Roadha Mihaaru
ޖަލުން މުޖުތަމައުގެ ހިދުމަތަށް:ބޮޑު ބަދަލެއްގެ ފެށުން

ޖަލު ގޮޅިން މުޖުތަމައުގެ ހިދުމަތަށް: ރަނގަޅު ބަދަލެއްގެ ފެށުން

07 ޖުލައި 2021

ރާއްޖޭގެ ޖަލުތައް ފުރި ބާރުވެފައި އޮތީ ކުށްކުރުން އިތުރުވުމުން އެކަންޏެއް ނޫނެވެ. ކުށްކުރާ ކޮންމެ މީހަކަށް އޮތް އަދަބަކީ ޖަލަށް ލުން ކަމަށް ދެކިގެން ހިންގަމުންދާ ނިޒާމެއްގެ ސަބަބުންނެވެ. ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގާ މީހާއަށް ވެސް އޮތީ ޖަލެވެ. އެކަމަކު ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން އޭނާ މުޖްތަމައުގެ ތެރެއަށް ނިކުންނަނީ އެއަށް ވުރެ ބޮޑު ކުށްވެރިއެއްގެ ގޮތުގަ އެވެ. ދެން އޭނާ ބައިވެރިވާން ފަށާނީ މީހުން މެރުމާއި ގޭންގް ކުށްތަކާއި މަސްތުވާތަކެތި ވިޔަފާރި ކުރުން ފަދަ ބޮޑެތި ކުށްތަކުގަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ޖަލުތައް ފުރި ބާރުވެފައި އޮތީ ކުށްކުރުން އިތުރުވުމުން އެކަންޏެއް ނޫނެވެ. ކުށްކުރާ ކޮންމެ މީހަކަށް އޮތް އަދަބަކީ ޖަލަށް ލުން ކަމަށް ދެކިގެން ހިންގަމުންދާ ނިޒާމެއްގެ ސަބަބުންނެވެ. ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގާ މީހާއަށް ވެސް އޮތީ ޖަލެވެ. އެކަމަކު ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން އޭނާ މުޖްތަމައުގެ ތެރެއަށް ނިކުންނަނީ އެއަށް ވުރެ ބޮޑު ކުށްވެރިއެއްގެ ގޮތުގަ އެވެ. ދެން އޭނާ ބައިވެރިވާން ފަށާނީ މީހުން މެރުމާއި ގޭންގް ކުށްތަކާއި މަސްތުވާތަކެތި ވިޔަފާރި ކުރުން ފަދަ ބޮޑެތި ކުށްތަކުގަ އެވެ.

ޖިނާއީ އަދުލުގެ ނިޒާމެއްގައި ކުށްވެރިންނަށް އަދަބު ކަނޑައަޅަނީ އެ މީހުން އިސްލާހުކޮށް، މުޖްތަމައުއަށް އަނބުރާ ގެނައުމުގެ މަގްސަދުގަ އެވެ. އެހެން ނަމަވެސް ރާއްޖޭގައި މިހާތަނަށް އަމަލު ކުރަމުންދާ ނިޒާމުގެ ސަބަބުން ބޮޑެތި ކުށްވެރިން އުފެދުން ނޫން ކަމެއް ނުވެ އެވެ. ކުދި ކުށްތައް ކުރާ މީހުން ޖަލުގައި ބައިތިއްބައިގެން ބޮޑެތި ހަރަދު ކޮށްގެންވީ ފައިދާއެއް ނެތެވެ. އެހެން ނަމަވެސް މި ނިޒާމު ބަދަލުވުމުގެ ކޮޅުމަތި މިހާރު މިވަނީ ފެންނަން ފަށައިފަ އެވެ.

ކުދި ކުށްތަކުގައި ޖަލަށް ލުމުގެ ބަދަލުގައި އެ ނޫން އަދަބުތައް ދެވޭނެ އުސޫލުތައް ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ޖަލަށް ލުމުގެ ބަދަލުގައި ގޭ ބަންދާއި ޖޫރިމަނާގެ އިތުރުން މުޖްތަމައުއަށް ހިދުމަތް ކުރުމާއި ޕްރޮބޭޝަން ފަދަ އަދަބުތައް ވެސް ކުށްވެރިންނަށް ދެވޭނެ އެވެ. ޖަލަށް ލުމުގެ ބަދަލުގައި އެހެން އަދަބުތަކެއް ދެވޭ ގޮތަށް މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގައި ވުޖޫދަަށް އައިއިރު ވެސް ހިމަނާފައި އޮތެވެ.

އެހެން ނަމަވެސް އެކަމާ ބެހޭ އުސޫލުތަކެއް ވޭތުވެދިޔަ ފަސް އަހަރު ވެސް ވުޖޫދަށް އައިސްފައެއް ނެތެވެ. އެހެންކަމުން ކުދިކުދި ކުށްތަކުގައި ވެސް އާންމުކޮށް ކޯޓުތަކުން ދެމުން އަންނަނީ ޖަލަށް ލުމުގެ އަދަބެވެ. ވަރަށް މަދު ހާލަތްތަކެއްގައި ޖަލު ހުކުމް ގޭ ބަންދު ނުވަތަ ޖޫރިމަނާ އަށް ބަދަލުކޮށްފައި އެބަހުއްޓެވެ. އެކަމަކު ދިރިއުޅުމުގެ ކަންކަމާއި ވަޒީފާގެ ކަންކަން ހުންނަ ގޮތުން ކޮންމެ ކޮންމެ މީހަކަށް ޖޫރިމަނާ ނުވަތަ ގޭ ބަންދުގެ ހުކުމެއް ލިބިގަތުން އެއީ ފަސޭހަ ކަމެއް ނޫނެވެ. މިސާލަކަށް ވަޒީފާއެއްގައި އުޅޭ މީހަކަށް، ގޭ ބަންދުގެ ހުކުމެއް އައިސްފި ނަމަ ވަޒީފާގެ ގެއްލުމުގެ ބިރު އެބައޮތެވެ. ޖޫރިމަނާގެ އަދަބެއް ނަމަ، ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން އެ ފައިސާ ދެއްކޭނެ ތަނަވަސްކަމެއް ގިނަ ބައެއްގެ ކިބައިގައި ނުހުރެ އެވެ.

ދާދިފަހުން ސުޕްރީމް ކޯޓުން އާންމުކުރި އުސޫލުގައިވާ ގޮތުން މުޖްތަމައުއަށް ހިދުމަތް ކުރުމުގެ ގޮތުން، މަގުތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި އާންމު ތަންތަން ސާފު ކުރުމާއި ކުނި އުކުމާއި ޕަބްލިކް ފާހާނާތައް ސާފު ކުރުމާއި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުށްވެރިން ލައްވައިި، ކުރުވޭ ގޮތަށް ހިމަނާފައިވެ އެވެ. އަދިި ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ދައުލަތުން ހިންގާ މަޝްރޫއުތަކުގައި މަސައްކަތް ކުރުވުމާއި ދައުލަތުގެ އޮފީހެއް ނުވަތަ މުއައްސަސާތަކުގައި މަސައްކަތް ކުރުވުމުގެ އިތުރުން ކުށްވެރިޔާ އަށް ލިބިފައިވާ ހާއްްސަ ހުނަރެއް ނުވަތަ އިލްމެއް އެހެން ބަޔަކަށް ދަސްކޮށް ދިނުމަކީ ވެސް ޖަލަށްލުމުގެ ބަދަލުގައި ކުށްވެރިންނަށް ދެވިދާނެ އަދަބެކެވެ.

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

މިފަދަ އަދަބުތަކުގައި ކުށްވެރިން މަސައްކަތް ކުރޭތޯ މޮނީޓާ ކުރަންޖެހެ އެވެ. އެހެންވެ، އެފަދަ އަދަބުތައް ތަންފީޒު ކުރުމުގައި ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން ހޯދުމުގެ ބާރު ތަންފީޒީ އިދާރާތަކަށް އެ އުސޫލުގެ ދަށުން ލިބިދެ އެވެ. އަދި އެކަމާ ބެހޭ އުސޫލުތައް ކުރިއަށް އޮތް 60 ދުވަސް ތެރޭގައި ކަމާބެހޭ މުއައްސަސާތަކުން އާންމުކޮށް، އަމަލުކުރަން ފަށަން ޖެހެ އެވެ.

މީގެ އިތުރުން އަދަބެއް ގޮތުން، ކުށްވެރިޔާ އުޅޭ ނޫޅޭ ގޮތް ގާތުން އަމުރު ކުރުމާ ބެހޭ އުސޫލުތައް ވެސް އޭގައި ހިމެނެ އެވެ. އެގޮތުން ވަކި ތަނަކަށް ނުދިއުމަށާއި ވަކި މީހަކާ ބައްދަލު ނުކުރުމަށާއި ވަކި ވަގުތެއްގައި ނޫނީ ގެއިން ނުނިކުތުމާއި ތައުލީމީ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާން އެންގުމާއި ވަކި ކަހަލަ ވަޒީފާއެއްގައި ދެމި ހުންނަން އަމުރު ކުރުމަކީ ވެސް ކުށްވެރިންގެ މައްޗަށް ކަނޑައެޅިދާނެ އަދަބެކެވެ. އެހެން ނަމަވެސް، ކޯޓުން ކަނޑައަޅާ މިފަދަ އަދަބުތައް ތަންފީޒު ކުރާނެ އުސޫލުތައް ހަދަން ޖެހެނީ އެކަމާ ބެހޭ މުއައްސަސާތަކުންނެވެ.

ޕްރޮބޭޝަންގެ އަދަބެއްގެ ގޮތުން، ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލިން ހޯދުމާއި ޕްރޮބޭޝަން އޮފިސަރަކާ ބައްދަލު ކުރުމާއި މަސްތުވާތަކެއްޗާއި ބަނގުރަލަށް ޓެސްޓް ކުރުމަކީ ވެސް އަދަބެއްގެ ގޮތުން ކުށްވެރިޔާ އަށް ދެވިދާނެ އަދަބުތަކެކެވެ. އެހެން ނަމަވެސް ޕްރޮޮބޭޝަންގެ އަދަބާއި ކުށްވެރިޔާ އުޅޭ ނޫޅޭ ގޮތް ބެލުމުގެ ދެވޭނީ އަނިޔާވެރި ނުވަތަ ލާ އިންސާނީ އަމަލެއް ހިންގާފައިނުވާ ނަމަ އެވެ. އަދި އެފަދަ އަދަބެއް ދެވޭނީ ވެސް އަދަބުގެ ކޮންމެވެސް މިންވަރެއް ޖަލުގައި ތަންފީޒު ކުރާ ގޮތަށެވެ.

އެ އުސޫލު އޮތްގޮތުން، މުޖްތަމައުއަށް ހިދުމަތް ކުރުމާއި ޕްރޮބޭޝަންގެ އަދަބުތައް ރަމްޒީ ގޮތެއްގައި ކަނޑައަޅާފައި ނިންމާލަނީކީއެއް ވެސް ނޫނެވެ. ކުށްވެރިޔާ އަށް އެ އަދަބެއް ތަންފީޒު ކުރަން އެއްބާރުލުން ނުދޭ ނަމަ އެއަށް ވުރެ ހަރުކަށި އަދަބެއް ކުށްވެރިޔާގެ މައްޗަށް ކަނޑައެޅޭ ގޮތަށް ވެސް އުސޫލުގައި ހިމަނާފައިވެ އެވެ. މާނައަކީ މިސާލަކަށް، މުޖްތަމައުއަށް ހިދުމަތް ކުރުމުގެ ގޮތުން މަގުމަތި ސާފުކުރަން ކުށްވެރިޔާ އަށް އެންގުމުން އޭނާ އެ މަސައްކަތް ނުކޮށްފި ނަމަ، ޖަލަށް ލެވިދާނެ އެވެ. ނުވަތަ ގޭ ބަންދު ނުވަތަ ޖޫރިމަނާގެ އަދަބަކަށް ވެސް ބަދަލު ކުރެވިދާނެ އެވެ.

ޖަލަށް ލުމުގެ ބަދަލުގައި އެ ނޫން އަދަބުތަކެއް ދެވޭ އުސޫލެއް ތައާރަފްވުމުން ނުރައްކާތެރި ކުށްވެރިން މުޖްތަމައުގެ ތެރެއަށް ދޫކޮށްލަނީތޯ އެއީ އުފެދިދާނެ ސުވާލެކެވެ. އެކަމަށް ވެސް އެ އުސޫލުގައި ހައްލު ހޯދައި ދީފައިވެ އެވެ. އެގޮތުން ޖިނާއީ ބޮޑު ކުށެއް ނުވަތަ އަނިޔާވެރިކަން ހިމެނޭ ކުށެއް ސާބިތުވާ މީހުން އެ އުސޫލުގެ ދަށުން މުޖްތަމައުގެ ތެރެއަށް އެއްކޮށެއް ދޫކޮށް ނުލެވޭނެ އެވެ. މާނައަކީ އެފަދަ މީހުންނަށް އަދަބު ކަނޑައަޅާއިރު، އަދަބުގެ ކޮންމެވެސް މިންވަރެއް ޖަލު ހުކުމުގެ ގޮތުގައި ކަނޑައަޅަން ކޯޓުތަކަށް ލާޒިމެވެ.

ކުދި ކުށްތަކުގައި ޖަލު ނޫން އަދަބުތަކެއް ކަނޑައަޅަން ފެށުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް އައި ބޮޑު ކުރިއެރުމެކެވެ. އެއީ ދައުލަތުން ސަލާމަތް ކުރެވޭ އެތައް މިލިއަނަށް ރުފިޔާއަކަށް ވުރެ ބޮޑަށް، ނުރައްކާތެރި ކުށްވެރިން އުފެދުން ހުއްޓުވަން އެޅޭ ބާރެއް ވެސް މެ އެވެ. ދެން އޮތީ ތަފާތު ކުރުމެއް ނެތި، ހަމަހަމަ ގޮތެއްގައި މި ނިޒާމު ރަނގަޅަށް ތަންފީޒު ކުރެވޭތޯ ބެލުމެވެ.