Roadha Mihaaru
އެޗްޑީސީއާ ގުޅޭ ކަންބޮޑުވުންތައް ސިޓީ ކައުންސިލަށް

އެޗްޑީސީއާ ގުޅޭ ކަންބޮޑުވުންތައް ސިޓީ ކައުންސިލަށް

22 އޯގަސްޓް 2021

ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ކަމަށްވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސަބަބުން ހިދުމަތްތައް ލިބިގަތުމުގައި ދަތިތައް ހުރިކަމަށް ބުނެ، އެ އަވަށުގެ ބައެއް އާންމުންގެ ކަންބޮޑުވުންތައް ސިޓީ ކައުންސިލަށް ހުށަހަޅައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ކަމަށްވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސަބަބުން ހިދުމަތްތައް ލިބިގަތުމުގައި ދަތިތައް ހުރިކަމަށް ބުނެ، އެ އަވަށުގެ ބައެއް އާންމުންގެ ކަންބޮޑުވުންތައް ސިޓީ ކައުންސިލަށް ހުށަހަޅައިފި އެވެ.

މާލޭގެ ވަކިވަކި ދާއިރާތަކާ ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވާ ބައްދަލުވުންތަކުގައި ރޭ ހުޅުމާލެ އަށް ހާއްސަކޮށް އެ އަވަށުގެ ރެހެންދި ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ ބައެއް މީހުން ވަނީ އެޗްޑީސީން ހުޅުމާލޭގެ ކަންތައްތައް ހިންގާ ގޮތަށް ފާޑުކިޔައި، އެ މީހުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލާ ހިއްސާކޮށްފަ އެވެ.

އެގޮތުން ހުޅުމާލޭގައި ދިރިއުޅޭ އާންމުންގެ ގޯތިތަކުގައި އިންދާ ގަސްގަހާ ގެހި ނަގަން އެ ކޯޕަރޭޝަނުގެ އޮފިޝަލުން އެންގުމާއި އާންމުންނަށް އަމިއްލަ ވިޔަފާރި ކުރުމަށް ފުރުސަތު ނުދިނުން ހިމެނެ އެވެ. ނަމަވެސް ބިދޭސީން، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާއިރު އެޗްޑީސީގެ އޮފިޝަލުން އަޅާނުލުމުގެ މައްސަލަ އާއި، އެކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކާއި ގުޅޭ ގޮތުން، ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަޅުގަނޑުމެން އެއްވެސް ޒާތެއްގެ ވިޔަފާރިއެއް ކުރަން އެޗްޑީސީ އަށް ހުށަހެޅިޔަސް ފަސް، ހަ މަސް ވާއިރު ވެސް ފޯނު ކޯލަކުން ނުވަތަ ސިޓީއަކުން ޖަވާބެއް ލިބޭ ގޮތެއް ނުވޭ،" އާންމު ރައްޔިތަކު ބުންޏެވެ.

"ކުދި ވިޔަފާރިތައް ދޭން ހުށަހެޅިޔަސް އެ ތަންތަން ހުންނަނީ އާދައިގެ ރައްޔިތަކަށް އަތްލެވޭނެ ހިސާބެއްގައެއް ނޫން. މިތަނުގައި ދިރިއުޅޭ މީހުންނަކީ ކޮންމެސް އާމްދަނީއެއް ހޯދަން ޖެހޭނެ ބައެއް،" މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އެހެން މީހަކު ބުންޏެވެ. "އަޅުގަނޑުމެންނަށް ކޮން މުނިސިޕަލް ހިދުމަތެއްތޯ ދެން ލިބޭނީ؟"

އޭގެ ތެރެއިން ބައެއް ބައިވެރިން ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލާއި މަތިކޮށްފައިވާ ރަށްވެހިކަމުގެ ބާރުތައް އެޗްޑީސީން ކައުންސިލަށް ހަވާލުކުރުމަށް ގޮވާލައިފަ އެވެ. އަދި އެކަމަށް ގޮވާލައި، ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ ތެރެއިން މީހަކު ވަނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

ސަރުކާރުގެ ހިއްސާ އޮންނަ އެޗްޑީސީ 2001 ވަނަ އަހަރު އުފައްދާފައި ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށެވެ.