Roadha Mihaaru
ސެންޗޫރިއަންގެ ހިއްސާ ވިއްކުން ނިންމާލައިފި

ސެންޗޫރިއަންގެ ހިއްސާ ވިއްކުން ނިންމާލައިފި

01 ފެބުރުއަރީ 2017

ސެންޗޫރިއަން ކުންފުނީގެ ހިއްސާ ވިއްކުން ނިންމާލައި އަންނަ މަހު ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ސެންޗޫރިއަން ކުންފުނީގެ ހިއްސާ ވިއްކުން ނިންމާލައި އަންނަ މަހު ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އާއްމުކޮށް ހިއްސާ ވިއްކި ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މަސައްކަތް މިދިޔަ ހޯމަދުވަހު ވަނީ ނިންމާލައިފަ އެވެ. މި މަސައްކަތް ވަރަށް ކާމިޔާބު ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިއްސާ ވިއްކުމުގެ މަސައްކަތުގައި ސެންޗޫރިއަން އިން ވަނީ 10 ރަށެއްގައި އެޖެންޓުން ކަނޑައަޅައި އެ ފަރާތްތައް މެދުވެރިކޮށް ކުންފުންޏާ ބެހޭ މައުލޫމާތު ދީ، ހިއްސާ ވިއްކައިފަ އެވެ. އަދި ސެންޗޫރިއަންގެ ޓީމުތައް 31 ރަށަކަށް ދަތުރުކޮށް، ރޯޑްޝޯތައް ބާއްވައިފަ އެވެ. އެ ރޯޑްޝޯތައް މެދުވެރިކޮށް ވެސް ވަނީ ހިއްސާ ވިއްކައިފަ އެވެ.

"މި ފުރުސަތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އުފަލާ އެކު ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

ގަވާއިދުތައް ބުނާ ގޮތުން، ހިއްސާގެ ބާޒާރުގައި ސެންޗޫރިއަންގެ ހިއްސާ އަންނަ މަހުގެ އަށެއްގައި މުއާމަލާތް ކުރަން ފަށަން ޖެހެ އެވެ.

ސެންޗޫރިއަން އިން ބުނީ އެކަމަށް ތައްޔާރުވުމަށް، ހިއްސާ ވިއްކުމާ ގުޅޭ އިންޓާނަލް އޮޑިޓެއް މިހާރު ހަދަމުން އަންނަ ކަމަށެވެ. މި އޮޑިޓަށް ފަހު، ހިއްސާ ގަތް ފަރާތްތަކަށް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހިއްސާގެ ސެޓްފިކެޓް ހަވާލުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސެންޗޫރިއަން އިން މުދާ އެތެރެކޮށް، ގުދަންކޮށްފައި ބަހައްޓައި ދިނުމާއި ރާއްޖޭގެ އެކި ހިސާބުތަކަށް އެ ތަކެތި ގެންގޮސްދިނުމާއި އެކަމާ ގުޅުން ހުރި ހުރިހާ ހިދުމަތެއް ދެ އެވެ. އަދި ރާއްޖޭން ބޭރުގެ ބޮޑެތި ޝިޕިން ލައިންތަކުގެ އެޖެންޓުކަން ކުރުމުގެ އިތުރަށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗާއި އެ ނޫން ވެސް މުދާ އެ ކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ދޯނިފަހަރުގައި ރިސޯޓުތަކަށް ގެންގޮސްދިނުމުގެ ހިދުމަތް ވެސް 2010 ގައި އުފެއްދި ސެންޗޫރިއަން އިން ދެ އެވެ.

ކުންފުނީގެ 49 ޕަސެންޓް ހިއްސާ، 25 ރުފިޔާގެ މަގުން ވިއްކައިގެން ހޯދަން އަމާޒުކުރި 168،945،000 ރުފިޔާ އިން މުދާ އުފުލާ 10 ދޯންޏާއި ޓަގަކާއި ބާޖަކާއި ދެ އުފުއްޔާއި އާގުބޯޓެއް ގަތުމުގެ އިތުރަށް، ގުދަން ހަދައި ތަރައްގީކުރަން ވަނީ ނިންމާފަ އެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ހަތްވަނަ ކުންފުންޏަށް ސެންޗޫރިއަން ވެފައި ވާއިރު، އެ ބާޒާރުގައި ގިނައިން ލިސްޓުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމްޓީސީސީ އާއި އެސްޓީއޯ އާއި އެމްޓީޑީސީ އާއި ދިރާގު ފަދަ ކުންފުނިތައް ހިމެނެ އެވެ.

މި ފަހުން ވަނީ މުވާސަލާތީ ހިދުމަތް ދޭ އުރީދޫން ވެސް ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފަ އެވެ. އަދި މި އަހަރުގެ ކުރީކޮޅު ހިއްސާ ވިއްކަން އާއްމުކޮށް ހުޅުވާލަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.