Roadha Mihaaru
ފެށީ 10,000ރ. އިން، މިހާރު މިލިއަނުން ފައިދާ

ރާއްޖޭގެ ސްޓޮކް މާކެޓް: ފެށީ 10,000ރ. އިން، މިހާރު މިލިއަނުން ފައިދާ

30 ޑިސެމްބަރ 2021

ރާއްޖޭގައި ވާދަވެރި ސެކަންޑްރީ މާކެޓެއް ނެތަސް ހިއްސާ ވިއްކަން ކުންފުންޏެއް ނުކުންނަ ކޮންމެ ފަހަރު އޯވާ ސަބްސްކްރައިބްވެ އެވެ. މިކަމުން ވެސް ދޭހަވަނީ ހިއްސާ ގަންނަން ދިވެހިންގެ މެދުގައި އޮތް ޝައުގުވެރި ކަމެވެ. އެކަމަކު 2000ގެ ކުރީކޮޅުގައި މިކަން އޮތީ މިހެނެއް ނޫނެވެ. ހިއްސާގެ ބާޒާރު ދަންނަ އަދި މި ވާހަކަތައް ދައްކާ ވެސް އުޅެނީ މަދު ބައެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ވާދަވެރި ސެކަންޑްރީ މާކެޓެއް ނެތަސް ހިއްސާ ވިއްކަން ކުންފުންޏެއް ނުކުންނަ ކޮންމެ ފަހަރު އޯވާ ސަބްސްކްރައިބްވެ އެވެ. މިކަމުން ވެސް ދޭހަވަނީ ހިއްސާ ގަންނަން ދިވެހިންގެ މެދުގައި އޮތް ޝައުގުވެރި ކަމެވެ. އެކަމަކު 2000ގެ ކުރީކޮޅުގައި މިކަން އޮތީ މިހެނެއް ނޫނެވެ. ހިއްސާގެ ބާޒާރު ދަންނަ އަދި މި ވާހަކަތައް ދައްކާ ވެސް އުޅެނީ މަދު ބައެކެވެ.

އަހުމަދު މުހައްމަދު، 36، އަކީ ރާއްޖޭގެ ހިއްސާ ބާޒާރުގެ އެންމެ ފުރަތަމަ ފެށުނު ދުވަސްވަރު ހިއްސާ ގަތް އިންވެސްޓަރެކެވެ. ޗާޓަޑް އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ އަހުމަދު އެންމެ ފުރަތަމަ ހިއްސާއެއް ގަތީ 2002 ވަނަ އަހަރު ބީއެމްއެލް އިންނެވެ. އުމުރުން އެންމެ 17 އަހަރުގައި އޭނާ އޭރު ކުރި އިންވެސްޓްމެންޓަކީ ޕާޓްޓައިމްކޮށް އަދާކުރި ވަޒީފާއިން ލިބުނު ފައިސާ ރައްކާކޮށްގެން ކުރި އިންވެސްޓްމެންޓެކެވެ. އެހާ ޒުވާން އުމުރުގައި މިފަދަ އިންވެސްޓްމަންޓެއް ކުރަން އޭނާ ބޭނުންވީ ސްކޫލުގައި ސްޓޮކް އެކްސްޗޭންޖް ކިޔެވުމުން އެކަމަށް އުފެދުނު ޝައުގެއްގެ ބޮޑުކަމުންނެވެ.

އެންމެ ފުރަތަމަ އިންވެސްޓް ކުރަން ފެށި އަހަރު އޭނާ ވަނީ ބީއެމްއެލް އާއި އެސްޓީއޯ އާއި އެމްޓީސީސީގެ ހިއްސާ ވެސް ގަނެފަ އެވެ.

"މިއީ ދިގު މުއްދަތުގައި ކުރަން ކޮންމެ މީހަކަށް ވެސް ވަރަށް ރަނގަޅު ކަމެއް. ސްޓޮކަށް އިންވެސްޓް ކޮއްގެން ފަހަށް ރައްކާ ކުރަން ވަރަށް ފަސޭހަވޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ މިދިޔަ 19 އަހަރު އޭނާ އަށް ހިއްސާއިން ލިބުނު ފައިދާ ވަރަށް ބޮޑުތަން އިތުރު ވެފައިވާ ކަމަށެވެ. މިވަގުތު އެނާ އިތުރު އެހެން ކުންފުނިތަކުގައި ވެސް އިންވެސްޓް ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ދިރާގައި އުރީދޫ އާއި އެމްއައިބީ ފަދަ ކުންފުނިތައް ވެސް ހިމެނެ އެވެ.

މިދިޔަ ދުވަސްތަކުގައި އޭނާ ވަނީ ފުދޭވަރެއްގެ އަދަދެއް ސްޓޮކް މާކެޓަށް އިންވެސްޓްކޮށްފަ އެވެ. އެގޮތުން، މިދިޔަ އަހަރުތަކުގެ ތެރޭގައި އިންވެސްޓް ކުރި އަދަދުގެ މާކެޓް ވެލިއު ވަނީ ގާތްގަނޑަކަށް ދެގުނައަށް އަރައިފަ އެވެ. އަދި މިހާތަނަށް ޑިވިޑެންޑްގެ ގޮތުގައި އޭނާއަށް، އިންވެސްޓްކުރި އަދަދުގެ ގާތްގަނޑަކަށް 75 ޕަސެންޓް އިތުރަށް ލިބިފައި ވެއެވެ.

އޭނާ ބުނީ، ސްޓޮކް މާކެޓުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޭނުންވާ ރޭޓެއްގައި ގަންނާނެ މީހުން ނުލިބުމާ އިއެކު ބޭނުންވާ އަދަދަށް ހިއްސާ ވިއްކާނެ މީހުން ވެސް ނެތުން ކަމަށެވެ.

ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޮރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބޭއްވި "ކެޕިޓަލް މާކެޓް ފޯރަމް 2019"ގެ ތެރެއިން..--- ފޮޓޯ: މިހާރު

ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޮރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބޭއްވި "ކެޕިޓަލް މާކެޓް ފޯރަމް 2019"ގެ ތެރެއިން..--- ފޮޓޯ: މިހާރު

"ބޭނުންވާ ދަނޑިވަޅުގައި އެ ބޭނުންވާ ވަރަށް ހިއްސާ ނުލިބިދާނެތީ ގިނަ މީހުން ތިބެނީ ގަންނަ ހިއްސާކޮޅާ އެކު. އަޅުގަނޑަށް ވެސް ވަނީ އެހެން. ރާއްޖޭގައި އެހާ ފުޅާ ދާއިރާއެއްގައި ސެކަންޑަރީ މާކެޓެއް އަދި ނެތް،" އޭނާ ބުންޏެވެ.

ރާއްޖޭގައި ހިއްސާގެ ބާޒާރަށް މުސްތަގްބަލެއް އެބައޮތް

އަހުމަދު ބުނީ، ރާއްޖޭގައި ހަރަކާތްތެރި ސެކަންޑްރީ މާކެޓެއް އަދި ނެތް ނަމަވެސް ހިއްސާއަކަށް ކުންފުނިތަކުން ދޭ ޑިވިޑެންޑްގެ އަދަދު ރަނގަޅު ކަމަށެވެ. އޭނާ ބުނީ ފައިދާވާ ކުންފުނިތަކުން ރާއްޖޭގައި އާންމުކޮށް 10 ޕަސެންޓް ހިއްސާދާރުންނަށް ބަހާ ކަމަށެވެ. މިއީ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގެ ކުންފުނިތަކުން ހިއްސާދާރުންނަށް އާންމުކޮށް ބަހާ ވަރަށް ވުރެ ރަނގަޅު އަދަދެކެވެ. އެހެންވެ ކުރާ އިންވެސްޓްމެންޓް ރިކަވާ ކުރަން ފަސޭހަވެ އެވެ. އޭނާ ބުނީ، ބީއެމްއެލް ފަދަ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ވެސް މިހާރު ބޮޑު ފައިދާއެއް ނެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހާ ދުވަސް ވަންދެން ރާއްޖޭގައި ސްޓޮކް މާކެޓުގައި އިންވެސްޓް ކުރަމުން ދިޔަ އިރު އޭނާ އަށް ވަނީ ވަރަށް ހިތި ތަޖުރިބާއަކާ ވެސް ކުރިމަތިވެފަ އެވެ. އޭނާ ވަނީ އާއިލާގެ މީހެއްގެ އަތުން ހަ ލައްކަ ރުފިޔާ ލޯނެއްގެ ގޮތުގައި ނަގައިގެން އެމްޓީޑީސީ އަށް އިންވެސްޓް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ކުންފުންޏަށް މާބޮޑު ފައިދާއެއް ނުވުމުން، އިންވެސްޓްކުރި ފައިސާއެއްގެ ބޮޑުބައި އޭނާ އަށް ގެއްލުނީ އެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓް: ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބޭއްވި "ކެޕިޓަލް މާކެޓް ފޯރަމް 2019" -- ފައިލް ފޮޓޯ: މިހާރު

ކުރުނބާ މޯލްޑިވްސް ރިސޯޓް: ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބޭއްވި "ކެޕިޓަލް މާކެޓް ފޯރަމް 2019" -- ފައިލް ފޮޓޯ: މިހާރު

"މިއީ ވެސް ނަގާ ރިސްކެއްތާ. އެކަމަކު އެމްޓީޑީސީން ކުރި ތަޖުރިބާގެ އަލީގައި މިހާރު އިންވެސްޓް ކުރަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެމްޓީޑީސީ އަށް ފަހު ކުރާ ހުރިހާ އިންވެސްޓްމެންޓެއްގައި ވެސް އެ ކުންފުނީގެ ހިސްޓްރީ އަށް މިހާރު ބަލާ ކަމަށެވެ.

"ސްޓޮކް މާކެޓްގައި ޕްރޮފިޓް މޭކް ކުރާ ތަންތަނަށް ކޮށްފިއްޔާ ރަނގަޅުވާނެ،" އޭނާ ބުންޏެވެ.

އަހުމަދަކީ ރާއްޖޭގެ ސްޓޮކް މާކެޓަށް އިންވެސްޓްކޮށް އޭގެ ފައިދާ ހޯދަމުން އަންނަ މީހަކަށް ވާއިރު ރާއްޖޭގައި އިތުރު ކުންފުނިތައް ސްޓޮކް މާކެޓަށް ވަނުން ވަރަށް މުހިއްމު ކަމަށް އޭނާ ދެކެއެވެ. ރާއްޖޭގައި މި ވަގުތު ސްޓޮކް މާކެޓުގައި ލިސްޓުކޮށްފައި ވަނީ ނުވަ ކުންފުންޏެވެ. މި ކުންފުނިތަކުގެ އިތުރަށް އެހެން ކުންފުނިތަކުން ވެސް އާންމުންނަށް ހިއްސާ ވިއްކަން ފަށައފި ނަމަ ސްޓޮކް ދައުރުވެ، ސެކަންޑްރީ މާކެޓަކަށް ވެސް ފުރުސަތު ބޮޑުވާނެ އެވެ. އަހުމަދު ވެސް ދެކެން ބޭނުންވަނީ ވާދަވެރި އަދި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ހިއްސާގެ ގަނެ ވިއްކުމުގެ ވިޔަފާރި ހިނގައިގަންނަ ތަނެވެ.