުންނެއް އައްޔަން ކުރަނީ ވެސް މައްސަލަތައް ލަސްވާކަމުގެ ޝަކުވާ ބޮޑުވެގެންނެވެ. ނަމަވެސް ކިތަންމެ އަވަހަކަށް މައްސަލަތައް ނިންމައި، ކުށްވެރިންނަށް އަދަބު ދިނަސް، އޭގެ ދުވަސްކޮޅެއް ފަހުން އަދަބު ލުއިކޮށްދީ ދޫކޮށްލާނަމަ، މި ހުރިހާ ބުރައެއް ދައުލަތުން އުފުލުމުގެ ބޭނުމެއް އެބައޮތްތޯ ސުވާލު އުފެދެ އެވެ. ކުރުކޮށް ބުނާނަމަ، މިއީ ޖިނާއީ އަދުލުގެ ނިޒާމަކީ ކުޅޭ ކުޅިވަރެއްހެން ސިފަވާ ގޮތަށް ކުރެވޭ ކަމެކެވެ.

ޝަރީއަތްކުރާ ކޯޓު ރޫމެއް --- ފޮޓޯ/މިހާރު

ޝަރީއަތްކުރާ ކޯޓު ރޫމެއް --- ފޮޓޯ/މިހާރު

ޖިނާއީ އަދުލުގެ ނިޒާމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ކުށްވެރިންނަށް މާފު ދިނުމަކީ ސަރުކާރަށް އޮންނަ ބާރެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް މިހާރު ގެންނަން ޖެހެ އެވެ. އަދި ކުށްވެރިންނަށް ލުޔެއް ދޭންޖެހޭ ނަމަ އެކަން ކުރަން ޖެހޭނީ ކޯޓުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދަބު ކަނޑައެޅުމުގެ ކުރިން ލުއި ހޯދަން މަސައްކަތް ކުރެވިދާނެ މިސާލަކަށް އިއުތިރާފްވެގެން ނުވަތަ އެ ނޫން ވެސް މަގަކުން. އެކަމަކު ކޯޓުން ހުކުމް ކުރުމަށްފަހު އެ ހިސާބުން ނިމުނީ. ޕެރޯލެއް، ކްލެމެންސީއެއް ދެވިގެން ނުވާނެ." ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ.

"މާނައަކީ ކޯޓުން ކުށް ސާބިތުވެގެން ޖަލަށްލައިފިނަމަ ނިކުމެވޭނެ އެހެން މަގެއް ނެތުން. ޖަލަށްލުމުގެ މާނައަކީ ޖަލަށްލުން." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމަކީ ހާއްސަ ހާލަތްތަކުގައި އޮންނަ ބާރެއް ކަމުގައި ހަމަޖައްސަން ޖެހެ އެވެ. އަދި މިހާރު އޮންނަ ގޮތަށް ސަރުކާރުން ބޭނުންވާ ގޮތަކަށް އެކަން ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ އެވެ.

"ވަރަށް ހާއްސަ ހާލަތްތަކަށް އެކަނި ކްލެމެންސީ ބޭއްވިދާނެ. އެކަމަކު މިހާރު އޮންނަ ގޮތަށް ބޭނުން ގޮތަކަށް ދެވޭނެ ގޮތަކަށް ނޫން." އޭނާ ވިދާޅުވި އެވެ.

ފުލުހުން ވެސް ދެކޭ ގޮތުގައި ކުށްވެރިންނަށް ޖަލަށްލުމުގެ މަގްސަދު ހާސިލްނުވާ ގޮތަށް އެ މީހުން މުޖްތަމައުގެ ތެރެއަށް އަނބުރާ ގެނައުމަކީ ކުށްކުރުން ހުއްޓުވަން އޮތް ގޮންޖެހުމެކެވެ. އަދި އެގޮތަށް އެ މީހުން ދޫކޮށްލުމުން ކުށް ތަކުރާރުކުރާ މީހުން ގިނަވުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ދެކެ އެވެ.

"އެކަށީގެންވާ ޕްރޮގްރާމްތަކެއް ނުވަތަ ރިހެބިލިޓޭޝަން ފުރިހަމަ ނުކޮށް މުޖްތަމައުއަށް އަނބުރާ އައުމަކީ ކުށް މަދުކުރުމަށް އޮތް ގޮންޖެހުމެއް." ފުލުހުންގެ ސްޕޯކްސްޕާސަން އަދި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވި އެވެ.

ކުށްވެރިންނަށް މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ނިޒާމެއް އޭގެ ޒާތުގައި އޮތުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން އަދި އެތައް ބައެއްގެ ބުރަ މަސައްކަތުން ހިންގަމުންދާ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ކެނޑިގެންދާ ގޮތަށް އަދި މުޖްތަމައުއަށް ކުރާނެ އަސަރުތަކަށް ބެލުމެއްނެތި ކުށްވެރިންގެ އަދަބު ލުއިކޮށް ދިނުމުގެ ފުރުސަތު ދެވިގެން ނުވާނެ އެވެ. މިއީ އަވަސް ގޮތެއްގައި ހައްލު ހޯދަންޖެހޭ ބޮޑު މައްސަލަ އެކެވެ.