Roadha Mihaaru
ރޯދަމަހަށް ހުޅުމާލެ 2 ގައި ވަގުތީ މާރުކޭޓެއް ހަދަނީ

މާލޭ ސިޓީ ކައުންސިލުން ރޯދަމަހަށް ހުޅުމާލެ 2 ގައި ވަގުތީ މާރުކޭޓެއް ހަދަނީ

23 ފެބުރުއަރީ 2023

ރޯދަމަހަށް ހާއްސަ ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހަދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރޯދަމަހަށް ހާއްސަ ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހަދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

ސިޓީ ކައުންސިލުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހަދަން ނިންމާފައި ވަނީ އިއްޔެ ބޭއްވި ކައުންސިލްގެ އާންމު ޖަލްސާގަ އެވެ. އެ މާރުކޭޓް ހަދަން ހުށަހެޅުއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ހުޅުމާލޭގެ ކަންކަން ހިންގަން ސިޓީ ކައުންސިލާ ހަވާލުނުކުރިޔަސް، ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ވެސް އެ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަނެއް ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، ހުޅުމާލެ 2 ގައި މިހާރު 10،000 އާއިލާ ދިރިއުޅެމުން އަންނާތީ، އެ މާރުކޭޓް ހުޅުވުން ވަރަށް މުހިންމެވެ.

"ދެވަނަ ފިޔަވަހީގައި އުޅޭ މީހުން ރޯދަމަހު މާލެއާ ހަމައަށް އައިސް ނުވަތަ ފޭސް އެކަކަށް ގޮސް، ދުރު ހިސާބުތަކަށް ގޮސްގެން މި ބޭނުންވާ ތަރުކާރީއާ މި ތަކެތި ހޯދުން ދަތި ކަމަކަށް ވެދާނެ. އެހެންވީމާ، މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއް ގޮތަށް މިކަން ގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ.

އެ މާރުކޭޓް ހުޅުވާނީ ސިޓީ ކައުންސިލަށް އާމްދަނީ ވެސް ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ މާރުކޭޓް ހުޅުވުމާ ގުޅޭ ގޮތުން އެޗްޑީސީއާ އެކު ވެސް ވަނީ މަޝްވަރާކޮށްފައި ކަމަށެވެ. އަދި އެކަމަށް އެއްބާރުލުން ދޭނެ ކަން، ނުރަސްމީކޮށް އެ ކުންފުނިން އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މާރުކޭޓް ހުޅުވާނީ ދެވަނަ ފިޔަވަހީގެ ކޮންތަނަކު ކަމެއް އަދި ނުބުނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަސް ފެށެނީ އަންނަ މަހު 23 ގަ އެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރު ވެސް ރޯދަމަހަށް ހާއްސަކޮށްގެން މާލެ އާއި ވިލިމާލޭގައި ވަގުތީ މާރުކޭޓް ހުޅުވަން މަސައްކަތްކުރި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިދިޔަ އަހަރު އެކަމެއް ނުވި އެވެ.