Roadha Mihaaru
"ފާސްޓް 10" އަށް ދިން ދައުވަތަށް ރޮކް ބުނީ ނޫނެކޭ

"ފާސްޓް އެންޑް ފިއުރިއަސް 10" އަށް ދިން ދައުވަތަށް ރޮކް ބުނީ ނޫނެކޭ

31 ޑިސެމްބަރ 2021

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ 10 ވަނަ ފިލްމުގައި ބައިވެރިވާން އެ ސީރީޒްގެ ބައެއް ފިލްމުތަކުގެ ކާސްޓްގައި ކުރިން ހިމެނުނު ޑްވޭން ޖޯންސަން (ރޮކް) އަށް އެކްޓަރު/ޕްރޮޑިއުސަރު ވިން ޑީޒެލް ދިން ދައުވަތު ގަބޫލު ނުކުރާނެ ކަމަށް ރޮކް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ 10 ވަނަ ފިލްމުގައި ބައިވެރިވާން އެ ސީރީޒްގެ ބައެއް ފިލްމުތަކުގެ ކާސްޓްގައި ކުރިން ހިމެނުނު ޑްވޭން ޖޯންސަން (ރޮކް) އަށް އެކްޓަރު/ޕްރޮޑިއުސަރު ވިން ޑީޒެލް ދިން ދައުވަތު ގަބޫލު ނުކުރާނެ ކަމަށް ރޮކް ބުނެފި އެވެ.

އެ ފިލްމުގެ ދިހަ ވަނަ ބައިގައި ބައިވެރިވާން ރޮކަށް ޑީޒެލް ދައުވަތު ދިނީ މިދިޔަ މަހުގެ ތެރޭގައި އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ. އޭރު އޭނާ ބުނީ ކޮއްކޮ އަށް "ފާސްޓް 10" ގައި ބައިވެރިވާން ފުރުސަތު ދޭ ކަމަށާއި އެ ފުރުސަތު ދޫ ނުކުރަން ވެސް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި މިއީ ކުރިން ވެސް ވެފައިވާ ވައުދެއްކަން ހަނދާން ވެސްކޮށްދީ، ޑީޒެލް ބުނީ އާ ބައިގައި ރޮކް ކުޅެން އޮތީ ވަރަށް ވަރުގަދަ ރޯލެއް ކަމަށެވެ.

ނަމަވެސް އެ ދައުވަތު ގަބޫލު ނުކުރާނެ ވާހަކަ ސީއެންއެން އަށް ކިޔައި ދެމުން ރޮކް ބުނީ "ފާސްޓް" ގައި ދެން ބައިވެރި ނުވާނެކަން ކުރިން ވެސް އޮންނާނީ ވަރަށް ސީދަލަށް ބުނެފައި ކަމަށެވެ. އެހެންވެ އެ ބަހުގެ މަތީގައި ދެމިހުންނާނެ ކަމަށާއި "ފާސްޓް" ގައި ދެން ބައިވެރިވާނެކަން ދުށުމަކީ ވެސް ގޯހެއް ކަމަށް ބުންޏެވެ.

ރޮކްހެ އިންޓަވިއުގައި ވަނީ ޑީޒެލް ދައުވަތު ދިން ޕޯސްޓްގައި އޭނަގެ ދަރިން ރޮކަށް "އަންކަލް" ކިޔާ ވާހަކަ އާއި މި ފްރެންޗައިޒްގެ ކުރީގެ އެކްޓަރު ޕޯލް ވޯކާ ގެނެސް "ނަފުސާނީ ގޮތުން ބްލެކްމެއިލް ކުރަން" ވެސް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

"އެހެންވެ ބުނެލަން އޮތީ ކޮންމެހެން ދެން އަހަރެން ފާސްޓަށް ގެންނަން ދަރިންގެ ވާހަކަ އާއި ވޯކާގެ ވާހަކަ ގެންނާނެ ކަމެއް ނެތޭ. މިކަމުގެ ތެެރެއަށް އެ މީހުން ނުވައްދައް އެދެން، "އެއީ އަހަރެން ވަރަށް ގަޔާ ވެސް ނުވި ކަމެއް." ރޮކް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ސީރީޒްގައި ދެން ބައިވެރި ނުވާނެ ވާހަކަ މީގެ މަސްތަކެއް ކުރިން ވެސް އޮންނާނީ ވަރަށް ރަނގަޅަށް ކިޔައި ދީފަ އެވެ. އެހެންވެ ދެން އަލުން އެ ވާހަކަ ދެއްކުމުގެ މާނައެއް ވެސް ނެތް ކަމަށް ހޮލީވުޑުން މިހާރު އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ރޮކް ބުންޏެވެ.

"އަހަރެން އަބަދު ވެސް ފާސްޓްގެ ކާސްޓުންނާއި މުޅި ޓީމަށް ހެޔޮ އެދެން. އަދި އަބަދު ވެސް ކާމިޔާބީ އަށް އެދެން. އުންމީދު ކުރަނީ ދެން ގެންނަ ބަޔަކީ ވެސް ވަރަށް ކާމިޔާބު ފިލްމަކަށް ބާނެ ކަމަށް." ރޮކް ބުންޏެވެ.

"ފާސްޓް" ސީރީޒްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މެއިގައި ރިލީޒްކުރި "އެފް 9" އެވެ.

ރޮކް މި ސީރީޒްގައި ކުޅެމުން އައި އޭޖެންޓް ލޫކަސް ހޮބްސްގެ ކެރެކްޓާ ކުރިން ނުވަ ވަނަ ފިލްމުގައި ހިމަނަން ނިންނި ނަމަވެސް، އެއިން އޭނާ ނުފެނުނީ ޑީޒެލްއާ ކުނި ޖެހި، އެއްގަލަކަށް ނޭރި އޮތުމުން ކަމަށް 2016 ގައި ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި މައްސަލައިގެ އަސްލަކަށްވީ ޑީޒެލް އަށް އިޝާރާކޮށް "އަންޕްރޮފެޝަނަލް" ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހުނު ކަމަށް ބުނެ ރޮކް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުން ކަމަށް ވެސް މީޑިއާތަކުން އޭރު ބުނެފައިވެ އެވެ.

މި ސަބަބާ ހެދި ގުޅުން ހީނަރުވެ، ރޮކް "އެފް 9" އިން ފެއަށް ޖައްސާލައި، އެ ފިލްމުން ދެން ފުރުސަތު ދިނީ އޭނާ ކަހަލަ ވަރުގަދަ އެހެން އެކްޓަރަކަށެވެ. އެއީ ޖެކޮބް ޓޮރެޓޯގެ ކެރެކްޓާ ކުޅުނު ކުރީގެ ރެސްލިން ތަރި ޖޯން ސީނާ އެވެ.

ރޮކް، 49، ކުރިން މަސައްކަތް ކޮށްފައިވާ ފާސްޓްގެ ފިލްމުތަކަކީ ފާސްޓް ފައިވް (2011)، ފާސްޓް އެންޑް ފިއުރިއަސް 6 (2013)، ފިއުރިއަސް 7 (2015) އަދި ފޭޓް އޮފް ދަ ފިއުރިސް (2017) އެވެ. އަދި މި ސީރީޒްގެ ސްޕިން-އޮޕެއްގެ ގޮތުގައި 2019 ގައި ގެނެސްދިން "ހޮބްސް އެންޑް ޝޯ" ގައި ޓައިޓްލް ކެރެކްޓާތައް ކުޅުނީ ރޮކް އާއި ޖޭޒަން ސްޓެތަމް އެވެ. "ފާސްޓް 10" ފިލްމު ތާވަލު ކޮށްފައި އޮތީ އެޕްރީލް 7، 2023 އަށެވެ.