Roadha Mihaaru
ހިއްސާގެ ބާޒާރު ތަރައްގީ ކުރަން ބޫޓާނާ މަޝްވަރާކޮށްފި

ހިއްސާގެ ބާޒާރު ތަރައްގީ ކުރުމަށް ރާއްޖެ އާއި ބޫޓާނުން މަޝްވަރާކޮށްފި

27 ފެބުރުއަރީ 2017

ޓެކްނޮލޮޖީގެ އެހީގައި ދެ ގައުމުގެ ހިއްސާގެ ބާޒާރު ތަރައްގީ ކުރުމަށް ރާއްޖެ އާއި ބޫޓާނުން މަޝްވަރާކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ޓެކްނޮލޮޖީގެ އެހީގައި ދެ ގައުމުގެ ހިއްސާގެ ބާޒާރު ތަރައްގީ ކުރުމަށް ރާއްޖެ އާއި ބޫޓާނުން މަޝްވަރާކޮށްފި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)ން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ މަޝްވަރާތައް ކޮށްފައި ވަނީ ބޫޓާނުގެ ހިއްސާގެ ބާޒާރު، ރޯޔަލް ސެކިއުރިޓީޒް އެކްސްޗޭންޖް އޮފް ބޫޓާނުގެ ސީއީއޯ ޑޯޖީ ފުންޓްޝޯ މިދިޔަ ހަފުތާގައި ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ. މި ދަތުރުގައި، ޑޯޖީ ވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ސީއީއޯ ހަސަން މަނިކާ ބައްދަލުކުރައްވައިފަ އެވެ.

އެ ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އެމްއެސްއީން ބުނި ގޮތުގައި، ކުދި ގައުމުތަކަށް ނިސްބަތްވާ ދެ ހިއްސާގެ ބާޒާރުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުންނެވެ. ހާއްސަކޮށް، ޓެކްނޮލޮޖީގެ އެހީގައި ދެ ގައުމުގެ ހިއްސާގެ ބާޒާރު ތަރައްގީ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ތަނުން ބުންޏެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި 10 ކުންފުންޏެއް ވަނީ ލިސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމުގައި ވިޔަސް، އަމިއްލަ ކުންފުނިތަކުން ލިސްޓުކުރާ މިންވަރު ވަނީ މި ފަހުން އިތުރުވެފަ އެވެ. އެ ގޮތުން، ޝިޕިން އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވާ ސެންޗޫރިއަން އާއި މުވާސަލާތީ ހިދުމަތް ދޭ އުރީދޫން ވަނީ މިދިޔަ އަހަރު ލިސްޓުކޮށްފަ އެވެ. ސެންޗޫރިއަން އިން މިދިޔަ އަހަރު ހިއްސާ ވިއްކާފައި ވާއިރު، އުރީދޫން މި އަހަރުގެ ކުރީކޮޅު ހިއްސާ ވިއްކަން ފަށަން ވަނީ ނިންމައިފަ އެވެ.

މީގެ 24 އަހަރު ކުރިން އުފެއްދި ބޫޓާންގެ ހިއްސާގެ ބާޒާރުގައި 21 ކުންފުންޏެއް ވަނީ ލިސްޓުކޮށްފަ އެވެ. މިއީ ޖުމްލަ 375 މިލިއަން ޑޮލަރުގެ މާކެޓް ކެޕިޓަލައިޒޭޝަނެއް ހިމެނޭ ބާޒާރެކެވެ.