Roadha Mihaaru
ކައުންސިލްގެ ބަޔާންތަކާ ހެދި ގެއްލުންވޭ: އެޗްޑީސީ

މާލޭ ސިޓީ ކައުންސިލްގެ ބަޔާންތަކާ ހެދި ގެއްލުންވޭ: އެޗްޑީސީ

28 ޑިސެމްބަރ 2021

ހުޅުމާލޭގެ ކަންކަން ބަލަހައްޓާ އެޗްޑީސީއާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ފަހަކަށް އައިސް ނެރެމުންދާ ބަޔާންތަކާ ހެދި ގެއްލުންވާ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގެ ކަންކަން ބަލަހައްޓާ އެޗްޑީސީއާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ފަހަކަށް އައިސް ނެރެމުންދާ ބަޔާންތަކާ ހެދި ގެއްލުންވާ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

ހުޅުމާލޭގެ ބިމުގެ އިހުތިސާސްގެ މައްސަލައިގައި އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލް ދެމެދު ދެބަސްވުން އުފެދި، މި ފަހުން އެކި މައްސަލަތަކުގައި ދެ ފަރާތުން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބޮޑު އަގުގައި ބީލަމުގެ އުސޫލުން ގޯތި ވިއްކުމަށް އެޗްޑީސީން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ވެސް ސިޓީ ކައުންސިލުން މިއަދު ވަނީ ބަޔާނެއް ނެރެ އެކަމަށް ފާޑު ކިޔާފަ އެވެ.

އެ ބަޔާނަށް ރައްދު ދިނުމަށް އެޗްޑީސީން މިރޭ ނެރުނު ބަޔާނުގައި ބުނީ، ގޯތި ވިއްކުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ކައުންސިލުން ބުނުމަކީ ސިވިލް ކޯޓުން، ހުޅުމާލޭގެ ރަޖިސްޓަރީގެ މައްސަލައިގައި ނެރުނު ވަގުތީ އަމުރާ ހިލާފު ކަމެއް ކަމަށެވެ. އަދި ސިވިލް ކޯޓުން ވަކި ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހުޅުމާލެއާ ގުޅޭ ކަންކަން ކުރުމުގެ ހުރިހާ ހައްގެއް އެ ކުންފުންޏަށް ލިބިގެންވާ ކަމަށް އެޗްޑީސީން ބުންޏެވެ.

"...މި ފަހަކަށް އައިސް މި ކޯޕަރޭޝަންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މިފަދަ ބަޔާންތަކެއް ނެރެމުން ދިޔުމުގެ ސަބަބުން މި ކޯޕަރޭޝަނަށް ނުހަނު ގެއްލުން ލިބެމުންދާތީ މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް މާލެ ސިޓީ ކައުންސިލަށް އިލްތިމާސް ކުރަން،" އެޗްޑީސީގެ ބަޔާނުގައި ވެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއަށް ހުޅުމާލެ ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރާއި އެޗްޑީސީ ވެސް އެކަަމަށް ދެކޮޅު ހަދަ އެވެ.

މި ފަހުން އެ ކުންފުންޏާއި ކައުންސިލާ ދެމެދު މައްސަލަ ހޫނުވީ، އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން އެޗްޑީސީން ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވުމުންނެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ކުއްލި ގޮތަކަށް ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރި އެވެ. ނަމަވެސް އެޗްޑީސީން އެ މައްސަލަ ކޯޓަށް ވައްދައި ވަގުތީ ގޮތުން ކުރިން އޮތް ގޮތަށް އެކަން ބަދަލު ކުރި އެވެ.